Advertisement

އަނެއްކާ ވެސް ކްލަބް މޯލްޑިވްސް ކަޕްގައި ވެމްކޯ އާއި އާރްއާރްސީގެ ފައިނަލެއް

15 އޮކްޓޯބަރު 2024 - 07:26 1

ވެމްކޯ މޮޅުކޮށްދިން ގޯލު ޖެހުމަށް ފަހު ވައްޖެ އުފާފާުޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ


އަނެއްކާ ވެސް ކްލަބް މޯލްޑިވްސް ކަޕްގައި ވެމްކޯ އާއި އާރްއާރްސީގެ ފައިނަލެއް

15 އޮކްޓޯބަރު 2024 - 07:26 1

ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އާއި މިދިޔަ އަހަރުގެ ފައިނަލުގައި އެ ޓީމު އަތުން ބަލިވި، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ބައްދަލުކުރަން ޖެހިއްޖެ އެވެ.

ވެމްކޯ އިން ވަނީ ރޭ ކުޅުނު ފުރަތަމަ ސެމީ ފައިނަލުގައި 3-2 އިން ސްޓެލްކޯ ކްލަބް ބަލިކޮށްފަ އެވެ. އަދި އަނެއް ސެމީ ފައިނަލުގައި، އާރްއާރްސީ އާއި އެމްޕީއެލް ކުޅުނު މެޗު، 3-3 އިން އެއްވަރުވިއިރު، ޕެނަލްޓީ ޖަހައިގެން، އާރްއާރްސީ މޮޅުވީ 7-5 އިންނެވެ.

ވެމްކޯ އިން ރޭގެ މެޗުގައި ލީޑުނެގީ މުހައްމަދު އައްޒާމް ޖެހި ގޯލުންނެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ސްޓެލްކޯ ދެ ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ. ވެމްކޯގެ ދެ ވަނަ ގޯލު ޖެހީ، އެ ޓީމުގެ އީރާން ކުޅުންތެރިޔާ، އަލީ ރެޒާ ޝެއިހްލާރު އެވެ. އޭގެ ކުރިން، އޭނާ ޖެހި ގޯލެއް ވަނީ ފައުލް ކަމަށް ނިންމައިފަ އެވެ.

ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، ސްޓެލްކޯ އިން ފަހަތުން އަރައި، ނަތީޖާ ހަމަހަމަކުރި އެެވެ. އެ ގޮތުން، އެ ޓީމުން ޖެހި ފުރަތަމަ ގޯލަކީ، ވެމްކޯގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ސްޓެލްކޯ އަށް އެއްވަރުކޮށްދިނީ، ޖުމައިލް ޖަމީލް (ޖުމްބެ) އެވެ. ވެމްކޯ މޮޅުކޮށްދިން ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި އިސްމާއިލް ވަޖީހު (ވައްޖެ) އެވެ.

ސެމީ ފައިނަލްގެ ދެ ވަަނަ މެޗުގައި އާރްއާރްސީން ވަނީ ފަށައިގެން ދެ ގޯލުގެ ލީޑެއްނަގައިފަ އެވެ. އެ ގޮތުން، އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. އަދި ހިލޭ ޖެހުމެއްގައި ތަނަވަސްކުރި ފުރުސަތެއްގައި، އާރްއާރްސީގެ ކެޕްޓަން، އިބްރާހިމް އަސްވަދު (ގަބޭ) ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ.

އާރްއާރްސީގެ ކެޕްޓަން ގަބޭ މެޗުން މޮޅުވުމުން އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ


އެމްޕީއެލްގެ ފުރަތަމަ ލަނޑު ޖެހީ، އަހުމަދު ބައްސާމް މުހައްމަދު (ބައްކު) އެވެ. އަދި އެމްޕީއެލް އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކުރީ، އަލީ ޝަމާލް އަބްދުﷲ (ޝަންމު) ޖެހި ދުރު ޕެނަލްޓީންނެވެ. މިއީ، ފުރަތަމަ ހާފު ނިމެއް ހަތަރު ސިކުންތަށް ވެފައި ހުއްޓައި، އާރްއާރްސީން ކުރި ހަ ވަނަ ފައުލާ އެކު ދިން ދުރު ޕެނަލްޓީ އެކެެވެ.

ދެ ވަނަ ހާފުގައި އާރްއާރްސީ އަށް އަލުން ލީޑުނަގައިދިނީ ބަދަލަކަށް ކުޅެން އަރައި، އަހުމަދު ރިޒުވާން (ރިޒޭ) ޖެހި ގޯލުންނެވެ. އާރްއާރްސީގެ އިބްރާހިމް ސިނާހު (ސިނާ) އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމާ އެކު، އެ ޓީމުގެ އެއް ކުޅުންތެރިއަކު މަދުވިތަނާ، އެމްޕީއެލް އިން އެއްވަރުކުރީ، އަލީ ފާސިރު (ސެންޓޭ) ޖެހި ޕެނަލްޓީންނެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، އެމްޕީއެލް އިން ސެންޓޭ އާއި އަހުމަދު ނިޒާމް (ނިޒާމްބެ) ފޮނުވާލި ޕެނަލްޓީތައް ނާކާމިޔާބުވިއިރު، އެ ޓީމުގެ މުހައްމަދު ދާނިޝް އިބްރާހިމް އާއި އިބްރާހިމް އަތީގް ޕެނަލްޓީ ކާމިޔާބުކުރި އެވެ. އާރްއާރްސީގެ އަލީ ޝާމިސް (ތޮއްޕޭ)ގެ ޕެނަލްޓީ ނާކާމިޔާބުވި ނަމަވެސް، އަބްދުﷲ ޔާމީން (ޔާނު)، ރިޒޭ، ބިޗަޑް އަދި ޝަނާން ރަޝާދު ވަނީ ޕެނަލްޓީތައް ކާމިޔާބުކޮށްފަ އެވެ.

އަންނަ ހުކުރު ދުވަހުގެރޭ ވެމްކޯ އާއި އާރްއާރްސީ ބައްދަލުކުރާ މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލް މެޗު އޮތްއިރު، މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރީ ވެސް މި ދެ ޓީމެވެ. ވެމްކޯ ތަށި ހޯދީ 5-3 އިން އާރްއާރްސީ ބަލިކޮށްފަ އެވެ.