Advertisement

ޔާމީނެއް ނަޝީދެއް ސޯލިހެއް ނޫން! އައު މޫނެއް!

ކުރީގެ ރައީސް ނަޝީދު، ޔާމީން އަދި ސޯލިހު


ޔާމީނެއް ނަޝީދެއް ސޯލިހެއް ނޫން! އައު މޫނެއް!

ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ރައީސް ޔާމީން އަނެއްކާވެސް ވާދަކުރައްވަފާނެ ހެއްޔެވެ؟ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވާދަކުރައްވާނެ ހެއްޔެވެ؟ ރައީސް ނަޝީދު ވާދަކުރައްވާނެ ހެއްޔެވެ؟ ގާސިމް އަނެއްކާވެސް އެކަމާ އުޅުއްވަފާނެ ހެއްޔެވެ؟ މި ސުވާލުތައް މިހާރުވެސް އަޑުއިވެން ފަށައިފި އެވެ. ރިޔާސީ އިންތިހާބުގައި ވާދަކޮށްފާނެ ކެންޑިޑޭޓުންގެ ލިސްޓު އިވޭއިރު މި ނަންތައް އަދިވެސް އަންނަނީ ލިސްޓުގެ އެންމެ ކުރިޔަށެވެ.

މީގެ ޒަމާންތަކެއް ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅަކު އަޅުގަނޑަށް ކިޔައިދެއްވި އެވެ. ތިމަންނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ހުއްޓައި ރައީސް ނާސިރުގެ ސިޓީފުޅެއް އެ މަޖިލީހަށް އައެވެ. ސިޓީފުޅުގައި ވިދާޅުވެފައި އޮތީ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ގަސްތުކުރައްވާ ވާހަކަ އެވެ. އެ ސިޓީ ވެގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބުނު ބޮޑު ހާސްކަމަކަށެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައްދަލުވުންތައް ބާއްވައި ގައުމުގެ ވެރިކަމަށް ދެން ގެންނާނޭ މީހަކާމެދު މަޝްވަރާކުރަން ފެށި އެވެ. ރައީސް މައުމޫނުގެ ނަންފުޅުވެސް ހުށަހެޅިގެން ދިޔަ ކަމަށްވަނީ އެ ބައްދަލުވުންތަކުގެ ތެރޭގަ އެވެ. އެ ހުށަހެޅުން ހިފައިގެން ރައީސް މައުމޫނު އަރިހަށް ދިއުމުން އެކަމަށް ކުރެއްވީ އިންކާރެވެ. އެމަނިކުފާނު ވެރިކަން ބޭނުންފުޅު ނުވާކަމަށް އެ މެންބަރުންނަށް ވިދާޅުވި އެވެ. ދެވަނަ ފަހަރު ވާހަކަ ދެއްކުމުންވެސް ދެއްވީ ހަމަ އެ ޖަވާބެވެ. މި މެންބަރު ކިޔައިދެއްވި އެވެ. ތިންވަނަ ފަހަރު ތިމަންނާ އަބްދުﷲ ހަމީދާ ބައްދަލުކޮށް ދެންނެވީމެވެ. މައުމޫނަށް ދަންނަވާށެވެ. މި ދަތި ދަނޑިވަޅުގައި އެމަނިކުފާނުގެ ގައުމުގެ ރައީސްކަމާ ހަވާލުވެވަޑައިނުގެންފިނަމަ ދިވެހި ދައުލަތުގެ ހަރަދުގައި ހޯއްދެވި ތައުލީމަށްވެސް ހުތުރު ނޫންތޯ އެވެ. ރައީސް މައުމޫނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް އެއްބަސްވެވަޑައިގަތްކަމަށްވަނީ މިކަހަލަ ވަރަށް ގިނަ ބަހުސްތަކަށްފަހުގަ އެވެ.

އޭރު ރައީސް ނާސިރު ވެރިކަމުން ދުރުވެވަޑައިގަންނަވަން ނިންމެވީމާ ދެން ވެރިކަން ކުރެވިދާނޭ ވަރުގެ މީހަކު ހުރިކަމަކަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނަށްވެސް ގަބޫލު ނުކުރެވުނީ އެވެ. ވެރިކަމާ ހަވާލުވެވަޑައިގެން ދެއްވާތޯ، އެ ބޭފުޅުންނަށް ގާބިލުކަމަށް ފެނިވަޑައިގެންނެވި ބޭފުޅުންނަށް އާދޭސް ދެންނެވީ އެހެންވެ އެވެ. ރައީސް މައުމޫނު 'މަޖުބޫރުފުޅުވެވަޑައިގެން' ވެރިކަމާ ހަވާލުވެވަޑައިގެންނެވި ގޮތަށް ތިރީސް އަހަރު ވީއިރު، ވެރިކަމަކީ ރައީސް މައުމޫނު ނޫން ބޭފުޅަކަށް ކުރެއްވިދާނޭ ވަރުގެ ކަމެއް ނޫންކަމަށް ގަބޫލުކުރާ އެތައް ބަޔަކު ތިއްބެވެ. މައުމޫނު ކަމަކު ނުދެޔޭ މީހަކު ބުނާއިރަށް ލިބޭ ޖަވާބަކީ ދެން ހުރީ ވަކި ކާކު ހެއްޔޭ އެވެ.

