Advertisement

ކޫއްޑޫ އެއާޕޯޓުގެ ފެންވަރު ދަށްވުމުން، މޯލްޑިވިއަންގެ ދަތުރުތައް މާދަމާއިން ފެށިގެން ހުއްޓާލަނީ

10 އޮކްޓޯބަރު 2024 - 18:45 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކޫއްޑޫ އެއާޕޯޓް: އެއާޕޯޓުގެ ފެންވަރު ދަށްވެ، މޯލްޑިވިއަންގެ ދަތުރުތައް މާދަމާއިން ފެށިގެން ހުއްޓާލަން ވަނީ ނިންމާފައި -- ފޮޓޯ: ރައީސް އޮފީސް


ކޫއްޑޫ އެއާޕޯޓުގެ ފެންވަރު ދަށްވުމުން، މޯލްޑިވިއަންގެ ދަތުރުތައް މާދަމާއިން ފެށިގެން ހުއްޓާލަނީ

10 އޮކްޓޯބަރު 2024 - 18:45 0

ކޫއްޑޫ އެއާޕޯޓްގެ ފެންވަރު ދަށްވެގެން، އެ އެއާޕޯޓަށް ކުރަމުންދާ ދަތުރުތައް މާދަމާއިން ފެށިގެން ހުއްޓާލަން ގައުމީ އެއާލައިން މޯލްޑިވިއަންއިން ނިންމައިފި އެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ ކޫއްޑޫ އެއާޕޯޓް މަރާމާތު ކުރުމަށްފަހު ގިނަ ދުވަސްވެފައިވާތީ އެ ތަނަށް ދަތުރު ކުރަން މިހާރު ރައްކާތެރި ނޫން ކަމަށެވެ. އެހެންވެ، މާދަމާއިން ފެށިގެން ކޫއްޑޫއަށް ކުރާ ދަތުރުތައް ހުއްޓާލާނެ ކަމަށް އޭނާ ބުންޏެވެ.

"އެއާޕޯޓުގެ ރަންވޭގައި ވަޅުގަނޑު ހެދިފައި ހުރީ. ރިސްކުގައި މިވަގުތު ވެސް އެތަނަށް ދަތުރުތައް ކުރަމުންދަނީ. މާދަމާއިން ފެށިގެން ދަތުރުތައް ހުއްޓާލާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ކޫއްޑޫ އެއާޕޯޓް އޮޕަރޭޓް ކުރަމުންދަނީ މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓުންނެވެ. އެތަނުން އެއާޕޯޓް މަރާމާތު ކުރުމަށްފަހު އެންގުމުން އަލުން ދަތުރުތައް ފަށާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މޯލްޑިވިއަންއިން ކޫއްޑޫއަށް ކުރާ ހުރިހާ ދަތުރުތައް މާވަރުލު އެއާޕޯޓުގެ އިތުރުން ހުވަދު އަތޮޅުގެ އެހެން އެއާޕޯޓްތަކަށް ވަނީ ޑައިވާޓް ކޮށްފަ އެވެ.

ކޫއްޑޫގެ ދަތުރުތައް ކުއްލި ގޮތަކަށް އެއްވެސް ނޯޓިސްއެއް ނުދީ މޯލްޑިވިއަންއިން ހުއްޓާލަން ނިންމުމާއެކު އެ އެއާޕޯޓުން ދަތުރު ކުރަން ޓިކެޓް ނަގާފައި ތިބި މީހުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

މިގޮތުން ދަތުރު ކުރަން ޓިކެޓު ނަގާފައި ތިބި ބައެއް މީހުންނަށް ޓިކެޓު ބަދަލު ކުރުމަށްފަހު މޯލްޑިވިއަންއިން ފޮނުވާފައިވާ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ކޫއްޑޫ އެއާޕޯޓުގެ 1،200 މީޓަރު ދިގު ރަންވޭ 1،800 މީޓަރަށް ދިގުކޮށް، ވީއަޕީ ލައުންޖަކާއި، މުވައްޒަފުންގެ ދެ އެކޮމޮޑޭޝަން ބްލޮކާއެކު ތަރައްގީކޮށް ހުޅުވީ 2017 ގަ އެވެ.

އޭގެ އިތުރުން، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފުނަދޫއަށް ޝެޑިއުލް ފްލައިޓުތައް މެދުކަނޑާލާފައިވާކަން މިއަދު މޯލްޑިވިއަން ހާމަ ކުރި އެވެ.

މޯލްޑިވިއަންއިން ބުނީ ފްލައިޓުތައް މެދުކަނޑާލަން ޖެހުނީ ފުނަދޫ އެއާޕޯޓުގެ ފަޔާ ލޮރީއަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެއާޕޯޓުތަކުގެ ސޭފްޓީ އުސޫލު އޮންނަ ގޮތުން ފަޔާ ލޮރީ ނެތް ހިނދެއްގައި ފްލައިޓު އެޅުމަކީ މަނާ ކަމެކެވެ.