Advertisement

މަންފާއެއް އޮތްނަމަ ތެއްޔަކީ ވިހާ އެއްޗެއްކަމަށްވެސް ގަބޫލުކޮށްފާނެ!

15 އޮކްޓޯބަރު 2024 - 07:01 0

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު


މަންފާއެއް އޮތްނަމަ ތެއްޔަކީ ވިހާ އެއްޗެއްކަމަށްވެސް ގަބޫލުކޮށްފާނެ!

15 އޮކްޓޯބަރު 2024 - 07:01 0

ޖުހާގެ ގޭގައި އަވަށްޓެރިންނަށް ބޮޑު ޖާފަތެއް ދިނުމަށް އޭނާ ނިންމައިފި އެވެ. ކައްކަންޖެހޭ ކެއްކުމުގެ ބޮޑުކަމުން، ބޮޑު ތެއްޔެއް ދިނުމަށް އޭނާގެ އަވަށްޓެރިޔާގެ ގާތުގައި އެދިއްޖެ އެވެ. މަސައްކަތް ނިމުނުހައި އަވަހަކަށް ތެލި އަނބުރާ ރައްދުކޮށްދޭނޭކަމަށް ވައުދުވެސް ވެއްޖެ އެވެ. ޖުހާގެ ޒަރޫރަތާއި އޭނާ ވީ ވައުދަށް ބަރޯސާވެ، އަމާނާތެކޭ ހިތުމަށް ވަސިއްޔަތްކޮށް، އަވަށްޓެރިޔާގެ ގެއިން ބޮޑު ތެއްޔެއް ޖުހާއަށް ދީފި އެވެ.

ޖުހާގެ ގޭގައި ބޭއްވުނު އުފާވެރި ޖާފަތަށްފަހު، ހަތް އިރު އޮއްސުނީ އެ ތެލި ހުރި ހާލުގައި ހުއްޓަ އެވެ. ޖުހާ ތެލީގެ މަތިން ހަނދާންވީ އަވަށްޓެރިޔާ ނުރުހިފައި ސުވާލުކުރުމުންނެވެ. ޖުހާ އެ ތެލި ހުރިތަނަކުން ނަގައި އަތިރި މައްޗަށް ގެންގޮސް ދޮވެ، ސާފުކޮށް އޮފު އަރުވާލައިގެން ގެންގޮސް އަވަށްޓެރިޔާއާ ހަވާލުކުރެ އެވެ. އަވަށްޓެރިޔާ ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައިކަމަށްވާތީ އޭނާ ރުއްސުމަށްކަމަށް އެ ތެއްޔާއެކު، އިތުރު ކުޑަ ތެއްޔެއްވެސް ދީފި އެވެ. އަވަށްޓެރިޔާ ސުވާލުކުރެ އެވެ. މިއީ ކޮން އިތުރު ތެއްޔެއް ހެއްޔެވެ. ޖުހާ ބުންޏެވެ. މިތުރާ އެވެ. ކަލާ އަހަރެންނަށް ދިނީ މާބަނޑުވެ ވިހަންވެފައި އޮތް ތެއްޔެކެވެ. އަހަރެންގެ ގޭގައި ތެލި އޮއްވައި އެ ތެލި ވިހައިފި އެވެ. އެއްވެސް އެހީތެރިކަމެއް ނެތި އެކަނި އޮވެގެން ވިހެއި އިރު ދެމައިންގެ ހާލުވެސް ރަނގަޅެވެ. އަހަރެންގެ ގޭގައި ވިހެއި ނަމަވެސް އެ ތެލީގެ މިލްކުވެރިކަން ވާނީ ތިބާއަށް ކަމަށް ދެކޭތީ އަމާނާތްތެރިކަމާއެކު އެ ތެލިވެސް މިތުރާއާ ހަވާލުކުރީ އެވެ.

ޖުހާގެ ޝަހުސިއްޔަތު އެންމެންވެސް ދަނެ އެވެ. ސޭކެއްތޯ ނުވަތަ މާ ބޮޑު ބުއްދިވެރިއެއްތޯ ސާފެއް ނުވާނެ އެވެ. އަވަށްޓެރިޔާ އޭނާއަށް ލިބޭން އުޅޭ ފައިދާ ހިތްމައްޗަށް ގެނެސް ހިނިތުންވުމާއެކު ބުނެ އެވެ. ތިޔަ ތެއްޔަކީ ވިހަންވެފައި އޮތް ތެއްޔެއްކަން ތެލި ދިންއިރުވެސް އަހުރެން ދެނަހުރީމެވެ. ސުވާލު ނުކުރީ ޖުހާ ހަދާ އެއްޗެއް ބަލާށެވެ. ތިޔައީ ތެދުވެރިއެއްކަން ގައިމުވެއްޖެ އެވެ.

