Advertisement

ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ ހަތަރެއްގެ ކުރިމަތިލުން ފޯރިގަދަވާނެ

14 އޮކްޓޯބަރު 2024 - 07:26 0


ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ ހަތަރެއްގެ ކުރިމަތިލުން ފޯރިގަދަވާނެ

14 އޮކްޓޯބަރު 2024 - 07:26 0

ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލް ދެ މެޗާ ހަމައަށް އައިިއިރު، މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ވެސް ވަނީ ވަރުގަދަ މެޗުތަކެއް ފެނިގެން ގޮސްފަ އެވެ. އެހެން ނަަމަވެސް، މިރޭ ކުޅޭ، މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ވެގެންދާނީ ފޯރިގަދަ ކުރިމަތިލުންތަކަކަށެވެ.

ސެމީ ފައިނަލް ފުރަތަމަ މެޗުގައި ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އާއި މި މުބާރާތުގެ ސެމީ ފައިނަލުން މުޅިން އަލަށް ފުރުސަތު ހޯދި ސްޓެލްކޯ ރެކްރިއޭޝަން ކްލަބާ އެވެ. ދެ ވަނަ ސެމީ ފައިނަލުގައި، މުބާރާތުގެ ތަށި، ތިން ފަހަރެއްގެ މަތިން ހޯދާފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބައްދަލުކުރާނީ މީގެ ކުރިން އެއް ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)އާ އެވެ.

ކްލަބް މޯލްޑިވްސްގެ މުބާރާތްތައް ފަށަން މި ފަހަރު ކުޅުނު ކިންގްސް ކަޕްގެ ތަށި ހޯދި ވެމްކޯ އަށް ކްލަބް މޯލްޑިވްސް ކަޕް ފަށަން ޖެހުނީ އުނދަގޫ ކޮށެވެ. އެ ގޮތުން، ގްރޫޕްގެ ފުރަތަމަ މެޗުގައި ވެމްކޯ ވަނީ 1-0 އިން އެމްޕީއެލް އަތުން ބަލިވެފަ އެވެ.

އެހެން ނަމަވެސް، ދެން ކުޅުނު ގްރޫޕްގެ ދެ މެޗުގައި ފަރަގު ބޮޑުކޮށް، ޓީމުތައް ބަލިކުރުމަށް ފަހު، ނޮކައުޓް ބުރަށް އައީ ކޮންފިޑެންސާ އެކު އެވެ. ނޮކައުޓް ފުރަތަމަ މެޗުގައި، ޕެނަލްޓީ ޖަހައިގެން އެސްޓީއޯ ކަޓުވާލުމަށް ފަހު، ކުއާޓާ ފައިނަލުގައި ވެމްކޯ އިން ވަނީ މޯލްޑިވިއަންގެ މައްޗަށް ކުރިހޯދައިފަ އެވެ. ސެމީ ފައިނަލްގައި އޮތް ހަތަރު ޓީމުގެ ތެރެއިން މި ފަހަރުގެ މުބާރާތުގައި މެޗަކުން ބަލިވެފައި އޮތް ހަމައެކަނި ޓީމަކީ ވެމްކޯ އެވެ.

ސްޓެލްކޯ އަށް ބަލާއިރު، އެ ޓީމުގައި ހުރި ކޯޗަކީ، މިދިޔަ އަހަރުގެ ފައިނަލުގައި ވެމްކޯ އަތުން ބަލިވި އާރްއާރްސީއާ ހަވާލުވެ ހުރި އިސްމާއިލް ޝަރީފް (އިއްސެ) އެވެ. އިއްސެގެ ކޯޗުކަމުގައި ސްޓެލްކޯ އިން މި ވަނީ ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ސްޓެލްކޯ އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ މޮޅުވެފަ އެވެ. އަނެއް މެޗުން ވީ އެއްވަރެވެ.

މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި އޮތް ހަތަރު ޓީމަށް ބަލާއިރު، މުބާރާތުގެ ތަށި ނުލިބި އޮތް ހަމައެކަނި ޓީމަކީ ސްޓެލްކޯ އެވެ.

އެމްޕީއެލުން ސެމީ ފައިނަލަށް އައިއިރު، މިހާތަނަށް އެ ޓީމުން ކުޅުނު ހުރިހާ މެޗަކުން ވަނީ މޮޅުވެފަ އެވެ. ސެމީގައި އެ ޓީމާ ދެކޮޅަށް ނުކުންނަ އާރްއާރްސީ ވެސް މިހާ ހިސާބަށް ދަތުރުކޮށްފައިވަނީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ. އެމްޕީއެލް އިން ވަނީ ނޮކައުޓް ބުރުގައި، ކްލަބް ފެން އާއި ދިވެހި ސިފައިންގެ ކްލަބް ބަލިކޮށްފަ އެވެ. އާރްއާރްސީން ކްލަބް ޓީޓީއެސް އާއި ދިރާގުގެ މައްޗަށް ކުރިހޯދައިފައިވެ އެވެ.

އާރްއާރްސީ އާއި އެމްޕީއެލް އަކީ ސެމީ ފައިނަލަށް ދަތުރުކުރިއިރު، މި ދެ ޓީމަކީ، މި ފަހަރުގެ މުބާރާތުގައި އެންމެ މަދުން ގޯލު ވަދެފައިވާ ދެ ޓީމެވެ. އެންމެ ގިނަ ގޯލު ޖަހާފައިވަނީ އާރްއާރްސީންނެވެ.

އާރްއާރްސީ ޓީމަށް ބަލާއިރު، މި ފަހަރުގެ މުބާރާތުގައި އެންމެ ރަނގަޅު ފޯމެއްގައި ހުރީ އަލީ ހާފިޒް (ހާއްޕެ) އެވެ. މުބާރާތުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި ހާއްޕެ އޮތީ ނުވަ ގޯލު ޖަހައިގެންނެވެ. އެ ޓީމުގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ވަނީ އަށް ގޯލު ޖަހައިފަ އެވެ. ސެމީގައި ކުޅޭ އެހެން ޓީމުތަކަށް ބަލާއިރު، ވެމްކޯގެ ކެޕްޓަން، އަލީ ޝިޔާހު (ޝިޔަޅޭ) އާއި އިރާން ކުޅުންތެރިޔާ، އަލީ ރިޒާ ވެސް ވަނީ ކޮންމެ ކުޅުންތެރިއަކު ހަ ގޯލު ޖަހައިފަ އެވެ. ސްޓެލްކޯގެ އަހުނަފް ރަޝީދު (އަހުއްކޮ) ވަނީ، ފަސް ގޯލު ޖަހައިފަ އެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ކުރިމަތިލުން ކަމަށްވާ، ސްޓެލްކޯ އާއި ވެމްކޯގެ މެޗު ފަށާނީ މިރޭ 20:30 ގަ އެވެ. އަދި ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި އާރްއާރްސީ އާއި އެމްޕީއެލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 22:15 ގަ އެވެ.