Advertisement

ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ އިހަވަންދޫ ކައުންސިލްގެ ނުރުހުން ސަރުކާރަށް

އިހަވަންދޫ ކައުންސިލްގެ މެންބަރުން: މަޝްރޫއުތައް ހުއްޓި އިހަވަންދޫ ކައުންސިލުން ވަނީ ސަރުކާރަށް ފާޑުކިޔާ ބަޔާނެއް ނެރެފަ --- ފޮޓޯ: އިހަވަންދޫ ކައުންސިލް


ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ އިހަވަންދޫ ކައުންސިލްގެ ނުރުހުން ސަރުކާރަށް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރަށުގައި ފަށާފައިހުރި ތަރައްގީގެ މަޝްރޫއުތައް ހުއްޓި، މަޑުޖެހުމުގެ ސަބަބުން ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މެޖޯރިޓީ އޮންނަ އިހަވަންދޫ ކައުންސިލުން ސަރުކާރާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މީގެ ތިން އަހަރުކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލްގެ ގޮނޑިތައް ކާމިޔާބުކުރި ފަސް ކައުންސިލަރުން ސޮއިކޮށް ނެރުނު ބަޔާނުގައި ބުނީ، 2021 އިން ފެށިގެން ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއަކީ އެ ރަށުގެ އުމްރާނީ ތަރައްގީގެ އެހެން މަޝްރޫއުތަކާ ގުޅިފައި އޮތް މަޝްރޫއެއް ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް ނުނިމި ލަސްވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެގޮތުން މި މަޝްރޫއު ލަސްވުމުން ރަށުގެ ކުނި މެނޭޖުކުރުމާއި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހުއްޓިފައިވާކަން ވެސް ކައުންސިލުން ފާހަގަކުރި އެވެ. އަދި، އެ ރަށު ބަނދަރުގެ ބައެއް ގަނބައިގެންފާ މައްސަލަ ހައްލުކުުރުމަށް ވެސް ސަރުކާރުން އެއްބާރުލުން ލިބެމުން ނުދާ ކަމަށް ކައުންސިލުން ބުންޏެވެ.

އިހަވަންދޫ ކައުންސިލުގެ ބަޔާން


ފަޅުތެރޭ ބާނި ދެމޭތީ ރަށުގެ ކަނޑިންމަ ބަދަލުކުރުން ހިމެނޭހެން ބަނދަރަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް އެދި ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމުން އެއްވެސް ޖަވާބެއް ނުލިބޭ ކަމަށާއި ލިޔުމުން އެކަން ހުށަހެޅީ އެ ވުޒާރާގެ ޓީމެއް އެ ރަށަށް ޒިޔާރަތް ކުރުމުން ބަނދަރުގެ ހާލަތު އެ ޓީމަށް ދެއްކުމަށްފަހު ކަމަށްވެސް އިހަވަންދޫ ކައުންސިލުން ބުންޏެވެ.

އޭގެއިތުރުންވެސް އިހަވަންދޫގައި ގާއިމުކުރަން ނިންމާފައިވާ އަދި ވައުދުވެފައިވާ އެތައް ކަމެއް ނުކުރެވިފައިވާތީ ކަންބޮޑުވެ އެކަންކަން އަވަސްކުރުމަށް ކައުންސިލުން ގޮވާލި އެވެ.

އޭގެތެރޭގައި ހިމެނެނީ މަސް ކަލެކްޓު ކުރާ މަރުކަޒަކާއި، އައިސް ޕްލާންޓަކާއި ހޮސްޕިޓަލުގެ އިތުރުން ކުނި މެނޭޖުކުރުމަށް ބޭނުންވާ ބިން ހަމަޖެއްސުމެވެ.

މި ސަރުކާރުން ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައިވާކަމަށް އިދިކޮޅުން ތަކުރާރުކޮށް ބުނަމުންދެ އެވެ. ސަރުކާރުން މިކަންކަން ދޮގުކުރި ނަމަވެސް ރަށްރަށުން މިފަދަ އެތައް ޝަކުވާއެއް ދަނީ ލިބެމުންނެވެ.

ޖޫން 20، އަށްފަހު ސަރުކާރުގެ ހަރަދުތަކުގެ ތަފުސީލުތައް ހާމަކުރުން ހުއްޓާލާފައި އޮތުމުން ވޭތުވެދިޔަ މުއްދަތުގައި ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު ސާފުވާނެ ގޮތެއް ނެތެވެ.