މިކަމެއް ހިނގިތާ ދުވަސްގަނޑެއް ފަހުން އަނެއްކާވެސް ޖުހާގެ ގޭގައި ޖާފަތަކަށް ތައްޔާރުވަނީ އެވެ. މިފަހަރު މާބޮޑު ޖާފަތެކެވެ. ޖުހާ މިކަމުގައި އެއްކަލަ އަވަށްޓެރިޔާއާ ބައްދަލުކޮށް ދިހަ ތެލި ދިނުމަށް އެދުނެވެ. އަވަށްޓެރިޔާ ލަހެއް ފަހެއް ނެތި ދިހަ ތެލި ނަގައި ޖުހާއަށް ދިނެވެ. މިފަހަރު އިތުރަށް ދިހަ ތެލި ލިބޭނޭތާއޭ ހިތަށް އަރައި އެކަމާ އުފާކުރަމުންނެވެ.

ޖުހާ މި ތެލިތައް ގެންދިޔަފަހުން މަހަކާ ފޮއި ދުވަސް ވެއަތުވެއްޖެ އެވެ. ތެލިތަކެއް އަނބުރާ ނުގެނެ އެވެ. އެހެންވެ ހަބަރު ބަލާލަންކަމަށް އަވަށްޓެރިޔާ ޖުހާއާ ބައްދަލުކުރި އެވެ. ތެލިތައް ކޮބައިތޯ ސުވާލުކުރުމުން ޖުހާ ކަރު އެލުވާލައި މޮޅިވެރި ރާގެއްގައި ބުންޏެވެ. މިތުރާ އެވެ. އޮތީ ވަރަށް ދެރަ ހަބަރެކެވެ. ވިހެއުމުގެ ތެރޭގައި ހުރިހައި ތެއްޔެއްވެސް މަރުވީ އެވެ. ހިތާމައިގެ ބޮޑުކަމުން ތިބާއަށް މިވާހަކަ އަންގައިލާނޭ ހިތްވަރުވެސް ނުލިބި ލަސްކުރެވުނީ އެވެ. އަވަށްޓެރި ނިތަށް ރޫއަރުވައި ދެބުމަ ގޮށްޖަހައި ހަރު އަޑުން ބުނެ އެވެ. ބަލަ ޖުހާ ކަލޭ މޮޔަވީ ހެއްޔެވެ. ތެއްޔަކީ މަރުވާ އެއްޗެއް ހެއްޔެވެ. ޖަވާބުގައި ޖުހާވެސް ކުރީ ސުވާލެކެވެ. ތެލި އެއީ ވިހާ އެއްޗެއް ހެއްޔެވެ؟ ތިބާ ދިން ތެލި ވިހެއި ވާހަކަ ބުނި ދުވަހު އެވާހަކަ ގަބޫލުކުރީ އިތުރު ސުވާލެއްވެސް ނެތި އެވެ. މަރުވީއޭ ބުނީމާ ގަބޫލުނުކުރެވެންވީ ކީއްވެގެން ހެއްޔެވެ. އަވަށްޓެރިޔާ ބުނާނެ އެއްޗެއް ނޭނގި ގަނބުވެފައި ހުރެ އެވެ.

ޖުހާގެ އަވަށްޓެރިޔާ ގަބޫލުކުރީ އޭނާގެ މަސްލަހަތު އޮތް ގޮތަށް ދެއްކި، އޭނާއަށް މަންފާ އޮތް ވާހަކަ އެވެ. އޭނާއަށް ގެއްލުންވާނަމަ ހަމަ އެވާހަކައަކީ އޭނާއަށް ގަބޫލުކުރެވެން ނެތް، ހަމަނުޖެހޭ ވާހަކައެކެވެ.

ކުރީގެ ސަރުކާރުން އިންޑިއާއާއެކު މާ ގިނަ އެއްބަސްވުންތަކުގައި ސޮއިކުރާތީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ އެވެ. ސިޔާސީ ލީޑަރުންގެ ކަންބޮޑުވުން އެންމެ ބޮޑީ އަސްކަރިއްޔާއާއެކު ވެފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުންނެވެ. އިދިކޮޅުގެ ކަންބޮޑުވުންތަކަށް ރައްދު ދެމުން އޭރު ސިފައިންގެ އިސް ޖެނެރަލުން ވިދާޅުވަމުން ގެންދެވީ ރާއްޖެއަށް ގެއްލުންވާނޭ އެއްވެސް އެއްބަސްވުމެއް އެއްވެސް ފަރާތަކާއެކު އެކުލަވާލެވިފައި ނުވާނެ ކަމަށެވެ. އަސްކަރީ ބޭނުމުގައި ރާއްޖޭގައި ބޭރުގެ ގައުމެއްގެ ސިފައިން ނުތިބޭނޭކަމަށް ސިފައިންގެ ޖެނެރަލުން ހަރު އަޑުން ވިދާޅުވެ ކަށަވަރުކަން ދެމުން ގެންދިޔަ އެވެ.

