Advertisement

ރާއްޖެ މިސާލަކަށް ނަގައިގެން ވޭޕް މަނާކުރާކަށް ނުޖެހޭ: މެލޭޝިއާ

މެލޭޝިއާގެ ހެލްތު މިނިސްޓަރު ދަތުކް ސެރީ ޑރ. ޒުލްކެފްލައި އަހުމަދު: ރާއްޖެއިން މަނާކުރި ގޮތަށް ވޭޕް މަނާ ކުރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވި -- ފޮޓޯ: މީޑިއާ މުލިއާ


ރާއްޖެ މިސާލަކަށް ނަގައިގެން ވޭޕް މަނާކުރާކަށް ނުޖެހޭ: މެލޭޝިއާ

ރާއްޖޭގައި ވޭޕް މަނާ ކުރަން ނިންމުމާ ގުޅިގެން އާންމުން ބޮޑު ބަހުސެއް ކުރަމުންދާ ދަނޑިވަޅެއްގައި، ރާއްޖެ މިސާލަކަށް ނަގައިގެން މެލޭޝިއާގައި ވޭޕް މަނާ ކުރުމުގެ ބޭނުމެއް ނެތް ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު ޑރ. ޒުލްކިފްލީ އަހުމަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެއިން ވޭޕް މަނާ ކުރި ފަދައިން މެލޭޝިއާގައި އެކަން ކުރެވިދާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޒުލްކިފްލީ ވިދާޅުވީ މެލޭޝިއާގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތް ކޮންޓްރޯލް ކުރުމަށް ގިނަ ގަވާއިދުތައް ހެދިފައި އޮތްއިރު އެހެން ގައުމުތަކުން ވޭޕާއި ދުންފަތާއި ގުޅޭ އުފެއްދުންތައް މަނާ ކުރި ގޮތަށް އަމަލު ކުރަން ނުޖެހޭ ކަމަށެވެ.

"އަހަރުމެން ނުޖެހޭ އެހެން ގައުމުތަކުން މިސާލު ނަގާކަށް. ގަވާއިދު ޑްރާފްޓް ކުރުމުގެ ކުރީކޮޅު ދުނިޔޭގެ އެކި ކަންކޮޅުގެ ބެސްޓް ޕްރެކްޓިސްތައް ބެލިން. އަހަރުމެންގެ އެބަ އޮތް ދުންފަތުގެ އިސްތިއުމާލު ކުރާ އުފެއްދުންތައް ރެގިއުލޭޓްކޮށް، އަމުރު ތަންފީޒު ކުރުމުގެ އިތުރުން އެކަމަށް ބޭނުންވާ ގަވާއިދުތައް ތަންފީޒު ކުރާނެ ގާނޫނެއް،" ޒުލްކިފްލީ ވިދާޅުވި އެވެ.

މެލޭޝިއާގައި ދިވެހިންގެ ގިނަ ބަޔަކު ދިރިއުޅެމުންދެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯމަ ދުވަހު ވަނީ ރާއްޖޭގައި ވޭޕު ކުރުމަށް ބޭނުން ކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެ ކުރުމާއި ބޭނުން ކުރުމާއި ވިޔަފާރި ކުރުން އަންނަ ޑިސެމްބަރު 15، އިން ފެށިގެން މަނާ ކުރަން ނިންމައިފަ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި އެކްސްޕޯޓް އިމްޕޯޓު ގާނޫނު އިސްލާހު ކޮށްގެން ރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕު ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިތައް ބޭނުން ކުރާ މީހުން 5000ރ. އިން ޖޫރިމަނާ ކުރުމާއި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕު ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިތައް ވިއްކައިފި މީހަކު ނުވަތަ ހިލޭ ބަހައިފި މީހަކު، އެ ވިއްކި ނުވަތަ ބެހި ކޮންމެ ސްޓިކެއް ނުވަތަ އައިޓަމަކަށް 20،000ރ. އިން ޖޫރިމަނާ ކުރަން ބިލެއް ޑްރާފްޓް ކޮށްފަ އެވެ. އަދި ކުޑަ ކުއްޖަކަށް އެފަދަ އެއްޗެއް ވިއްކައިފި ނަމަ 50،000ރ. އިން ޖޫރިމަނާކުރަން ޑްރާފްޓު ބިލްގައި ހިމަނާފައިވެ އެވެ.

ސަރުކާރުން ކުއްލި ގޮތަކަށް އެއްވެސް ދިރާސާއެއް ނުކޮށް އަދި އެއްވެސް ބަޔަކާ މަޝްވަރާ ކުރުމެއް ނެތި ކުރު މުއްދަތެއް ދިނުމަށްފަހު ވޭޕް ބޭނުން ކުރުން މަނާ ކުރުމުން ފާޑު ކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.

ވޭޕު ކުރުމަކީ ދުނިޔޭގެ 34 ގައުމެއްގައި މިހާރު ވެސް މުޅީން މަނާ ކަމެކެވެ. އަދި، 73 ގައުމެއްގައި ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓު ފަދަ ތަކެތި ބޭނުން ކުރުމުގައި ވަކި އުސޫލުތަކަކަށް ތަބާވުން ލާޒިމު ކޮށްފައިވެ އެވެ.