Advertisement

ޕީއެންސީގެ މެންބަރުންގެ ހިތްހަމަ ނުޖެހުން: ބަޔާން ނެރޭކަށް ނުޖެހޭ، ރައީސް ބޭނުންވާނަމަ އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ ބިލް ފާސްވާނެ!

ޕީއެންސީގެ ލީޑަޝިޕުން މަޖިލިސް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަނީ --- ފޮޓޯ: އަދަދު


ޕީއެންސީގެ މެންބަރުންގެ ހިތްހަމަ ނުޖެހުން: ބަޔާން ނެރޭކަށް ނުޖެހޭ، ރައީސް ބޭނުންވާނަމަ އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ ބިލް ފާސްވާނެ!

އިޒްރޭލު ޕާސްޕޯޓު މަނަކުރުމުގެ ބިލް މަޖިލީހުގައި ތާށިވެފައި ވަނީ އެ މަސައްކަތް ކުރިއަށް ގެންދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ޕާޓީގެ ލީޑަޝިޕުން ބޭނުންވާތީ ކަމަށް މަޖިލީހުގައި ތިއްބެވި ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވައްޓަކައި އިމިގްރޭޝަން ގާނޫނު އިސްލާހުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ޖޫން މަހު ފޮނުވި ބިލް ކުރިއަށް ނުގެންގޮސް ޕާކްކޮށްފައި ބާއްވާފައި އޮންނަތާ ހަތަރު މަސް ފަހުން، އެ ބިލް އަވަސްކުރަން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ސަރުކާރު ހިންގާ ޕީއެންސީން ގޮވާލައި ރޭ ބަޔާނެއް ނެރުނީ، އެ މައްސަލާގައި މަޖިލީހުގެ އިދާރާ ކައިރިއަށް މިއަދު ހެނދުނު އެއްވުމަށް ގޮވާލާފައި ވަނިކޮށެވެ.

އިޒްރޭލް ޕާސްޕޯޓު މަނާކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކެބިނެޓުން ޖޫން 2، 2024، ގައި ނިންމީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން ގިނަ ބަޔަކު އެކަމަށް ގޮވާލަމުން ދަނިކޮށެވެ. ނަމަވެސް އެ ނިންމުމަށް ގާނޫނީ ބާރުވެރިކަމެއް އަދި ގެނެވިފައެއް ނުވެ އެވެ.

ކެބިނެޓުން އެގޮތަށް ނިންމިއިރު، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމަށް އިމިގްރޭޝަން ގާނޫނު އިސްލާހުކުރަން މެންބަރު މީކާއީލްގެ ބިލް މަޖިލީހަށް ފޮނުވާފައި އޮތެވެ.

އެ ބިލް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ތާށިވެފައިވާއިރު، އަދި އެ ބިލް އަވަސްކުރަން ޕީއެންސީން ގޮވައިލިއިރު، މިއަދު ވެސް ކޮމިޓީން އެކަމަށް ބައްދަލުވުމެއް ނުބާއްވަ އެވެ.

"ޕާޓީގެ ލީޑަޝިޕުން އެ ބިލް ފާސްކުރަން ބޭނުން ނުވާތީ މިހާ ދުވަހު ވެސް ޕާކްކޮށްފައި އޮތީ. ރައީސް [ޑރ. މުއިއްޒު] ބޭނުންފުޅު ވާނަމަ އެ ބިލް އޮންނާނީ ނިމިފައި،" ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރަކު "އަދަދު" ނޫހަށް މިއަދު ވިދާޅުވި އެވެ.

އަދަދު ނޫހާ ވާހަކަ ދެއްކެވި މަޖިލީހުގެ ބައެއް މެންބަރުންނާއި އެ ޕާޓީގެ ސީނިއާ ބައެއް މެންބަރުން ވިދާޅުވީ ބަޔާން ނެރުނީ ބިލް ފާސް ނުވެ އޮތުމުގައި އަދި އިޒްރޭލް ޕާސްޕޯޓު މަނާ ނުކޮށް ދިގު ދެމިގެން ދިޔުމުގައި ރައީސް މުއިއްޒުގެ ޒިންމާއެއް ނެތްކަން ދެއްކުމަށެވެ.

"އެކަން އެގޮތަށް ކުރީ [ޕާޓީގެ ޗެއާޕާސަން] އަބްދުއްރަހީމްގެ ލަފަޔަށް،" އޭނާ ވިދާޅުވި އެވެ.

"ރައީސް ބޭނުންފުޅު ވީމަ މުރައިދޫގޭގެ މައުލޫމާތު ވެސް ހާމަކުރަންޖެހޭ ކަމަށް ކޮމިޓީއަށް ފެނިއްޖެ."

ސުޕަ މެޖޯރިޓީ އޮވެ، އެ ބިލް އަވަސްކުރަން ޕީއެންސީން ގޮވައިލުމަކީ އިހުލާސްތެރިކަމުގެ އެއްވެސް މިންވަރު ވެސް ނެތުން ކަމަށް، 241 ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވި އެވެ.

"މަޖިލީހުގައި ވެސް ކޮމިޓީގައި ވެސް އޮތީ އެ ބޭފުޅުންގެ ސުޕަ މެޖޯރިޓީ. ބަޔާން ނެރޭކަށް ނުޖެހޭ. ގޮވާލާކަށް ނުޖެހޭ. ބޭނުން ވާނަމަ މައްސަލަ އޮންނާނީ ނިންމާފައި،" ޣަފޫރު ވިދާޅުވި އެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބެވިއިރު، އޭގެތެރެއިން 75 މެންބަރުން ނިސްބަތް ވަނީ ޕީއެންސީއަށެވެ.