10 އޮކްޓޯބަރު 2024 - 09:23 0
ވެމްކޯގެ ކެޕްޓަން ޝިޔާހު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
10 އޮކްޓޯބަރު 2024 - 09:23 0
ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އާއި ސްޓެލްކޯ ރެކްރިއޭޝަން ކްލަބް ބައްދަލުކުރަން ޖެހިއްޖެ އެވެ.
ވެމްކޯ އިން ރޭ ކުޅުނު ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ވަނީ 2-0 އިން މޯލްޑިވިއަން ބަލިކޮށްފަ އެވެ. ކުއާޓާ ފައިނަލް ދެ ވަނަ މެޗުގައި އެމްއޭސީއެލްއާ ދެކޮޅަށް ކުޅުނު މެޗުން ސްޓެލްކޯ މޮޅުވީ 5-3 އިންނެވެ.
ގަޑިހުއްޓައިގެން ކުޅުނު ރޭގެ ކުއާޓާ ފައިނަލް މެޗުތަކުގައި، ވެމްކޯ އިން މޯލްޑިވިއަންގެ މައްޗަށް ކުރިހޯދީ ރަނގަޅަށް މަސައްކަތް ކޮށްގެންނެވެ. އެ ގޮތުން، ފުރަަތަމަ ހާފުގައި ހިލޭ ޖެހުމެއްގެ ރީބައުންސް ބޯޅައަކުން، އަހުމަދު ވިޖުދާން (ވިޖުއްކޮ) ވަނީ ވެމްކޯ އަށް ލީޑުނަގައިދީފަ އެވެ.
މޯލްޑިވިއަނުން ވެސް ގިނަ އެޓޭކްތަކެއް ކުރި މި މެޗުގައި ވެމްކޯގެ ކީޕަރު އަބްދުﷲ ޒިމާމް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މޯލްޑިވިއަންގެ ހުސެއިން އަފްސަލް، އިބްރާހިމް ނަދާދު އަދި އަހުމަދު އަފްލާޒް ޖެހި ބޯޅަތައް ހުއްޓުވައިފަ އެވެ.
މެޗުގެ ފަހުކޮޅުގައި، ވެމްކޯ މޮޅުވި ލަނޑު ޖެހީ، އެ ޓީމުގެ ކެޕްޓަން، އަލީ ޝިޔާހު (ޝިޔަޅޭ) އެވެ. އޭނާ އަށް އޭރިއާތެރެއިން ލިބުނު ބޯޅަ ވަނީ ހަމަޖެހިލައިފައި ގޯލަށް ވައްދާލައިފަ އެވެ.
ސްޓެލްކޯގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
ސްޓެލްކޯ އާއި އެމްއޭސީއެލް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އޮތީ 2-2 އިން އެއްވަރުވެފަ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި ދެ ޓީމުގެ ސްކޮޑުގެ ފަރަގު ފެނި، ސްޓެލްކޯ އިން ބަދަލުތަކާ އެކު، ނަތީޖާ ނެރުނީ އެވެ.
މި މެޗުގައި ސްޓެލްކޯގެ ލަނޑުތައް ޖެހީ، އަހްނަފް ރަޝީދު (އަހުއްކޮ) ދެ ގޯލާއި، އިސްމާއިލް މަފާޒް އިބްރާހިމް، އަބްދުﷲ ޝަޔަމް އަދި މުހައްމަދު ޝިރުހާން އެވެ. އެމްއޭސީއެލްގެ ލަނޑުތައް ޖެހީ، އަހުމަދު ހުސާމް ދެ ގޯލުގެ އިތުރުން އަޒްޔާން އިބްރާހިމް އެވެ.
ސެމީ ފައިނަލް މެޗުތައް އޮންނާނީ ހޯމަ ދުވަހުގެރޭގަ އެވެ. އަނެއް ސެމީ ފައިނަލަށް ދަތުރުކުރާ ޓީމުތައް ކަށަވަރުވާނީ ހުކުރު ދުވަހުގެރޭ ކުޅޭ ކުއާޓާ ފައިނަލްގެ ފަހު ދެ މެޗުންނެވެ. އެ ގޮތުން، އެރޭ ކުޅޭނީ، ރޯޑް ރެކްރިއޭޝަން ކްލަބާއި ދިރާގު ބައްދަލުކުރާ ކުއާޓާ ފައިނަލާއި ދިވެހި ސިފައިންގެ ކްލަބާއި އެމްޕީއެލް ވާދަކުރާ ކުއާޓާ ފައިނަލް އެވެ.
Comment