16 އޮކްޓޯބަރު 2024 - 13:43 0
ހަސަން މުހައްމަދު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އެ ދެ ބިލު ބަލައިގަތީ ޕީއެންސީ މެންބަރުންގެ ވޯޓުން -- ފޮޓޯ: މަޖިލިސް
16 އޮކްޓޯބަރު 2024 - 13:43 0
ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓު ފީ އާއި ޓެކްސްތައް ބޮޑު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި އޮތް ދެ ބިލަށް ބަހުސް ކުރުމަށްފަހު އެ ބިލުތައް ބަލައިގަނެ ކޮމިޓީއަށް ފޮނުވަން މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކޮށްފި އެވެ.
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑު ކުރަން ސަރުކާރުން ހުށަހެޅީ ޓުއަރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުތަކެއްގެ ތެރެއިންނެވެ. އެއާޕޯޓު ފީ އަދި ޓެކްސްތައް ބޮޑު ކުރަނީ ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ މީހުންނާ ގުޅޭ ގާނޫނަށް ގެންނަ އިސްލާހުތަކަކުންނެވެ.
ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ބޮޑު ކުރުމަށް ހުށަހެޅި ބިލު ބަލައިގަންނަން ފާސް ކުރީ 58 ވޯޓުންނެވެ. އެ ބިލު ބަލައިނުގަންނަން 10 މެންބަރަކު ވޯޓު ދިނެވެ. ވޯޓުގައި ބައިވެރިވީ ޖުމުލަ 68 މެންބަރުންނެވެ. އެ ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓު ދިނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ. އެއާޕޯޓުގެ ފީތަކާއި ޓެކްސްތައް ބޮޑުކުރުމުގެ ބިލު ބަލައިގަތުމަށް ނެގި ވޯޓު ވެސް ދިޔައީ ހަމަ އެގޮތަށެވެ.
އެހެންކަމުން ދެން އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން އެ ބިލުތައް ދިރާސާ ކުރުމެވެ. ބިލުތައް ދިރާސާ ކުރުމަށްފަހު އަލުން ތަޅުމަށް ފޮނުވުމުން، ބިލާމެދު ގޮތެއް ނިންމާނީ ތަޅުމުންނެވެ. އަނބުރާ ކޮމިޓީއަށް ފޮނުވަން ނުވަތަ ބިލު ފާސް ކުރަން ވެސް ތަޅުމުން ނިންމިދާނެ އެވެ.
ޓުއަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ކަނޑައަޅާފައި ވަނީ ޖޫން، 2025، އިން ފެށިގެން ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ. އަދި ޖެނުއަރީ، 2025، އިން ފެށިގެން ގްރީން ޓެކްސް ހަ ޑޮލަރުން 12 ޑޮލަރަށް އިތުރު ކުރަން ވެސް އެ ބިލުގައި ހުށަހަޅާފައިވެ އެވެ.
އެއާޕޯޓު ޓެކްސް އަދި ފީ ބޮޑު ކުރަން ހުށަހަޅާފައިވާ ބިލުގައި އިކޮނޮމީ ކްލާހުން ދަތުރު ކުރާ ދިވެހިންގެ އަތުން ނަގާ ފީ އާއި ޓެކްސް ނޫން އެހެން ހުރިހާ ފީއެއް އަދި ޓެކުހެއް ބޮޑު ކުރަން ހުށަހަޅާފައިވެ އެވެ. އިކޮނޮމީ ކްލާހުން ދަތުރު ކުރާ ދިވެހިންގެ އަތުން މިހާރު ވެސް 12 ޑޮލަރުގެ ފީއެއް އަދި ހަމަ 12 ޑޮލަރުގެ ޓެކުހެއް ނަގަ އެވެ.
އެ ދެ ބިލަށް މިއަދު ބަހުސް ކުރި އިރު، ވެރިކަން ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވާހަކަ ދެއްކެވީ އެ ދެ ބިލަށް ވެސް ތާއީދުކޮށެވެ. ނަމަވެސް އެމްޑީޕީ މެންބަރުން ވާހަކަ ދެއްކެވީ އެ ދެ ބިލާ ވެސް ދެކޮޅަށެވެ. އޭގެ އިތުރުން އެމްޑީއޭ އިން ވާހަކަ ދެއްކީ އެ ދެ ބިލާ ދެކޮޅަށެވެ.
Comment