Advertisement

މާލީ ހާލަތު ދަށް ނުވިޔަސް ޕީޕީއެމް އުވައިލެވޭ ގޮތަށް ސެނެޓުން ފާސްކޮށްފި

މިއަދު ކުރިއަށް ގެންދިޔަ ޕީޕީއެމްގެ ސެނެޓު ބައްދަލުވުން: އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


މާލީ ހާލަތު ދަށް ނުވިޔަސް ޕީޕީއެމް އުވައިލެވޭ ގޮތަށް ސެނެޓުން ފާސްކޮށްފި

ޕީޕީއެމް އުވައިލެވޭނެ ކަމަށް ހަމައެކަނި އޮތް ހާލަތު، އަސާސީ ގަވާއިދުން އުނިކޮށް އެއްވެސް ސަބަބެއް ނެތި ވެސް ޕާޓީ އުވައިލެވޭ ގޮތަށް ޕީޕީއެމްގެ ސެނެޓުން މިއަދު ފާސްކޮށްފި އެވެ.

އެ ޕާޓީގެ އަސާސީ ގަވާއިދުގައި މީގެ ކުރިން ބަޔާން ކޮށްފައި އޮންނަނީ، ޕާޓީ އުވައިލެވޭނީ، "ޕާޓީ ހިންގުމަށް ދަތިވާވަރަށް ޕާޓީގެ މާލީ ހާލަތު ދަށްވެ، ޕާޓީގެ ލީޑާޝިޕުން ޕާޓީގެ ސެނެޓަށް ހުށަހަޅައި އެކަން ދިރާސާ ކުރުމަށްފަހު ޕާޓީ އުވައިލަން ޖެހޭ ކަމަށް ސެނެޓުގެ ހަތަރުބައިކުޅަ ތިންބައިގެ ގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ ޕާޓީ އުވައިލެވިދާނެ" ކަމަށެވެ.

ނަމަވެސް މިއަދު ބޭއްވި ޕީޕީއެމްގެ ސެނެޓު ބައްދަލުވުމުގައި ވަނީ އެއްވެސް ހާލަތެއް މެދުވެރި ނުވި ނަމަވެސް ޕާޓީ އުވައިލެވިދާނެ ކަމަށް ފާސްކޮށްފަ އެވެ.

އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. އެހެންކަމުން، އެ ހުށަހެޅުން ހުށަހެޅީ ކާކު ކަމެއް އަދި ތާއީދު ކުރީ ކާކު ކަމެއް ނޭނގެ އެވެ.

ސެނެޓު ބައްދަލުވުން ޗެއާ ކުރެއްވީ އެ ޕާޓީގެ ނައިބު ރައީސް، މުހައްމަދު ގައްސާން މައުމޫން އާއި ޕާޓީގެ ނައިބު ރައީސް ކަމަށް މިއަދު އައްޔަނުކުރި، އަބްދުﷲ ހަލީލްގެ އިތުރުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިއަދު އައްޔަނުކުރި، އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެވެ.

މިއަދުގެ ބައްދަލުވުމުގައި ޕީޕީއެމް އުވައިލުމަށް ވެސް އެޖެންޑާ ކޮށްފައި އޮތް ކަމަށް މީގެ ކުރިން އަޑު ފެތުރުނެވެ. ނަމަވެސް މިއަދު ބޭއްވި ދެ ބައްދަލުވުމުގައި ވެސް ކޮށީ އެ ޕާޓީ އުވައިލެވެން އޮތް މަގެވެ.

އެގޮތުން މިއަދު ފުރަތަމަ ބޭއްވި ބައްދަލުވުމުގައި އޮތީ އެ ޕާޓީގެ ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަނު ކުރުމެވެ.

މިވަގުތު ރާއްޖޭގައި އޮތް ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީޕީއެމް އުވައިލުމުގެ މަސައްކަތް ރަސްމީކޮށް ފެށީ ޖުލައި 31، ގަ އެވެ. އެ މައްސަކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ބޭނުންފުޅުގެން ކަމަށް އެކަމާ ގުޅިގެން މީގެ ކުރިން މި ނޫހާ ވާހަކަދެއްކި ޕީޕީއެމް/ޕީއެންސީގެ ބައެއް މެންބަރުން ބުނެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމު ކުރި މައުލޫމާތުގައި ވާގޮތުން މިއަހަރުގެ ސެޕްޓެމްބަރު 18، ގެ ނިޔަލަށް ޕީޕީއެމްގައި 34698 މެންބަރުން އެބަ ތިއްބެވެ. ވެރިކަން ކުރާ ޕީއެންސީގައި ތިބީ 28،983 މެންބަރުންނެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވާގޮތުން އެ ޕާޓީ އުވާލެވޭ ހާލަތެއްގައި ޕާޓީގެ ފައިސާ އާއި މުދާ ބޭނުންކޮށްގެން ދަރަނި އަދާކުރުމަށް ފަހު ބާކީ ހުރި އެއްޗެއް ހަދިޔާ ކުރަންވާނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ސެނެޓުން ކަނޑައަޅާ ހައިރާތު ފަންޑަކަށެވެ.