12 އޮކްޓޯބަރު 2024 - 09:28 0
އެމްޕީއެލް ޓީމުގެ ޝަންމު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
12 އޮކްޓޯބަރު 2024 - 09:28 0
ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި ޕޯޓްސް ރެކްރިއޭޝަން ކްލަބް (އެމްޕީއެލް) ބައްދަލުކުރަން ޖެހިއްޖެ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލްގެ ފަހު ދެ މެޗު ރޭ ވަނީ ކުޅެފަ އެވެ. އާރްއާރްސީން ވަނީ ދިރާގު އަތުން 7-1 އިން މޮޅުވެފަ އެވެ. ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް އެމްޕީއެލް އިން ކުރިހޯދީ 1-0 އިންނެވެ.
އާރްއާރްސީ އަށް ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައިދިނީ 50 ވަނަ ސިކުންތުގައި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. އޭގެ ފަހުން، އަލީ ހާފިޒު (އައްޔަ) ލަނޑެއް ޖަހައި ލީޑުފުޅާކޮށްދިނެވެ. ދިރާގުން ކުޅުން ރަނގަޅުކޮށް، މުހައްމަދު ޝަނީޒް ލަނޑު ޖެހި އެވެ.
އާރްއާރްސީން މެޗު ކުރިއަށްދިޔަ ވަރަކަށް ކޮންޓްރޯލް ނަގައިގެން ކުޅެމުންދިޔައިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ އައްޔަ އާއި ބިޗަޑްގެ އިތުރުން، އިސްމާއިލް މުނީޒް، އަހުމަދު ރިޒްވާން (ރިޒޭ) އަދި އިބްރާހިމް ސިނާހު (ސިނާ) އެވެ.
އާރްއާރްސީގެ އައްޔަ ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު،.---- ފޮޓޯ: އިމޭޖަސް،އެމްވީ
އެމްޕީއެލް އަށް ރޭގެ މެޗުގައި، ސިފައިން އަތުން ލިބުނީ އުނދަގޫ މޮޅެކެވެ. މި މެޗުގައި، ފެނިގެންދިޔަ ހަމައެކަނި ލަނޑު އެމްޕީއެލް އަށް ޖަހައިިދިނީ ފުރަތަމަ ހާފުގެ ފަހު ވަގުތު، އެ ޓީމުގެ ކެޕްޓަން، އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ. އޭރިއާބޭރުން ޝަންމު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
މެޗުގެ ދެ ވަނަ ހާފުގައި އެމްޕީއެލް އިން ދެ ވަނަ ގޯލެއް ޖަހަން ކުރި މަސައްކަތުގައި އަހުމަދު އަޔާޒް (އަޔާ) އާއި އަހުމަދު ބައްސާމް މުހައްމަދު (ބައްކު) ވަނީ ރަނގަޅު އެޓޭކްތަކެއް ކޮށްފަ އެވެ. އެ ގޮތުން، ބައްކު ޖެހި ބޯޅައެއް ހުރަސްދަނޑިއަށް ވެސް އަމާޒުވެފައިވެ އެވެ.
ނަތީޖާ ހަމަހަމަކުރަން ސިފައިން ކުރި މަސައްކަތުގައި އެ ޓީމުން ފޮނުވާލި ބޯޅައެއް ވެސް ދަނޑިއަށް އަމާޒުވެފައިވެ އެވެ. އަދި ސިފައިން ކުރި އެޓޭކްތައް ހުއްޓުވުމުގައި ދެ ވަނަ ހާފުގައި އެމްޕީއެލްގެ ގޯލު ބެލެހެއްޓި، އަހުމަދު ޒައިދާން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ ހޯމަ ދުވަހުގެރޭގަ އެވެ. އެރޭ ފުރަތަމަ ކުޅޭ މެޗުގައި ސްޓެލްކޯ ކްލަބުން ކުޅޭނީ ކްލަބް ވެމްކޯއާ އެވެ. ދެ ވަނަ ސެމީގައި އާރްއާރްސީން ބައްދަލުކުރާނީ އެމްޕީއެލްއާ އެވެ.
Comment