އެކަމަކު މިހާރު މަންޒަރު ދެކޭށެވެ. ރައީސް މައުމޫނުގެ ވެރިކަން ނިމުނު ފަހުން މާލޭގެ ދެ މީހަކާއި ތިނަދޫ މީހަކާއި ހިންނަވަރު މީހަކުވެސް ވެރިކަން ކޮށްފި އެވެ. މިހާރު ރައީސްކަމުގައި އެހުންނެވީ ވަށަފަރު މީހެކެވެ. އެހެންވީމާ ވެރިކަން ކުރާނޭ މީހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެއް ނޫން ހެއްޔެވެ. މީގެ ޒަމާންތަކެއް ކުރިން ދިވެހިން ތާށިވި ދަލުގައި އަޅުގަނޑުމެންގެ ޖީލު ތާށިވެފައި ތިބެންޖެހޭނޭ ސަބަބެއް ނެތެވެ. ވެރިކަމަށް ކުފޫހަމަވާ، ނުވަތަ އެކަން ކުރާން ދަންނަ ބަޔަކަށް ތިބީ ކުރިން ވެރިކަން ކުރި މީހުން އެކަނި ކަމަށް ދެކި، އެ ނޫން ގޮތެއް ނެތްކަމަށް ދެކިގެން އެ ހާލަތަށް އެނބުރި ދާކަށް ނުޖެހެ އެވެ.

އަޅުގަނޑުގެ ބަހެއް އަޑުއަހާނެ މީހަކު ހުރިނަމަ ކުރިން ވެރިކަން ކުރި މީހުންގެ ތެރެއިން އެއްވެސް މީހަކު އަލުން ގާތްކުރާނެ ކަމެއް ނެތެވެ. މި ބޭފުޅުންނަށް ބަދުބަހެއް ދަންނަވާކަށް އަޅުގަނޑުގެ ހިތެއްވެސް ނުރުހެ އެވެ. އެ ބޭފުޅުން ރަނގަޅެވެ. އެ ހުރިހާ ބޭފުޅުންނަކީވެސް އެ ބޭފުޅުންގެ ޒައާމަތުގައި ވަރަށް ބޮޑެތި ހިދުމަތްތައް ކޮށްދެއްވި ބޭފުޅުންނެވެ. ހެޔޮ ކަންކަމާއި، ވަރަށް ގޯސް ނިންމުންތައްވެސް މިއިން ކޮންމެ ބޭފުޅަކަށްވެސް ނިސްބަތްކުރެވެ އެވެ. މިހާރު އޮތީ އެ ބޭފުޅުންގެ ހެޔޮކަންކަމަށް ޝުކުރު ދަންނަވައި، ގޯސް ނިންމުންތަކަށް މައާފުކޮށް، ހަނދާން ނައްތާލުމެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނެވެ. އަޅުގަނޑުމެންގެ ގައުމުގެ އަމާޒު މިސްރާބުކުރުމުގައި ފަސްދޮޅަހުގައި އުފަންވެ، އަށްޑިހައިގެ ފަހުކޮޅާއި ނުވަދިހައިގެ ކުރީކޮޅު އެރި ސިޔާސީ ތަރިތަކަށް އަދިވެސް ފިލާއަޅާނަމަ މިސްރާބު އޮޅުން ނޫންކަމެއް ނުވާނެ އެވެ. ބަދަލުވަމުންދާ ދުނިޔެއާއެކު އަޅުގަނޑުމެންގެ ސިޔާސީ މަސްރަހުވެސް ބަދަލުވާންޖެހެ އެވެ. ކުރިން ތިބި މާލިމީން ދުއްވި މިސްރާބުންނާއި ހިފެހެއްޓެވި ދުވެލިން މިއޮޑި ލައްކަތަނުން ކުރިއަށް ގޮސްފައެއް ނެތެވެ. ފަހަތަށް އެޅި ދެ ފިޔަވަޅާއިއެކު ކުރިއަށް ފިޔަވަޅެއް އަޅަމުން ބާރަށް ކުރިއަށޭ ގޮވިޔަސް މިންއަޅައި ހިސާބު ޖަހާއިރު ސިކިސްތާނުން ދައްކަނީ ގައުމު ފަހަތަށް ދިޔަ ތަނެވެ. ނެވިންނާއި ފަޅުވެރިން ބަދަލުވާންޖެހެނީ އެހެންވީމަ އެވެ.

