Advertisement

މަސްވެރިން ކިރުވި މަހަށް ނުދޭ ނުވަ މިލިއަން ރުފިޔާ ދެވޭނެ ގޮތެއް ނެތް ކަމަށް މިފްކޯއިން ބުނެފި

15 އޮކްޓޯބަރު 2024 - 12:26 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިފްކޯގެ ބޯޓަކަށް މަސްވެރިން މަސް ކިރުވަނީ.


މަސްވެރިން ކިރުވި މަހަށް ނުދޭ ނުވަ މިލިއަން ރުފިޔާ ދެވޭނެ ގޮތެއް ނެތް ކަމަށް މިފްކޯއިން ބުނެފި

15 އޮކްޓޯބަރު 2024 - 12:26 0

މިދިޔަ މަހުގެ 26 އިން ފެށިގެން މަސްވެރިން ކިރާފައިވާ މަހަށް ދޭން ޖެހޭ ނުވަ މިލިއަން ރުފިޔާ ދެވޭނެ ގޮތެއް އަދި ނެތް ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބުނެފި އެވެ.

އެ ކުންފުނިން މިއަދު މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނީ މަސްވެރިކަން އިތުރަށް ދަށްވެ އެ ކުންފުނީގެ މާލީ ހާލަތު ހުރިގޮތުން މި ފައިސާ ދެވޭނެ ވަކި ތާރީހެއް ދަންނަވަން ދަތި ކަމަށެވެ.

"އެ މުއްދަތުގެ ތެރޭގައި ކިރި މަހުގެ ފައިސާ ހޯދުމަށް ކުރިއެކޭވެސް އެއްގޮތަށް ސަރުކާރާއެކު މިދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން. އުންމީދަކީ ވީއެންމެ އަވަހަކަށް ފައިސާ ހަލާސްކުރުން. މިކަމުގައި އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރާނަން،" މިފްކޯއިން ބުންޏެވެ.

އަދި މަސްވެރިންނަށް މިހާރު ނުދެވި ހުރި ފައިސާގެ އަދަދުތައްވެސް މިފްކޯއިން ވަނީ ހިއްސާކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ ފެލިވަރަށް ކިރި މަހަށް ދޭން ޖެހޭ 3.5 މިލިއަން ރުފިޔާ އާއި ކޫއްޑޫއަށް ކިރި މަހަށް ދޭން ޖެހޭ 5.45 މިލިއަން ރުފިޔާގެ އިތުރުން އައްޑޫއަށް ކިރި މަހަށް ދޭން ޖެހޭ 100،000ރ. އެވެ. އެއީ އެކު ޖުމްލަ 9،155،491ރ. އެވެ.

މި މުއްދަތުގެ ކުރިން، އޯގަސްޓް 24، އިން ފެށިގެން ސެޕްޓެމްބަރު 25، ގެ ނިޔަލަށް މަސްވެރިންނަށް ދޭން ޖެހެނީ 17.35 މިލިއަން ރުފިޔާ ނުދީގެންވެސް މަސްވެރިން އެކި ސަރަހައްދުތަކުގައި މުޒާހަރާކުރި އެވެ. މިފްކޯއިން އެ ފައިސާ ދޫކުރަން ފެށީ ފިޝަރީޒް މިނިސްޓްރީގެ ޓީމުތައް ރަށްރަށަށް ނާރުވާ ބޭރުކުރަންވެސް ފެށިފަހުންނެވެ.

އަދި، ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އިސްތިއުފާ ދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވީވެސް މި މުޒާހަރާތަކާ ގުޅިގެން ކަމަށް މި ނޫހަށް އޭރު މައުލޫމާތު ލިބުނެވެ.