Advertisement

ހަމާސްގެ ލީޑަރު، ޔަހުޔާ ސިންވާރު މަރާލާފައިވާ ކަމަށް އިޒްރޭލުން ބުނެފި

ހަމާސްގެ ލީޑަރު، ޔަހުޔާ ސިންވާރު: ސިންވާރަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވީ އެކަކު -- ފޮޓޯ: ގޫގުލް


ހަމާސްގެ ލީޑަރު، ޔަހުޔާ ސިންވާރު މަރާލާފައިވާ ކަމަށް އިޒްރޭލުން ބުނެފި

ހަމާސްގެ ލީޑަރަކަށް މިދިޔަ އޯގަސްޓު 7، ގައި ހަމަޖެއްސި ޔަހުޔާ ސިންވާރު އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުގެ ސެކިއުރިޓީ އޭޖެންސީ، ޝިން ބެޓުން ބުނެފި އެވެ.

ޝިން ބެޓް އާއި އިޒްރޭލުގެ އަސްކަރިއްޔާ ގުޅިގެން ދާދި ދެންމެއަކު ނެރުނު ޖޮއިންޓް ނޫސްބަޔާނެއްގައި ބުނީ ދެކުނު ގާޒާއަށް މިއަދު އިޒްރޭލުން ދިން ހަމަލާގައި ހަމާސްގެ ލީޑަރު، ޔަހުޔާ ސިންވާރު އަވަހާރަކޮށްލެވުނުކަން ކަށަވަރުވެފައިވާ ކަމަށެވެ.

"އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ [އަހަރުމެންގެ] 828 ވަނަ ބްރިގޭޑުގެ ލަޝްކަރަކުން ވަނީ ދެނެގަތުމަށްފަހު ތިން ޓެރަރިސްޓުން މަރާލައިފައި، ކާކުކަން ދެނެގަތުމަށް އެމީހުންގެ ހަށިގަނޑުތައް ޓެސްޓު ކުރުމުގެ މަރުހަލާ މިހާރު ނިމި، ސިންވާރު މަރައިލެވުނުކަން ކަށަވަރުވެއްޖެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިޒްރޭލުން މިފަދަ ބަޔާނެއް ނެރެފައިވީ ނަމަވެސް ހަމާސްއިން އަދި އެކަމުގައި އެއްޗެއް ނުބުނެ އެވެ.

ޔަހުޔާ ސިންވާރު މަރައިލި ކަމަށް އިޒްރޭލުން ބުނެފައި މިވަނީ އެމީހުން ދިން ހަމަލާއެއްގައި މަރުވި މީހުންގެ ހަށިގަނޑުތަކުގެ ޑީއެންއޭ ޓެސްޓުތައް ހެދުމަށްފަހު އެވެ.

ހަމާސްގެ ލީޑަރަކަށް ޔަހުޔާ ސިންވާރު ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުރި، އިސްމާއިލް ހަނިއްޔާ އިރާނުގައި ހުންނަވަނިކޮށް ޖުލައި، 31 ގައި އިޒްރޭލުން ހަމަލާދީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

ސިންވާރަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު 7، ގައި ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވީ އެކަކެވެ.

ސިންވާރު އަވަހާރަކޮށްލުމާ ގުޅިގެން ޔަހޫދީ ދައުލަތުގެ އިސްވެރިން އުފާ ފާޅުކުރަމުންދާއިރު އިޒްރޭލުގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ތިރީގެ، ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ރައީސް ވަނީ ސިންވާރުގެ އަވަހާރުވުމުން ހިތްހަމަ ޖެހުން ލިބިއްޖެ ކަމަށް ބުނެފަ އެވެ.