ނުވަދިހައިގެ ސިޔާސީ ތަރިންގެ ހުރިނަމަ ހުރި ތަޖުރިބާއެއްގެ ބޭނުންކުރުމުގައި ކުށެއް ނެތެވެ. އެހެންނަމަވެސް، އެ ބޭފުޅުން ދުށް ދިވެހިންނާއި މިހާރުގެ ދިވެހިން ހާސްބައި ތަފާތެވެ. މުޅި ދުނިޔޭގެ ސިޔާސީ މިސްރާބުވެސް ބަދަލުވެއްޖެ އެވެ. އެ ބޭފުޅުންގެ ބޭނުން ހިފަން ގަސްތުކުޅަޔަސް ހިފޭނީ ކިހާ ބޭނުމެއް ކަމެއް ވެސް ނޭނގެ އެވެ. މި ބޭފުޅުންގެ ބޭނުން ހިފުމުގައި އޮތް އަނެެއް ނުރައްކަލަކީ މި ބޭފުޅުންގެ ކިބައިގައި ހުރި ވެރިކަމުގެ ދަހިވެތިކަމާއި މަވަންތަ ކަމެވެ. އެހެންވީމާ ބޭނުން ހިފިޔަސް، ހިފާ މީހަކު އެކަމުގައިވެސް ފަރުވާތެރިވާންޖެހެ އެވެ.

އިންޑިއާގެ މިނިވަންކަމުގެ ބާނީ ކަމުގައި ގިނަ ބަޔަކު ދެކޭ މޮހަންދާސް ކަރަމްޗަންދް ގާންދީ ނުވަތަ މަޝްހޫރު ނަމުން ނަމަ މަހާތުމާ ގާނދީ އަވަހާރަކޮށްލީ ނަތުރާމް ގޯސޭ އެވެ. އޭނާ ބުނާގޮތުން އޭނާ އެކަން ކުޅައީ އޭނާ ގައުމަށްޓަކައި އަދާކުރި އަހުލާގީ ވާޖިބެއްގެ ގޮތުންނެވެ. އޭނާ ދުށްގޮތުގައި، ގައުމުގެ ސިޔާސީ ކަންކަމުގައި ގާނދީގެ ބަސް ހިނގާހާ ދުވަހަކު ގައުމު ރަނގަޅު މިސްރާބަކަށް ނުދާނެ އެވެ. ސިޔާސީ ކަންކަމުގައި ބަސް ނުކިޔައި ދުރަށް ދާކަށް ގާނދީވެސް ގަސްތެއް ނުކުރި އެވެ. އޭނާ ބޭނުންވާ ގޮތަކަށް ކަންކަން އަނބުރާލުމަށް ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރުމާއި، އޭނާއަށް ތާއީދުކުރާ މީހުންގެ އެހީ ހޯއްދަވައި އެކި ގޮތްގޮތަށް ފިއްތައިގެން އޭނާ ބޭނުންވާ މަގުސަދު ހާސިލުކުރެ އެވެ. އޭނާގެ ސިޔާސަތަށް ސަރުކާރު ލަންބުވާލަ އެވެ. ގޯސޭ ގަބޫލުކުރި ގޮތުގައި ސިޔާސީ ކަންކަމުގައި ގާނދީގެ ބައިވެރިވުމާއި، ގޮތްކިޔުމާއި ފާޑުކިޔުން ނިމުމަކަށް ގެނެވޭނީ ގާނދީގެ ނިމުމާއެކުގަ އެވެ. ގޯސޭގެ ނިންމުމަަށާއި އޭނާގެ އަމަލަށް ތާއީދުކުރީކީ މަދު ބައެއްވެސް ނޫނެވެ.

މާތްﷲ ގެ ހެޔޮ ރަހުމަތުން އަޅުގަނޑުމެންގެ މި ގައުމުގައި މިފަދަ ވިސްނުމެއް ނުއުފެދޭނެ އެވެ. ބަދަލަކީ ދުނިޔޭގެ އެންމެ އަސާސީ ގާނޫނުކަން ދިވެހިން ގަބޫލުކުރާކަން ރާއްޖޭގެ ސިޔާސީ މަސްހަރުން އެއޮތީ ފެންނާށެވެ. ދެން އޮތީ މި ގަބޫލުކުރުން މަތީގައި ދެމިތިބެ، ސިޔާސީ އައު މޫނަކަށް ޖާގަ ދީގެން އަޅުގަނޑުމެންގެ ގައުމުގެ މިސްރާބު ހަމަމަގަށް އެޅުވުމެވެ.