Advertisement

އެންމެ ފަހުން ބޮއިކޮޓް ހަރަކާތް ބާއްވަން ސެންޓްރަލް ޕާކް ދޭން އެޗްޑީސީން ނިންމައިފި


އެންމެ ފަހުން ބޮއިކޮޓް ހަރަކާތް ބާއްވަން ސެންޓްރަލް ޕާކް ދޭން އެޗްޑީސީން ނިންމައިފި

އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޮއިކޮޓް ހަރަކާތް ބޭއްވުމުގެ ހުއްދަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެންމެ ފަހުން މިއަދު ނިންމައިފި އެވެ.

ބޮއިކޮޓް ހަރަކާތް އިންތިޒާމު ކުރާ އިންޓަނޭޝަނަލް މުސްލިމް އެއިޑް އެންޑް އެޑިއުކޭޝަން (އައިއެމްއޭއީ) އިން ބުނީ ކުރިން ވެސް ހަމަޖައްސައި ދިން ގޮތަށް ހަރަކާތް ބާއްވަން ސެންޓްރަލް ޕާކް ދީފައިވާ ކަމަށެވެ.

އެޗްޑިސީގެ މީޑިއާ އޮފިޝަލް މުހައްމަދު ސިރާޖު އިއްޔެ "އަދަދު" އަށް ވިދާޅުވީ އެ ހަރަކާތަށް ސެންޓްރަލް ޕާކް ނުދޭން ނިންމީ ހުކުރު ދުވަހު އިތުރު ހަރަކާތެއް އެތަނުގައި އޮންނާތީ ކަމަށެވެ.

ނަމަވެސް "އަދަދު" އަށް މައުލޫމާތު ދިން އެޗްޑީސީގެ އެހެން އޮފިޝަލަކު ބުނީ ހުކުރު ދުވަހު ސެންޓްރަލް ޕާކުގައި އެއްވެސް އިތުރު އިވެންޓެއް ބާއްވަން މިހާތަނަށް ތާވަލު ކޮށްފައި ނުވާ ކަމަށެވެ.

އެ ހަރަކާތުގައި ބޮއިކޮޓްކުރާ ތަކެތީގެ ބަދަލުގައި ބޭނުން ކުރެވޭ ތަކެތީގެ ސާމްޕަލް ހިލޭ ބެހުމަށް ވަނީ ހަމަޖެހިފަ އެވެ. ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 16:15 އިން އިރުއޮއްސި 18:00 އަށެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލްއާންމާ ދެކޮޅަށް ރާއްޖޭގައި ގިނަ ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ. މިގޮތުން އިޒްރޭލަށް ފަންޑުކުރާ އެކި ބްރޭންޑްތައް ބޮއިކޮޓް ކުރުމަށް ގޮވާލާ ހަރަކާތްތައް މީގެ ކުރިިން ވެސް ހިންގާފައިވެ އެވެ.