ސިފައިންގެ ޖެނެރަލުން އޭރު ދިން ކަށަވަރުކަމަކީ އޭރު އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަށް ގަބޫލުކުރެވުނު ކަމަކަށް ނުވި އެވެ. އެ ބޭފުޅުންގެ ރައްދަކަށްވީ ވަކިގޮތަކަށް ވާހަކަ ދެއްކުމަށް ސަރުކާރުން ސިފައިންނަށް މަޖުބޫރުކޮށްފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއަކީ ސިފައިންގެ އެންމެ މަތީވެރިޔާކަމަށްވާއިރު، ރައީސްގެ އަމަލެއް ދިފާއުކޮށް ސިފައިން ދައްކާ ވާހަކައަކީ ހުއްޖަތެއް ނޫންކަމަށް އެ ބޭފުޅުން އޭރު ވިދާޅުވަމުން ގެންދެވި އެވެ.

އޭރުގެ އިދިކޮޅު ސިޔާސީ ހަރަކާތް ހިންގެވި ބޭފުޅުން މިހާރު އެ ތިއްބެވީ ސަރުކާރު ހިންގަވާށެވެ. ކުރިން ރުޅިކޮށް އުޅުނު ނަމަވެސް މިހާރު އިންޑިއާވެސް ރަހުމަތްތެރި އެވެ. އެއީ ރާއްޖޭގެ އެންމެ ގާތް މިތުރަށް ވެއްޖެ އެވެ. ކުރީ ސަރުކާރުން އިންޑިއާއާއެކު ވެފައި ހުރި ހުރިހާ އެއްބަސްވުންތަކެއް އައުކޮށް އޭގެ އިތުރުން އިތުރު އެއްބަސްވުންތައްވެސް ހަދައިފި އެވެ.

މި ސަރުކާރުން އަމަލުކުރި ގޮތާމެދުވެސް ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަނީ ދިވެހި ރައްޔިތުން ހާސްވާންޖެހޭ އެއްވެސް ކަމެއް ނެތްކަމުގަ އެވެ. ހާސް ނުވާންވީ ކީއްވެގެންކަމަށްތޯ އެވެ. ރައީސް ވިދާޅުވި އެވެ.

"މިއީ ލިޔެވިފައި އޮތް އެއްޗެއް. މިހާރުވެސް ތިޔައިން ކޮންމެ ބޭފުޅަކު ބައްލަވަން ބޭނުންވިޔަސް ފެންނަން އޮތް، އަކުރުން ފިއްޔަށް ލިޔެފައި އޮތް އެއްޗެއް. އޭގައި ދިފާއީ ގޮތުން، ޑިފެންސްގެ ދާއިރާއިން ލިޔެފައި ހުރި ކޮންމެ ޖުމުލައަކީ އެމް.އެން.ޑީ.އެފް. އިން ބައްލަވައި އެޕްރޫވްކޮށްފައި ހުރި އެއްޗިހި. އެހެން ބައެއްގެ އަތްމައްޗަށް އަޅުގަނޑުމެންގެ ކަންކަން ދޫކޮށްލާ ވާހަކައެއް ނޯންނާނެ އެޔަކު."

ކުރީގެ ސަރުކާރުންނާއި، ސިފައިންގެ ޖެނެރަލުން ހަމަ އެ ވާހަކަ ވިދާޅުވީމާ މިހާރުގެ ރައީސަށް އޭރު އެވާހަކަ ވީ ހޮޅި ވާހަކައަކަށެވެ. މިހާރު އެ ވާހަކަ އެ ވިދާޅުވަނީ އޭރުވެސް އެވާހަކަ ދެއްކެވި ބޭކަލުންނެވެ. ރައީސަށް މިހާރު އިންޑިއާއާއެކު އޮތް އެއްބަސްވުންތަކުގެ ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ހުއްޖަތަކަށްވީވެސް ހަމަ ސިފައިންގެ ބަހެވެ. މިވަގުތުގެ މަސްލަހަތު ލާޒިމުކުރަނީ ސިފައިންގެ ބަސް ގަބޫލުކުރުމަށެވެ. ސިފައިން އެ ވިދާޅުވީ ތެލި ވިހާ މަރުވާ ވާހަކަ ކަހަލަ ވާހަކައެއް ކަމަކަށް މިފަހަރަކު ނުވި އެވެ.