Advertisement

ލާމަރުކަޒީ ނިޒާމު އަލުން ގެންނަން 2026 އަކީ އެމްޑީޕީގެ އާ އަލިވިލުމަކަށް ހަދަން ޖެހޭ: ޝާހިދު

12 އޮކްޓޯބަރު 2024 - 13:51 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ލާމަރުކަޒީ ނިޒާމު އަލުން ގެންނަން 2026 އަކީ އެމްޑީޕީގެ އާ އަލިވިލުމަކަށް ހަދަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ


ލާމަރުކަޒީ ނިޒާމު އަލުން ގެންނަން 2026 އަކީ އެމްޑީޕީގެ އާ އަލިވިލުމަކަށް ހަދަން ޖެހޭ: ޝާހިދު

12 އޮކްޓޯބަރު 2024 - 13:51 0

މުޅި ރާއްޖެއަށް ލާމަރުކަޒީ ނިޒާމު އަލުން ގެންނަން 2026 އަކީ އެމްޑީޕީގެ އާ އަލިވިލުމަކަށް ހަދަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ކުޅުދުއްފުށި ސިޓީގައި އުތުރުގެ ތިން އަތޮޅުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއެކު ކުރިއަށްގެންދާ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި ޝާހިދު ވިދާޅުވީ މުޅި ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ބަދަލު ކޮށްލެވޭ ވަރުގެ ކައުންސިލަރުންތަކެއް އެމްޑީޕީއަށް ގެނެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރުއްސުރެ މަސައްކަތް ފަށަންވީ 2026 ގައި އާ އަލިވިލުމަކަށް، 2026 ގައި އެމްޑީޕީން މުޅި ރާއްޖެ އަލުން އަޅުގަނޑުމެންގެ މި ލާމަރުކަޒީ ނިޒާމަށް ބަދަލުކޮށްލެވޭ ވަރުގެ ކައުންސިލަރުންތަކެއް ގެނައުމަށް، މުޅި ރާއްޖޭގައި ގެންނަންވީ. 2026 އެއީ އަޅުގަނޑުމެންގެ އާ އަލިވިލުން ކަމުގައި އަޅުގަނޑުމެން ހަދަންވީ،" ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީއަކީ ރައްޔިތުންގެ ވިންދާ ގުޅިފައިވާ ރަން ރީނދޫ ލަޝްކަރު ކަމަށާއި އެ ޕާޓީއަށް މުޅި ރާއްޖެ ބަދަލުކޮށްލެވޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

މިއަދު އޮތް އަނިޔާވެރި އޮޅުވާލުމާއި މަކަރުވެރި ސަރުކާރުގެ އެންމެ މައިގަނޑު އެއް ފަލްސަފާއަކަށް ވާނީ ކައުންސިލަރުންގެ އަގު ވައްޓާލުންކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ ސަރުކާރުން ދަނީ ކައުންސިލަރުންނަކީ ބޭނުންތެރި ބައެއް ނޫން ކަމަށް ދައްކަން މަސައްކަތް ކުރަމުން ކަމަށެވެ.

ސަރުކާރުގެ މިސްރާބު ހުރީ ކައުންސިލަރުންގެ އަދަދު މަދުކޮށް، ހޮވޭ ކައުންސިލަރުން ކަތީބުންނަށް ބަދަލުކޮށްލަން ކަމަށާއި އޭރުން ތިބޭނީ ބޮޑު ކަތީބާއި ކުޑަ ކަތީބުގެ އިތުރުން އެޓޯލްސް މިނިސްޓަރު ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ފުނޑުފުނޑު ކޮށްލަން ސަރުކާރުން ކުރާ މަސައްކަތާއި ދެކޮޅަށް ނިކުންނަން ޖެހޭ ކަމަށެވެ.

މިދިޔަ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް ތަރައްގީގެ އެތައް މަޝްރޫއެއް ފަށައި ނިންމިކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ ނުނިމި ހުރި މަޝްރޫތައް މި ސަރުކާރުން އައިސް ހުއްޓުމަކަށް ގެނެސްފައިވާ ކަމަށެވެ.

މި ސަރުކާރުގެ ވިސްނުމަކީ ރަށު ބަންދުގައި ރައްޔިތުން ބައިތިއްބައި، އެ ރަށްރަށުގައި ތިބި ރައްޔިތުންނަށް އާމްދަނީ ލިބެމުންދިޔަ ދޮރުތައް ވެސް ބަންދު ކުރުން ކަމަށް ޝާހިދު ވިދާޅުވި އެވެ.