Advertisement

އުރީދޫއިން އެއާ އެމްބިއުލާންސް ހިދުމަތަށް 16 މިލިއަން ރުފިޔާގެ ސާމާނު ހަދިޔާކޮށްފި

އުރީދޫއިން އެއާ އެމްބިއުލާންސަށް ބޭނުންވާ އިކިއުޕްމަންޓްތައް ހަވާލުކުރުން -- ފޮޓޯ: އުރީދޫ


އުރީދޫއިން އެއާ އެމްބިއުލާންސް ހިދުމަތަށް 16 މިލިއަން ރުފިޔާގެ ސާމާނު ހަދިޔާކޮށްފި

އުރީދޫއިން ގައުމީ އެއާ އެމްބިއުލާންސްގެ ހިދުމަތަށް ބޭނުންވާ 16 މިލިއަން ރުފިޔާގެ މެޑިކަލް ސާމާނު މިއަދު ހަވާލުކޮށްފި އެވެ.

މިއީ އުރީދޫގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން ހަދިޔާ ކުރި އިކިއުޕްމަންޓަށް ވާއިރު، ސިއްހީ ހިދުމަތަކީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން އެންމެ ބޮޑަށް ހޭދަކުރާ އެއް ދާއިރާ އެވެ.

އުރީދޫ މޯލްޑިވްސްގެ އެހީތެރިކަމާ އެކު މިދިޔަ މާޗު، 1 ގައި ފެށުނު އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ސިއްހީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމެކެވެ.

އުރީދޫއިން ބުނީ މިދިޔަ މާޗުގައި އުރީދޫއިން ފޯރުކޮށްދިން ޒަރޫރީ ސާމާނަކީ އެ ހިދުމަތް ކާމިޔާބުކަމާ އެކު ތައާރަފު ކުރުމަށް މަގުފަހިކޮށް ދިނުމުގައި ވަރަށް މުހިންމު ބެޗެއް ކަމަށެވެ. އަދި އެއާ އެމްބިއުލާންސް ފެށުނީއްސުރެ މިހާތަނަށް 436 ކޭސް ގައި، 517 ޕޭޝަންޓުން މިހާރުން މިހާރަށް ބޭނުންވާ ފަރުވާއަށް ވަނީ ގެންގޮސްދީފައި ކަމަށެވެ.

އެގޮތުން، އެ ހިދުމަތުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް އުރީދޫ މޯލްޑިވްސްއިން އެއާ އެމްބިއުލާންސްގެ ގާބިލްކަން އިތުރުކުރުމަށް އިތުރު ސާމާނު ވަނީ ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫއިން ބުނީ ސްޕެޝަލައިޒްޑް އިކުއިޕްމަންޓްގެ އެ އާ ބެޗަކީ ދަތުރުމަތީގައި ބަލިމީހުންގެ ފަރުވާ ރަނގަޅުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ހަރުދަނާ ގޮތެއްގައި އިޖާބަ ދިނުމުގެ ހިދުމަތުގެ ގާބިލްކަން ފުޅާކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ބެޗެއް ކަމަށެވެ.

މެޑިކަލް އިކިއުޕްމަންޓް ހަވާލުކުރި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އުރީދޫއިން އެއާ އެމްބިއުލާންސް ހިދުމަތަށް ފޯރުކޮށްދިން މި އަގުހުރި އެހީއަކީ ވިޔަފާރިތަކުން އިންސާނިއްޔަތުކަމަށް އިސްކަންދީގެން މަސައްކަތް ކުރެވޭނެ ކަމުގެ ހެއްކެއް ކަމަށެވެ.

އުރީދޫއިން ހަދިޔާކުރި އިކިއުޕްމަންޓްތައް އެއާ އެމްބިއުލާންސްގައި -- ފޮޓޯ: އުރީދޫ


"މިއަދު ދިވެހި ރާއްޖޭގެ ޞިއްޙީ ޚިދުމަތަށް އިންވެސްޓްކޮށްގެން، ތިޔަބޭފުޅުން އިންވެސްޓް ކުރައްވަމުން ގެންދަވަނީ، ކޮންމެ ދިވެއްސަކަށްވެސް، އަޅާލާ، އަގުވަޒަންކޮށް، ރައްކާތެރިކަން އިހްސާސްކޮށްދީގެން. ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޯލްޑް ސްޓޭންޑަޑެއް ތިޔަބޭފުޅުން ކަނޑައަޅުއްވައިފި. އަޅުގަނޑުމެން އުންމީދު ކުރަނީ، އެހެން ފަރާތްތަކުންވެސް މުޖުތަމައުގެ ފައިދާއަށް މަސައްކަތް ކުރުމުގައި ތިޔަ ބޭފުޅުން ތިދެއްކެވި ނަމޫނާ ބެއްލެވުން،" ނާޒިމް ވިދާޅުވި އެވެ.

އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ސިއްހީ ހިދުމަތަކީ އަސާސީ ހައްގެއް ކަމަށާއި އެއާ އެމްބިއުލާންސްގެ ހިދްމަތް ފަދަ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމާއި ގުޅިފައިވާ މަސައްކަތްތަކަށް އެހީ ފޯރުކޮށްދިނުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ފަރާތުން ގާތްގަނޑަކަށް 16 މިލިއަން ރުފިޔާގެ މިއިންވެސްޓްމަންޓަކީ، ވަކި ސަރަހައްދަކަށް ބެލުމެއްނެތި، ކޮންމެ މީހަކަށްވެސް، ބޭނުންވެއްޖެ ހިނދެއްގައި ކްރިޓިކަލް ކެއާ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމެއް. އަޅުގަނޑުމެން އެންމެން ގުޅިގެން، އަޅުގަނޑުމެންގެ މުޖުތަމަޢުތަކާ އެއްބައިވެގެން، ސިއްހީ ހިދްމަތް ކުރިއެރުވުމަށް މަގުފަހިކޮށްދީ، އަދި މިފަދަ ހައްލެއް އެންމެ ބޭނުން ޖެހިފައިވާ ދާއިރާއަށް އިންވެސްޓްކޮށްގެން، ދުޅަހެޔޮ، ހަރުދަނާ ގައުމެއް ބިނާކުރުމަކީ އަޅުގަނޑުމެން އަހައްމިއްޔަތުކަން ދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެންމެ ޒަމާނީ މެޑިކަލް ޑިވައިސްތައް ހިމެނޭ އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ނާޒުކު ހާލަތްތަކުގައި ބަލި މީހުން އުފުލާ ވަގުތު އިމަޖެންސީ ފަރުވާ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ހިދުމަތެކެވެ.

ރާއްޖޭގެ ސިއްހީ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް އުރީދޫ މޯލްޑިވްސްއިން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސްއިން ވަނީ ދީފިއެވެ. އެ ކުންފުންޏަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތަކުގެ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދު ވެސް މަސައްކަތްކުރާ ކުންފުންޏެކެވެ.