Advertisement

ބަހަނާ ނުދައްކައި އަވަހަށް މާލީ ހިސާބުތައް ހާމަ ކުރޭ: އަމީރު

19 އޮކްޓޯބަރު 2024 - 18:34 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ބަހަނާ ނުދައްކައި އަވަހަށް މާލީ ހިސާބުތައް ހާމަ ކުރުމަށް ގޮވާލެއްވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ބަހަނާ ނުދައްކައި އަވަހަށް މާލީ ހިސާބުތައް ހާމަ ކުރޭ: އަމީރު

19 އޮކްޓޯބަރު 2024 - 18:34 0

ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމަށް ބަހަނާ ނުދައްކައި ވީހާ ވެސް އަވަހަށް މާލީ ހިސާބުތައް ހާމަ ކުރުމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ގޮވާލައްވައިފި އެވެ.

އަމީރު "އަދަދު" އަށް ވިދާޅުވީ މި އަހަރު ދައުލަތުގެ ބަޖެޓުން 50 ބިލިއަނެއްހާ ރުފިޔާ ހަރަދުކުރިއިރު ރަށްރަށުގެ ޕްރޮޖެކްޓްތައް ހުއްޓި ރައްޔިތަކަށްވީ ފައިދާއެއް ނުވެ، ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމަށް މާލީ ހިސާބުތައް އާންމުނުކޮށް ދެއްކީ ހުސް ބަހަނާ ކަމަށެވެ.

"ބަޖެޓް ހުސްވެގެން ދިޔައިރު ރާއްޖޭގައި އެއްވެސް ކަމެއް ނުވޭ. ރައްޔިތުން ބުނަނީ ހުރިހާ ރަށެއްގެ ހުރިހާ ޕްރޮޖެކްޓެއް އޮތީ ހުއްޓިފައޭ. ހުރިހާ ސެކްޓާއެއްހެން އޮތީ ހުއްޓިފައި. 50 ބިލިއަނެއްހާ ރުފިޔާގެ ބަޖެޓެއް ހުސްވެގެން، ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަންވީ ސަބަބުތައް ކިޔައިދޭންވީ. އެކަން އޮޅުވާލަންވެގެން ހުރިހާ ވާހަކަތަކެއް ދެއްކީ،" އަމީރު ވިދާޅުވި އެވެ.

މިދިޔަ ފަސް އަހަރު ދައުލަތުގެ ފިސްކަލް ޕޮލިސީ ހިންގީ މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދާ އެއްގޮތަށްކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ މައްސަލައެއް އޮތްނަމަ އެ މައްސަލަ ބަލައި ތަފާސް ހިސާބުތައް އާންމުކުރާހާ ދުވަސްވެފައިވާ ކަމަށެވެ.

"ޖޫން މަހުން ފެށިގެން މިހާތަނަށް އެތައް މަހެއް ވެގެން ދިޔައިރު ތަފާސް ހިސާބުތައް ޝާއިއު ނުކުރެވެންޏާ ވަރަށް ބޮޑު މައްސަލައެއް އެއީ. [ސަރުކާރުގެ] ނާގާބިލުކަން އެނގެނީ. ބަލަން ޖެހޭ މައްސަލަވިއްޔާ ބެލުމަށްފަހު ތަފާސް ހިސާބުތައް ޝާއިއުކުރާހާ ދުވަސްވެއްޖެ،" އަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ ބަޖެޓް ޕްރޮސެސް އޮންނަ ގޮތުން ވެރިކަން ނިމޭ އަހަރު ހުންނަ ބިލުތައް އޭރު އޮންނަ ސަރުކާރަކުން ނުދައްކާ ކަމަށާއި އެ ބިލުތައް ދައްކަނީ އަބަދުވެސް ޖެހިގެން އަންނަ ސަރުކާރުން ކަމަށް އަމީރު ވިދާޅުވި އެވެ.

އެގޮތުން، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު ހުރި ބިލުތަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފައިސާތައް ދެއްކިކަން ފާހަގަ ކުރައްވާ އަމީރު ވިދާޅުވީ 2019 ގެ ބަޖެޓުގައި އެ ފައިސާތައް ދައްކަން ތިން ބިލިއަނެއްހާ ރުފިޔާ ޖެހި ކަމަށެވެ.

"2018 ގައި އެމްޑީޕީ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބިލުތަކަށް ފައިސާ ނުދައްކާ ހުރި. މައްސަލައަކަށް ނަހަދައި 2019 ގެ ބަޖެޓުގައި ކުރީ ސަރުކާރުގެ ޑެޓް ދެއްކުމަށާއި ޕޯސްޓް ކޮށްފައި ހުރި ބިލުތައް ދެއްކުމަށް ތިން ބިލިއަނެއްހާ ރުފިޔާ ހުންނާނެ ޖަހާފައި. އެއީ ރާއްޖޭގެ ބަޖެޓް ޕްރޮސެސް އޮންނަ ގޮތުން އެކަން ކުރާ ގޮތް،" އަމީރު ވިދާޅުވި އެވެ.

އަމީރު ކުރިން ލަފާ ކުރެއްވި ގޮތުގައި ދައުލަތުގެ ބަޖެޓް މި އަހަރު 57 އަށް ބިލިއަން ރުފިޔާއަށް އަރާނެ އެވެ. އެއީ ފާސްކުރި ބަޖެޓަށްވުރެ 8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ސަބަބުތަކެއް ގޮތުގައި އަމީރު ކުރިން ފާހަގަ ކުރެއްވީ ހަރަދުގެ ރިފޯމްތައް ފަސްވެ، ސަރުކާރުން ކުރާ ހަރަދުތައް އިތުރުވެ، ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުވުމެވެ.

ފިނޭންސް މިނިސްޓަރު ޒަމީރު، ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހޭ ކަން ހާމަކުރައްވަމުން، މިއަދު ވިދާޅުވީ ބެލެވޭ ގޮތުގައި ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ފަސް ބިލިއަން ރުފިޔާ އެވެ. އަދި މިހާރު މަސައްކަތް ކުރެވެމުންދަނީ އެ މިންވަރުގައި ސަޕްލިމެންޓު ހިފަހައްޓަން ކަމަށް އޭނާ ވިދާޅުވި އެވެ.