Advertisement

މޯލްޑިވިއަންއިން ކޫއްޑޫއަށް ކުރާ ދަތުރުތައް ހުއްޓާލައިފި

12 އޮކްޓޯބަރު 2024 - 19:28 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މޯލްޑިވިއަންގެ ފްލައިޓެއް: މޯލްޑިވިއަންއިން ވަނީ ކޫއްޑޫއަށް ކުރާ ދަތުރުތައް ހުއްޓާލާފައި -- ފޮޓޯ: ރައީސް އޮފީސް


މޯލްޑިވިއަންއިން ކޫއްޑޫއަށް ކުރާ ދަތުރުތައް ހުއްޓާލައިފި

12 އޮކްޓޯބަރު 2024 - 19:28 0

ކޫއްޑޫ އެއާޕޯޓުގެ ފެންވަރު ދަށްވުމުގެ ސަބަބުން، ގައުމީ އެއާލައިން މޯލްޑިވިއަންއިން އެ އެއާޕޯޓަށް ކުރަމުންދިޔަ ދަތުރުތައް މިއަދުން ފެށިގެން ހުއްޓާލައިފި އެވެ.

މޯލްޑިވިއަންގެ ކޯޕަރޭޓް ސޭލްސް މުހައްމަދު ނަސީރު "އަދަދު" އަށް ވިދާޅުވީ ކޫއްޑޫއަށް ކުރަމުންދާ ދަތުރުތައް އަލުން ފަށާނީ އެއާޕޯޓުގެ މަސައްކަތް ނިމުމުން ކަމަށެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ އޮފިޝަލަކު ކުރިން ވިދާޅުވީ ކޫއްޑޫ އެއާޕޯޓް މަރާމާތު ކުރުމަށްފަހު ގިނަ ދުވަސްވެފައިވާތީ އެ ތަނަށް ދަތުރު ކުރަން މިހާރު ރައްކާތެރި ނޫން ކަމަށެވެ.

ކޫއްޑޫ އެއާޕޯޓް އޮޕަރޭޓް ކުރަމުންދަނީ މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓުންނެވެ.

މޯލްޑިވިއަންއިން ކޫއްޑޫއަށް ކުރާ ހުރިހާ ދަތުރުތައް މާވަރުލު އެއާޕޯޓުގެ އިތުރުން ހުވަދު އަތޮޅުގެ އެހެން އެއާޕޯޓްތަކަށް ވަނީ ޑައިވާޓް ކޮށްފަ އެވެ.

ކޫއްޑޫގެ ދަތުރުތައް ކުއްލި ގޮތަކަށް އެއްވެސް ނޯޓިސްއެއް ނުދީ މޯލްޑިވިއަންއިން ހުއްޓާލަން ނިންމުމާއެކު އެ އެއާޕޯޓުން ދަތުރު ކުރަން ޓިކެޓް ނަގާފައި ތިބި މީހުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ކޫއްޑޫ އެއާޕޯޓުގެ 1،200 މީޓަރު ދިގު ރަންވޭ 1،800 މީޓަރަށް ދިގުކޮށް، ވީއަޕީ ލައުންޖަކާއި، މުވައްޒަފުންގެ ދެ އެކޮމޮޑޭޝަން ބްލޮކާއެކު ތަރައްގީކޮށް ހުޅުވީ 2017 ގަ އެވެ.

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފުނަދޫއަށް ޝެޑިއުލް ފްލައިޓުތައް މެދުކަނޑާލާފައިވާކަން އިއްޔެ މޯލްޑިވިއަން ހާމަ ކުރި އެވެ. ނަމަވެސް ފަހުން އެ އެއާޕޯޓަށް ދަތުެރުތައް ކުރަން ފަށާފައިވާ ކަމަށް އެ އެއާލައިނުން ބުންޏެވެ.

އެއާޕޯޓުތަކުގެ ސޭފްޓީ އުސޫލު އޮންނަ ގޮތުން ރަންވޭގެ ފެންވަރު ދަށްވެ ނުވަތަ އެއާޕޯޓުގައި ހުންނަން ޖެހޭ ފެސިލިޓީތައް ނެތްނަމަ ފްލައިޓް އެޅުމަކީ މަނާ ކަމެކެވެ.