Advertisement

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް 100 ގެސްޓްހައުސްއާއެކު ފަށައިފި

10 އޮކްޓޯބަރު 2024 - 10:01 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްގެ ތެރެއިން: އެ ސިމްޕޯޒިއަމްގައި 100 ގެސްޓްހައުސް ބައިވެރިވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް 100 ގެސްޓްހައުސްއާއެކު ފަށައިފި

10 އޮކްޓޯބަރު 2024 - 10:01 0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ގެސްޓްހައުސް ސިމްޕޯޒިއަމް 2024 ކްރޮސްރޯޑްސް މޯލްޑިވްސްގައި 100 ގެސްޓްހައުސްއާއެކު މިއަދު ފަށައިފި އެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ފުޅާވަމުން އަންނަ ގެސްޓްހައުސް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އެ ދާއިރާއާ ގުޅުންހުރި ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލައިގެން ބާއްވާ އެ ސިމްޕޯޒިއަމްގައި ބައިވެރިންނަށް އެކި މައުލޫމާތު ދޭނެ އެވެ.

ސިމްޕޯޒިއަމް ފަށްޓަވައިދެއްވައި އެމްއައިބީގެ ސީއީއޯ އަދި އެމްޑީ މުފައްދަލް އިދްރިސް ކުމްރީ ވިދާޅުވީ އެ ސިމްޕޯޒިއަމްއަކީ ގެސްޓްހައުސްއާ ގުޅުންހުރި ދާއިރާތައް ކަނެކްޓްވާން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"މިފަދަ ސިމްޕޯޒިއަމެއް ބޭއްވުމަކީ ލިބޭ އުފަލެއް. ގެސްޓްހައުސްތަކުގެ އިތުރުން އިންޑަސްޓްރީގެ 75 ފަރާތުން ސިމްޕޯޒިއަމްގައި ބައިވެރިވޭ. ބާއްވާ ޕެނަލް ޑިސްކަޝަންތަކުން ބައިވެރިންނަށް ފައިދާވާނެ،" އޭނާ ވިދާޅުވި އެވެ.

މުފައްދަލް ވިދާޅުވީ ޓޫރިޒަމްއަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދާއިރާ ކަމަށްވާއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ 15 ޕަސަންޓް ގެސްޓް ހައުސްތަކުން ހިއްސާ ކުރުމަކީ ޝުކުރު ހައްގު ކަމެއް ކަމަށެވެ.

ރާއްޖޭގައި 2008 ވަނަ އަހަރު ފެށި ގެސްޓްހައުސް ވިޔަފާރިން ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާތައް ލިބި، ރަށްރަށަށް ބޮޑެތި ކުރިއެރުންތައް ލިބެމުންދާކަން މުފައްދަލް ފާހަގަ ކުރެއްވި އެވެ.

ގެސްޓްހައުސް ސިމްޕޯޒިއަމްގައި ގެސްޓްހައުސްއާ ގުޅުން ހުރި އެކި ދާއިރާތަކުން ޕެނަލިސްޓުން މައުލޫމާތާއި ތަޖުރިބާ ހިއްސާ ކުރުމަށް ހަމަޖެހިފައިވާއިރު، ޕެނަލިސްޓުންނަށް ބައިވެރިވަނީ ކަމާއި ގުޅުންހުރި ތަޖުރިބާކާރުންނާއި ދާއިރާގެ މާހިރުންނެވެ.

އެމްއައިބީން ބުނީ އެ ސިމްޕޯޒިއަމް ވެގެންދާނީ ގެސްޓްހައުސް ވިޔަފާރި ކުރިއަރުވާ ދެމެހެއްޓިނިވި ގޮތެެއްގައި ވިޔަފާރި ކުރުމަށް ހުޅުވޭ ދޮރެއް ކަމަށެވެ.