Advertisement

ރައީސްގެ އދ. ތަގުރީރު ޕްރޮމޯޓް ކުރަން ޓިކްޓޮކް ކޮންޓެންޓް ކްރިއޭޓާސްއަށް ފައިސާދިންކަން ހާމަވެއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގައި ތަގުރީރު ކުރެއްވުން: ރައީސްގެ ތަގުރީރު ޕްރޮމޯޓް ކުރަން ޓިކްޓޮކް ކޮންޓެންޓް ކްރިއޭޓާސްއަށް ފައިސާ ދިން ކަން ވަނީ ހާމަވެފައި -- ފޮޓޯ: ރައީސް އޮފީސް


ރައީސްގެ އދ. ތަގުރީރު ޕްރޮމޯޓް ކުރަން ޓިކްޓޮކް ކޮންޓެންޓް ކްރިއޭޓާސްއަށް ފައިސާދިންކަން ހާމަވެއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އދ. ތަގުރީރު ޕްރޮމޯޓް ކުރަން ރާއްޖޭގެ ޓިކްޓޮކް ކޮންޓެންޓް ކްރިއޭޓާސްއަށް ފައިސާދިންކަން ހާމަވެއްޖެ އެވެ.

ޓިކްޓޮކްގައި "ދިންގްލިޝް" އެކައުންޓު ހިންގާ އަފްނާން އިބްރާހިމް އެ ޕްލެޓްފޯމްގައި ޕޯސްޓުކުރި ވީޑިއޯއެއްގައި ބުނީ އދ. ގައި ރައީސް މުއިއްޒު ކުރެއްވި ތަގުރީރު ޕްރޮމޯޓު ކުރަން ސަރުކާރުގެ ފަރާތުން ސިޔާސީ މީހަކު ފައިސާ ދިން ކަމަށާއި އެކަން ފޮރުވަން ބޭނުން ނުވާ ކަމަށެވެ.

ފައިސާ ދީގެން އޭނާ ކޮންޓެންޓު ހަދަނީ ވަގަށް ނޫންކަން ފާހަގަކޮށް އަފްނާން ބުނީ މީގެ ކުރިން ޕެންޝަން އޮފީސް، ޔޫއެންއެފްޕީއޭ، ބީއެމްއެލް އަދި ދިރާގަށް ވެސް ފައިސާ ނަގައިގެން ކޮންޓެންޓް ހަދައިދީފައިވާނެ ކަމަށެވެ.

"މިހާތަނަށް ޕޮލިޓީޝަނެއް ލާރިއެއް ދީގެން އެއްޗެއް ހަދަން ބުނީ ހަމަ އެކަނި މިހާރުގެ ރައީސް. އެއީ އދ. ގައި ކުރެއްވި ތަގުރީރު. އޭގައި ކޮންޓެންޓް ހަދަން އެއްބަސްވި ކަމަކީ އެއަށް ސަޕޯޓުކޮށް ކޮމްޕްލިމެންޓް ކުރަން ނުޖެހޭނެ ކަމަށް ބުނުމުން. ހަމައެކަނި ހަދަން ޖެހުނީ ސަމަރީއެއް،" އަފްނާން ބުންޏެވެ.

ނަމަވެސް ޓިކްޓޮކްގައި ހަރަކާތްތެރިވާ ބައިވަރު ކޮންޓެންޓް ކްރިއޭޓާސްއާ ގުޅައިގެން ކޮށްގެން ކޮންޓެންޓް ހަދަން އެންގި ކަމެއް ނޭގޭ ކަމަށާއި އެ މީހުން ބޭނުންވީ ދެއްކި ވާހަކައަ ށްވުރެ އެ ތަގުރީރު ވައިރަލް ކުރަން ކަމަށް އަފްނާން ބުންޏެވެ.

އަފްނާން ބުނީ ރާއްޖެއިން ވޭޕް މަނާ ކުރުމާ ގުޅޭ ގޮތުން ކޮންޓެންޓް ކްރިއޭޓާސްއަށް ޕޮޒިޓިވްކޮށް ވާހަކަ ދައްކަން ވެސް ސަރުކާރުން މިހާރު ފައިސާ ދީފައިވާ ކަމަށެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ސަރުކާރުގެ ފަރާތުން ކޮންޓެންޓް ކްރިއޭޓާސްއަށް ގުޅައި، ފައިސާ ދީފައި ވަނީ ޔޫތު މިނިސްޓްރީގެ ކުރީގެ ނައިބު އަދި މިހާރު އެޗްޑީސީގެ އެސިސްޓެންޓު ޑިރެކްޓަރު މަލްޝާ ޝަރީފެވެ.

ކޮންމެ ކޮންޓެންޓް ކްރިއޭޓަރަކަށް އެވްރެޖުކޮށް ދީފައި ވަނީ 4،000ރ. އާއި 5،000ރ. އާ ދެމެދުގެ އަދަދެއްގެ ފައިސާކަން ވެސް މި ނޫހަށް ވަނީ އެކި ކޮންޓެންޓް ކްރިއޭޓަރުންގެ ފަރާތުން ކަށަވަރުވެފަ އެވެ. ފައިސާ ދިނުމާ ގުޅިގެން މަލްޝާއަށް ގުޅުމުން، އެކަން ދޮގުނުކޮށް އޭނާ ވިދާޅުވީ އެއްވެސް ކޮމެންޓެއް ދޭން ބޭނުން ނުވާ ކަމަށެވެ.

ރައީސްގެ އދ. ތަގުރީރާ ގުޅޭ ގޮތުން ކޮންޓެންޓް ކްރިއޭޓްކުރި ބައެއް މީހުން ވަނީ ފަހުން އެ ތަގުރީރަށް ފާޑު ވެސް ކިޔާފަ އެވެ.