Advertisement

ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ބޮޑު ކުރަން އެމްޑީޕީގެ ތާއީދެއް ނެތް

މައިނޯރިޓީ ލީޑަރު ނާޒިލް: ވިދާޅުވީ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑު ކުރުމުން ފައިދާވާނީ އަވައްޓެރި ގައުމުތަކަށް ކަމަށް -- ފޮޓޯ: މަޖިލިސް


ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ބޮޑު ކުރަން އެމްޑީޕީގެ ތާއީދެއް ނެތް

ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން މިއަދު ދެކޮޅު ހަދައިފި އެވެ.

ޓުއަރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް އަދި ގްރީން ޓެކްސް ހަ ޑޮލަރުން 12 ޑޮލަރަށް ބޮޑު ކުރަން ހުށަހަޅާފައި އޮތް ބިލުން ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް މިއަދު މަޖިލީހުގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ. އެ ބިލަށް އެންމެ ބޮޑަށް ފާޑުވިދާޅުވީ މައިނޯރިޓީ ލީޑަރު، ހިތަދޫ ދެނުކު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެވެ.

"ޓުއަރިޒަމާ ބެހޭ ގާނޫނުގެ ތެރެއިން ޓެކްސް ބޮޑު ކުރަން ސަރުކާރުން ހުށަހަޅުއްވާފައި މި އޮތް ބަޔަށް އަޅުގަނޑު ތާއީދެއް ނުކުރަން. ބޮޑުކޮށް ތާއީދު ނުކުރަން،" ނާޒިލް ވިދާޅުވި އެވެ. "ޓެކްސް ބޮޑު ކުރަނީ ކީއްވެ ކަމެއް، ޓެކްސް ބޮޑު ކުރީމާ ދެން ވާނީ ކިހިނެއް ކަމެއް އަޅުގަނޑުމެންނަކަށް [ސަރުކާރުން] ސާފެއް ނުކޮށްދެވޭ."

ނާޒިލް ވިދާޅުވީ، ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑު ކުރުމުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު މަދުވާނެ ކަމަށާއި އޭގެ ސަބަބުން ފައިދާވާނީ އަވައްޓެރި ގައުމުތަކަށް ކަމަށެވެ.

"އަޅުގަނޑަށް ހަމަ ޔަގީން ކަށަވަރު ޓެކްސް ބޮޑު ކުރުމާ ގުޅިގެން މި ރާއްޖެއަށް އަންނަ ޓުއަރިސްޓުންގެ އަދަދު، އެރައިވަލްސްތައް ބޮޑުތަނުން މަދުވެގެންދާނެ. މީގެ ފައިދާ ކުރާނީ ކައިރި ހުރި އަވައްޓެރި ގައުމުތަކަށް އިއްޒަތްތެރި ރައީސް. އެބޭފުޅުން އެ އަތް ޖަހަނީ މިހާރު،" އޭނާ ވިދާޅުވި އެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވީ، ޓެކްސް ބޮޑު ކުރުމުން ރައްޔިތުންނަށް އަސަރު ނުކުރާނެ ކަމަށް ބުނެ ސަރުކާރުން ދައްކަނީ ތެދު ވާހަކައެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ޓެކްސް ބޮޑު ކުރުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ ހިލާފު ފިޔަވަޅެއް ކަމަށެވެ.

"އަޅުގަނޑު މި އިސްލާހަށް ތާއީދު ނުކުރާ ސަބަބީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ފަދައިން ޓެކްސް ބޭސް ފުޅާ ކުރުމުގެ ބަދަލުގައި ބޮޑު ކުރާ ކަމަށް އަޅުގަނޑަށް އިހުސާސް ކުރެވޭތީ. އަޅުގަނޑު ދަންނަ ދިވެހި ބަހުގައި އަދަދު، ނަންބަރު މަތިވުން އެއީ ބޮޑުވުން،" ޒިޔާދު ވިދާޅުވި އެވެ.

އެ ބިލަށް ވާހަކަ ދައްކަވަމުން ދައުލަތުގެ ހަރަދުތައް ކުޑަނުކޮށް ޓެކްސް ބޮޑު ކުރުމުން ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވި އެވެ.

"ދައުލަތުގެ ހަރަދު ކުޑަނުކޮށް، ޓެކްސް، ނަން ކިޔާ ލިބެން ހުރި ހުރިހާ ދިމާލަކުން ބޮޑުކުރަމުންދިޔަ ނަމަވެސް މީގެ ނަފާއެއް ނުނިކުންނާނެ،" ޣަފޫރު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވެސް ވަނީ އިސްލާހުތަކާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. މަޖާޒީ ގޮތުން ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތް ކުރާ ވިޔަފާރިވެރިންނާ މަޝްވަރާނުކޮށް އެ ބިލު ހުށަހެޅުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

ސަރުކާރުން ހުށަހަޅާފައިވާ އެ ބިލުގައި ކަނޑައަޅާފައި ވަނީ ޖޫން، 2025، އިން ފެށިގެން ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ. އަދި ޖެނުއަރީ، 2025، އިން ފެށިގެން ގްރީން ޓެކްސް ހަ ޑޮލަރުން 12 ޑޮލަރަށް އިތުރު ކުރަން ވެސް އެ ބިލުގައި ހުށަހަޅާފައިވެ އެވެ.