Advertisement

ޔުނައިޓެޑްގައި އޮތީ ޒިދާން ބޭނުންވާނެ މާހައުލެއް ނޫން

15 އޮކްޓޯބަރު 2024 - 08:03 0


ޔުނައިޓެޑްގައި އޮތީ ޒިދާން ބޭނުންވާނެ މާހައުލެއް ނޫން

15 އޮކްޓޯބަރު 2024 - 08:03 0

ލަންޑަން (އޮކްޓޫބަރު 15) - މެންޗެސްޓާ ޔުނައިޓެޑްގައި މި ވަގުތު އޮތީ ޒިނެދިން ޒިދާން އެ ޓީމުގެ ކޯޗުކަމާ ހަވާލުވެދާނެ ފަދަ މާހައުލެއް ނޫން ކަމަށް ފްރާންސްގެ ކުރީގެ ކުޅުންތެރިޔާ، އެމަނުއަލް ޕެޓިޓް ބުނެފި އެވެ.

ޔުނައިޓެޑުން އަންނަނީ އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގްގެ މުސްތަގުބަލާ ގުޅޭގޮތުން، ގިނަ ނިންމުންތަކަކާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަމުންނެވެ. މި މުއްދަތުގެ ތެރޭގައި، ޔުނައިޓެޑާއި ގިނަ ކޯޗުންނާ ގުޅުވައިގެން، މީޑިއާގައި އަންނަނީ އަޑުފެތުރެމުންނެވެ. އޭގެ ތެރެއިން، އެއް ކޯޗަކީ، ރެއާލް މެޑްރިޑްގައި އާދަޔާހިލާފު މަސައްކަތެއް ކޮށްފައިވާ، ޒިދާން އެވެ.

ޒިދާން ވަނީ ޔުނައިޓެޑްގެ ޓްރެއިނިން ފެސިލިޓީ އަށް ވެސް ޒިޔާރާތެއް ކޮށްފަ އެވެ. އެއީ، ޔުނައިޓެޑްގެ ފުޓްބޯޅަ އޮޕަރޭޝަން ހިންގަމުން އަންނަ، އިނިއޯސް ކުންފުނިން ދިން ދައުވަތެއްގަ އެެެވެ. ޒިދާންގެ މި ކަމާ ގުޅިގެން، އިނގިރޭސި މީޑިއާ އިން އަންނަނީ އެކި ގޮތަށް ވާހަކަ ފަތުރަމުންނެވެ.

ކުރިން އާސެނަލާއި ޗެލްސީ އަށް ކުޅުނު ޕެޓިޓް ބުނީ، ޔުނައިޓެޑާ ހަވާލުވާން ޒިދާން މި ވަގުތު އެއްބަސްނުވާނެ ސަބަބުތައް ގިނަ ކަމަށެވެ.

"ޒިދާނަކީ އެ މީހުން އެ ބޭނުންވާ ލެވަލަށް އިނގިރޭސިން ވާހަކަ ދައްކާ، ބަހުގެ މުއާމަލާތު ކުރާ މީހެއް ނޫން، ޔުނައިޓެޑްގައި އެކަން ވަރަށް ރަނގަޅަށް ކުރަންޖެހޭނެ، އިނގިރޭސި މީޑިއާގެ ޕްރެޝަރާ ހެދި. ޔުނައިޓެޑާ ހަވާލުވާން ޒިދާން ބޭނުންވާ ގެރެންޓީތައް ވެސް އެ ކްލަބަށް ނުދެވޭނެ. އެއީ އަހަރުތަކެއް ވަންދެން ޔުނައިޓެޑް އެ އޮތީ މައްސަލަަތަކެއްގެ ތެރޭގައި، އެ ކްލަބްގެ މާހައުލު ވެސް އޮތީ ޒިދާން އެދޭނެ ގޮތަކަށް ނޫން،" ޕެޓިޓް ބުންޏެވެ.

ޕެޓިޓް ބުނީ، ޔުނައިޓެޑްގެ ސްކޮޑުގައި ތިބި މެޖޯރިޓީ ކުޅުންތެރިންނަކީ ޒިދާން ކޯޗުކޮށްދޭ ޓީމަކަށް ނާރާނެ ކުޅުންތެރިން ކަމަށެވެ.

ކޯޗިން ކެރިއަރުގައި ޒިދާން ވަނީ ދެ ފަހަރެއްގެ މަތިން ރެއާލަށް ކޯޗުކޮށްދީފަ އެވެ. އެއީ، 2016-2018 އާއި 2019 އިން 2021 އަށެވެ.