Advertisement

'ރައީސްގެ އަގުވައްޓާލަން' ހަބަރު ލިޔާ ނޫސްތަކަށް މީޑިއާ ކައުންސިލުން ފިޔަވަޅު ނާޅާތީ މަޖިލީހަށް ރައީސް އޮފީހުގެ ސިޓީއެއް

ރައީސް މުއިއްޒު އަދި އެމަނިކުފާނުގެ އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު ހަލީލު: 'ރައީސްގެ އަގުވައްޓާލަން' ހަބަރުލިޔާ ނޫސްތަކަށް މީޑިއާ ކައުންސިލުން ފިވަޅު ނާޅާތީ ރައީސް އޮފީހުގެ ސިޓީއެއް މަޖިލީހަށް ހުށަހަޅައިފި --- ފޮޓޯ: ރައީސް އޮފީސް


'ރައީސްގެ އަގުވައްޓާލަން' ހަބަރު ލިޔާ ނޫސްތަކަށް މީޑިއާ ކައުންސިލުން ފިޔަވަޅު ނާޅާތީ މަޖިލީހަށް ރައީސް އޮފީހުގެ ސިޓީއެއް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "އަގުވައްޓާލަން ދޮގު ހަބަރު ފަތުރާ" ނޫސްތަކާ މެދު މީޑިއާ ކައުންސިލުން ފިޔަވަޅު ނާޅާ ކަމަށްބުނެ ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފި އެވެ.

މި ސިޓީ ފޮނުވާފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށެވެ. އެ ކޮމިޓީގައި އިންނަވާ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް "އަދަދު" އާ ވާހަކަދައްކަވަމުން ވިދާޅުވީ ރައީސް އޮފީހުގެ ސިޓީގައި، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް އެ އޮފީހުން ހުށަހަޅާ ޝަކުވާތައް ނުބަލާ ކަމަށް ބުނެފައިވާ ކަމަށެވެ.

"ވަރަށް ޑީޓެއިލްކޮށް ރައީސް އޮފީހުން މޮނީޓާކޮށްފަ ހުރި ހަބަރުތައް. ރެޖިސްޓާޑް އަދި އަން-ރެޖިސްޓާޑް ނޫސްތަކުން ލިިޔެފަ ހުރި ހަބަރުތައް. އެއީ ރައީސްގެ އަގުވައްޓާލަން ކުރާ ކަމެއް ގޮތުގަ ބުނެފަ އޮތީ،" މީކާއިލް ވިދާޅުވި އެވެ.

މި ސިޓީއާ ގުޅިގެން އަންނަ ހަފުތާގެ ތެރޭ މީޑިއާ ކައުންސިލް އަދި ބްރޯޑްކޮމް އެ ކޮމިޓީއަށް ހާޒިރުކުރުމަށް އެ ކޮމިޓީން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެކި މީޑިއާތަކުން ދޮގު ހަބަރު ފަތުރާކަމަށް ބުނެ ރައީސް އޮފީހުން މި އަހަރު ތެރޭ ރައީސް އޮފީހުން މީޑިއާ ކައުންސިލަށް 75 މައްސަލައެއް ހުށަހެޅި ކަމަށް އޮގަސްޓު 20، ގައި އެ ކައުންސިލުން ބުންޏެވެ.

އެމްއެމްސީއަށް މި އަހަރު އެންމެ ގިނަ މައްސަލަ ހުށަހެޅީ ދައުލަތުގެ އިދާރާތަކުން ކަމަށް އެ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބުނީ ޖުލައި 31، ގަ އެވެ.

އެއާއެކު ރައީސް އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދާއި ތަފުސީލު ހޯދުމަށް މި ނޫހުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާރުޓީއައިއެއް ހުށަހެޅީމެވެ. އެ އާރުޓީއައިގެ ޖަވާބުގައި ރައީސް އޮފީހުން ބުނީ ޖުލައި 31، ގެ ނިޔަލަށް އެ އޮފީހުން އެމްއެމްސީއަށް 75 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.