Advertisement

މުރައިދޫގެ މުވައްޒަފުންގެ ތަފުސީލު ސިއްރުކުރަން ނިންމި ނިންމުން ބަދަލުކޮށްފި

14 އޮކްޓޯބަރު 2024 - 16:31 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަޖިލިސް ރައީސް އަބްދުއްރަހީމް.


މުރައިދޫގެ މުވައްޒަފުންގެ ތަފުސީލު ސިއްރުކުރަން ނިންމި ނިންމުން ބަދަލުކޮށްފި

14 އޮކްޓޯބަރު 2024 - 16:31 0

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު، މުރައިދޫ ގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތަފުސީލުތައް ހާމަނުކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ނިންމި ނިންމުން ބަދަލު ކޮށްފި އެވެ.

އެ ނިންމުން ބަދަލު ކުރަން، އަލުން ކޮމިޓީއަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު، އިބްރާހިމް ފަލާހު އެވެ. އޭނާ ހުށަހެޅުއްވީ މުރައިދޫ ގައި ވަޒީފާ އަދާ ކުރާ ފަރާތްތަކާ ބެހޭ ގޮތުން ހޯދަން އެދިފައިވާ ހުރިހާ މައުލޫމާތެއް ދިނުމަށެވެ.

ފަލާހު ހުށަހެޅުއްވި ހުށަހެޅުމަށް ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު އެވެ.

އެ މައްސަލަ ވަކި ގޮތަކަށް ނިންމާފައި އޮއްވައި، އަލުން އެ މައްސަލައާ މެދު ގޮތެއް ނިންމުމާ މެދު އިދިކޮޅު ބައެއް މެންބަރުންގެ ހިޔާލު ތަފާތުވި އެވެ.

އެގޮތުން ހަނިމާދޫ ދާއިރާގެ މެންބަރު، އަބްދުލްގަފޫރު ވިދާޅުވީ ދެވަނަ ފަހަރަށް އެ ކޮމިޓީ ކުރިއަށް ދަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން މައްސަލައާ ގުޅިގެން ވަކި ގޮތެއް ނިންމައިފައި އޮއްވައި އަލުން އެ މައްސަލަ ބެލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ގަފޫރު ވިދާޅުވި އެވެ.

މުރައިދޫ ގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތަފުސީލު ހާމަކުރަން ފާސްކުރީ ގަފޫރު ފިޔަވައި ކޮމިޓީއަށް ހާޒިރުވި ހުރިހާ މެންބަރުންގެ ވޯޓުންނެވެ.

"އަދަދު" އަށް އެނގިފައި ވާގޮތުގައި ކޮމިޓީގެ ނިންމުން ބަދަލު ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެންނެވެ. އެ ނިންމުން ބަދަލު ކޮށްފައި މިވަނީ އެކަމަށް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށެވެ.

މުރައިދޫގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދާއި މުސާރައިގެ ތަފުސީލު ހާމަނުކުރަން ނިންމީ މިއަދު ހެނދުނު އޮތް 241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގަ އެވެ.

"އަދަދު" ނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި މައުލޫމާތު ސިއްރުކުރަން ހުށަހެޅީ ވެސް ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު އެވެ. އޭނާއަކީ މަޖިލިސް ރައީސް އަބްދުއްރަހީމްގެ އެންމެ އަރިސް އެއް މެންބަރެވެ.

އެގޮތަށް ނިންމީ އެ މައުލޫމާތު އާންމުކޮށްފި ނަމަ މަޖިލީހުގެ ރައީސްގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ދެކޭތީ ކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ.

މަރާމާތަށް ފަހު މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ މުރައިދޫއަށް ބަދަލުވެވަޑައިގެންނެވީ ޖުލައި 26، ގަ އެވެ. އެއަށް ފަހު އެމަނިކުފާނު ވަނީ މުރައިދޫގެ އެކި މަގާމުތަކަށް ބޭފުޅުން އައްޔަންކޮށްފަ އެވެ.

އެގޮތުން، އެ ގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) އަދި ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ހަމަޖެއްސިކަން ނޫސްތަކުގެ ސުރުހީއަށް އެރި އެވެ. ނަމަވެސް މުރައިދޫގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދާއި ލިބޭ މުސާރައިގެ ތަފުސީލެއް ނޭނގެ އެވެ.