Advertisement

މެސީގެ ހެޓްރިކާ އެކު އާޖެންޓީނާ އަށް ބޮޑު މޮޅެއް

about 11 hours 0


މެސީގެ ހެޓްރިކާ އެކު އާޖެންޓީނާ އަށް ބޮޑު މޮޅެއް

about 11 hours 0

ބީނޯޒް އެރީޒް، އާޖެންޓީނާ (އޮކްޓޫބަރު 16) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާގެ ބުރުގައި، ލިއޮނަލް މެސީގެ ހެޓްރިކާ އެކު، 6-0 އިން ބޮލިވިއާ އަތުން އާޖެންޓީނާ މޮޅުވެ، ތާވަލުގެ ކުރީގައި ހަމަޖެހިލައިފި އެވެ.

އާޖެންޓީނާ އެއް ވަނައިގައި އޮތީ 10 މެޗުން 22 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ކޮލަމްބިއާ އަށް ވަނީ 10 މެޗުން 19 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އުރުގުއޭ އާއި ހަތަރެއްގައި އޮތް ބްރެޒިލަށް ވަނީ 10 މެޗުން 16 ޕޮއިންޓް ލިބިފަ އެވެ. ބްރެޒިލުން ވަނީ މިއަދު ކުޅުނު މެޗުގައި 4-0 އިން ޕެރޫ ބަލިކޮށްފަ އެވެ.

މެސީ، އާޖެންޓީނާ އަށް 19 ވަނަ މިނިޓްގައި ލީޑުނަގައިދިނުމަށް ފަހު، ހެޓްރިކް ފުރިހަމަކުރަން ފަހު ދެ ގޯލު ޖެހީ މެޗުގެ ފަހު 10 މިނިޓް ތެރޭގަ އެވެ.

މެޗަށް ފަހު މެސީ ބުނީ، އާޖެންޓީނާގައި މެޗެއް ކުޅެލަން ލިބޭ ކޮންމެ ފަހަރަކު ވެސް އޭނާ އަށް މިހާރު ލިބެނީ ހާއްސަ ހިތްހަމަޖެހުމެއް ކަމަށާއި ސަބަބަކީ، ކޮންމެ މެޗަކީ ވެސް ދެން އޭނާ ގައުމީ ޓީމަށް ކުޅެލަން ލިބޭ ފަހު މެޗަށް ވުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

ރޭގެ ގޯލުތަކާ އެކު މެސީ، މި ވަނީ އާޖެންޓީނާ އަށް ކުޅެދިން 189 މެޗުން 112 ގޯލު ޖަހައިފަ އެވެ.

ކެނަޑާ، މެކްސިކޯ އަދި އެމެރިކާގައި 2026 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕުގައި ކުޅޭނެތޯ އެހުމުން މެސީ ސީދާ ޖަވާބެއް ނުދެ އެވެ.

އާޖެންޓީނާ އަށް ރޭގެ މެޗުގައި އަނެއް ލަނޑުތައް ޖަހައިދިނީ، ލައުޓާރޯ މާޓިނޭޒް، ޖޫލިއަން އަލްވަރޭޒް އަދި ތިއާގޯ އަލްމާޑާ އެެވެ.

ޕެރޫ ކޮޅަށް ބްރެޒިލުން ލަނޑު ޖެހީ، ރަފީނިއާ ދެ ޕެނަލްޓީ އާއި އަންޑްރެއަސް ޕެރެއިރާ އަދި ލުއިސް ހެންރީކޭ އެވެ.