11 އޮކްޓޯބަރު 2024 - 19:47 0
މުހައްމަދު ޝަހްޒާން
އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލް: އޭނާގެ މައްޗަށް ކުރެވެނީ ފީފާއިން ރާއްޖެއަށް ދިން ފައިސާއިން ދެ އެޕާޓުމެންޓު ގަތް ކަމުގެ ތުހުމަތު -- ފޮޓޯ: އަތޫފް އާތިފް / އަދަދު
11 އޮކްޓޯބަރު 2024 - 19:47 0
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު އަމީން އެވެނިއުއިން ގަނެފައިވާ އަގުބޮޑު ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލު ކުރަން ދަށު ކޯޓުން ނެރުނު އަމުރު ބައްސާމުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
ބައްސާމްގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ނަމަވެސް ހައިކޯޓުގެ ތާވަލުން ފެންނަ ގޮތުން، އެ މައްސަލަ ބަލައިގަތުމާ މެދު އަދި އެ ކޯޓުން ގޮތެއް ނުނިންމަ އެވެ.
ބައްސާމުގެ ފުލެޓުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ނިންމީ، އެ ފުލެޓުތައް ބައްސާމް ގަނެފައިވަނީ އެފްއޭއެމްއަށް ފީފާއިން ދިން ފައިސާ އިން ކަމަށް ބުނެ އެ މައްސަލާގައި ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް ފަހު އެވެ.
އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވަނީ، އަމީން އެވެނިއުގެ ވެރިފަރާތް، ކަމަށްވާ އަމީން ކޮންސްޓްރަކްޝަންގެ އިތުރުން، އެފްއޭއެމްގެ އޭރުގެ ފައިނޭންޝަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު އަދި ފަހުން ކްލަބް ވެލެންސިއާގެ ޗެއާމަން ކަމަށް ނުފޫޒު ފޯރުވައިގެން އައި، ހަސަން ވަހީދު (ދޮނާ) ގެ މައްޗަށެވެ.
ފުލުހުންގެ ތަހުގީގަށް ހޯދުނު ގޮތުގައި، ބައްސާމް ވަނީ، ފީފާ އިން ކޮވިޑް ލޯނުގެ ގޮތުގައި ދިން އެއް މިލިއަން ޑޮލަރު އަމީން އެެވެނިއު އިން އެޕާޓްމަންޓް ގަންނަން ބޭނުންކޮށްފަ އެވެ.
ފުލުހުން ތުހުމަތު ކުރަނީ ފީފާ އިން އެފްއޭއެމް އަށް ދިން، ކޮވިޑް ލޯނުގެ 1.9 މިލިއަން ޑޮލަރުގެ ތެރެއިން، އެއް މިލިއަން ޑޮލަރު ހޭދަކޮށް، ތިން ޕޭމަންޓެއް ގޮތަށް ބަހާލައިގެން، އަމީން އެވެނިއު އިން އެޕާޓްމަންޓް ގަންނަން ބައްސާމް ހަރަދު ކުރި ކަމަށެވެ.
ބައްސާމްގެ މައްޗަށް، މި އަހަރުގެ ފެބްރުއަރީ މަހު، ޕީޖީ އޮފީހުން އުފުލި ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ނިމެންދެން އޭނާގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓައިފަ އެވެ.
Comment