15 އޮކްޓޯބަރު 2024 - 08:28 0
ލީވާން އަލީ ނާސިރު
އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫ
15 އޮކްޓޯބަރު 2024 - 08:28 0
އިންޑިއާ އާއި ކެނެޑާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެ، އިންޑިއާގައި ތިބި ކެނެޑާ ހަ ޑިޕްލޮމެޓަކު ފުރަން އަންގައިފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނި ގޮތުގައި އަނބުރާ ކެނެޑާ އަށް ދިޔުމަށް އަންގާފައި ވަނީ އިންޑިއާގައި ހުންނަ ކެނެޑާގެ އެކްޓިން ހައި ކޮމިޝަނަރު، ސްޓެވާޓް ރޮސް ވީލާ އާއި ޑެޕިއުޓީ ހައި ކޮމިޝަނަރު، ޕެޓްރިކް ހާބާޓްގެ އިތުރުން ހަތަރު ފަސްޓް ސެކްރެޓަރީ އެކެވެ.
އިންޑިއާއިން އެ ގޮތަށް ނިންމީ ކެނެޑާގައި ހުންނެވި އިންޑިއާ ހައި ކޮމިޝަނަރު، ސަންޖޭ ވަރުމާ އާއި ޑިޕްލޮމެޓުން އަނބުރާ ގެނައިތާ ގަޑިއިރުތަކެއް ފަހުންނެވެ.
އިންޑިއާއިން ބުނީ ކެނެޑާ ސަރުކާރަށް އޮތް އިތުބާރު އެއްކޮށް ގެއްލިފައިވާ ކަމަށާއި ހައި ކޮމިޝަނަރު އަނބުރާ ގައުމަށް ގެނައީ އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށެވެ.
ކެނެޑާގެ ފުލުހުން އަދި ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި ކެނެޑާގައި މަރާލި ސީކް ދީނުގެ ހަރްދީޕް ސިންގް ނިއްޖާރް މަރާލީ އިންޑިއާގެ އަތެއް އޮވެގެންނެވެ. ނަމަވެސް އިންޑިއާއިން އެކަން ދޮގުކުރެ އެވެ.
އެ މައްސަލާގައި އިންޑިއާ އާއި ކެނެޑާއާ ދެމެދު ގޯސްވެފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ މައްސަލަ އަނެއްކާ ފެންމަތިވީ އިންޑިއާގެ ޑިޕްލޮމެޓުން އޭނާ މަރާލުމުގައި ޝާމިލުވި ކަމަށް ތުހުމަތު ކުރުމުންނެވެ.
ކެނެޑާގެ ރައްޔިތެއް ކަމުގައިވާ ހަރްދީޕް ސިންގް ނިއްޖާރް މަރާލީ މިދިޔަ އަހަރުގެ ޖޫން 18 ވަނަ ދުވަހު ވެންކޫވާގައި ސީކް ދީނުގެ ސަގާފީ ސެންޓަރެއްގެ ކުރިމަތީގަ އެވެ. އޭނާއަކީ 2007 އާ ހަމައަށް އިންޑިއާ ރައްޔިތެކެވެ.
ހަރްދީޕް ސިންގްއަކީ ސީކް ދީނުގެ މީހުންގެ ވަކި ދައުލަތެއްގެ ގޮތުގައި އިންޑިއާގެ އުތުރުގައި ހަލިސްތާން ގާއިމްކުރަން ވަކާލާތު ކުރަމުން ދިޔަ އެކްޓިވިސްޓެކެވެ. އިންޑިއާގެ ފުލުހުން ވަނީ އޭނާގެ މައްޗަށް ޓެރަރިޒަމާއި މީހުން މަރަން ރޭވުމުގެ ތުހުމަތުކޮށްފަ އެވެ.
އެކަމަކު އޭނާ އެ ތުހުމަތުތައް ދޮގުކުރި އެވެ. އިންޑިއާ ސަރުކާރުން ބުނީ ކެނެޑާގައި ސީކް ދީނުގެ ހަރުކަށި މީހުން ހިންގާ އަމަލުތަކަށް ކެނެޑާގެ އިދާރާތަކުން އަޅާ ނުލާ ކަމަށެވެ.
ހަރްދީޕް ސިންގް މަރުގެ މައްސަލައާ ގުޅިގެން ކެނެޑާ އާއި އިންޑިއާއާ ދެމެދު އުފެދުނު ނުތަނަވަސް ކަމުގައި މީގެ ކުރިން ވެސް ޑިޕްލޮމެޓުން ފޮނުވައިލި އެވެ.
Comment