Advertisement

ސަރަހައްދީ ރައްކާތެރިކަމާއި އަމާންކަމަށް ރާއްޖޭ އާއި އިންޑިއާގެ ގުޅުން ވަރުގަދަކޮށް އޮތުން މުހިންމު: ރައީސް

10 އޮކްޓޯބަރު 2024 - 09:17 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


ސަރަހައްދީ ރައްކާތެރިކަމާއި އަމާންކަމަށް ރާއްޖޭ އާއި އިންޑިއާގެ ގުޅުން ވަރުގަދަކޮށް އޮތުން މުހިންމު: ރައީސް

10 އޮކްޓޯބަރު 2024 - 09:17 2

ސަރަހައްދީ ރައްކާތެރިކަމާއި އަމާންކަމަށްޓަކައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރުގަދަކޮށް އޮތުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ވަރަށް ސާފު ހާރިޖީ ސިޔާސަތެއް ހިއްޕަވައިގެންނެވެ. އެމަނިކުފާނުގެ ވާހަކަ އާއި ވިސްނުން ހުންނެވީ އަވައްޓެރި އިންޑިއާ ދުރުކޮށް، ޗައިނާއާއެކު ކުރިއަށް ވަޑައިގަތުމަށެވެ.

ނަމަވެސް، އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުގައި ބެންގަލޫރުގައި އުޅުއްވާ ދިވެހިންނާ ރޭ ބައްދަލުކުރައްވައި އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ގެންގުޅެނީ ފުރަތަމަ ދުވަހު ވެސް އިއުލާނު ކުރި ހާރިޖީ ސިޔާސަތު ކަމަށެވެ.

އިދިކޮޅުގައި ހުންނެވި ދުވަސްވަރުން ފެށިގެން، ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް އަވައްޓެރި އިންޑިއާ އަށް ކުޑައިމީސްކޮށް، އިންޑިއާ އަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކުރަން ރައީސް މުއިއްޒު ސިޔާސަތުތައް އިއުލާނު ކުރެއްވި އެވެ. އެގޮތުން ކާޑަށާއި ބޭސްފަރުވާ އިންޑިއާ އަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން އިންޑިއާއިން ނުޖެހޭނެ ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.

ނަމަވެސް ރޭ ވިދާޅުވީ "ދެ ގައުމުގެ ގުޅުން ވަރުގަދަކޮށް އޮވެ، މި ސަރަހައްދުގެ ރައްކާތެރިކަމާ އަމާންކަން ބޭއްވިގެންދާ ގޮތަށް ކަންތައްތައް ބައްޓަންވެގެން ދިޔުމަކީ ވެސް އަޅުގަނޑުމެންގެ ގައުމަށް އޭގެ އެންމެ ފައިދާހުރި ގޮތް" ކަމަށެވެ.

ކެމްޕެއިނުގައި ވެސް އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް މިފަދަ ސާފު ގޮތަކަށް އިންޑިއާގެ ގުޅުން، އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އަމާންކަމަކީ ރާއްޖޭގެ ރައްކާތެރިކަމާއި އަމާންކަމާ ގުޅިފައިވާ ކަމެއް ކަން ވިދާޅުވެފައެއް ނެތެވެ.

އިންޑިއާގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމަކީ އިންޑިއާގެ އެންމެ މުހިއްމު އެއް ސިޔާސަތެވެ.

ރައީސްގެ މި ދަތުރަކީ ކާމިޔާބު ދަތުރެއްގެ ގޮތުގައި ފާހަގަ ކުރެއްވިއިރު، އެ މަނިކުފާނު އިދިކޮޅުގައި ހުންނެވިއިރު، އެއިރު އެމްޑީޕީން ގެންގުޅުނު ހާރިޖީ ސިޔާސަތަށް ފާޑުކިޔައި ދެކޮޅަށް ވާހަކަ ދެއްކި ބައެއް ކަންކަން ކުރިއަށް ގެންދަމުންދާއިރު، އިތުރު ކަންކަމަށް ވެސް ދެ ގައުމުން މިހާރު ވަނީ އެއްބަސްވެފަ އެވެ.

އޭގެ ތެރޭގައި އިތުރުތިލަފަޅު މަޝްރޫއު ކުރިއަށް ގެންދިޔުމާއި، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުން ހިމެނެ އެވެ. އަދި މިލިޓަރީ ޕްލެޓުފޯމުތައް ގާއިމުކުރުމަށް ވެސް އެއްބަސްވެފައިވެ އެވެ. އެ ގައުމުން އެއްބަސްވި ކަންކަމުގެ ކަރުދާހުގައި ގިނަ ކަންކަތްތަކެއް ހިމެނެ އެވެ.

"މި ދަތުރު އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބު ދަތުރެއް. ކާމިޔާބު އަޅުގަނޑު މިހެން މިދަނަންވާ ސަބަބަކީ އަޅުގަނޑު ކަނޑައެޅި މަގުސަތު ހާސިލުވާތީ. ދިވެހިރައްޔިތުންނަށް ކަންކަން ފަހިވެގެންދާ ގޮތަށް ދިވެހިރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށް މުހިއްމު ކަންތައްތަކަކަށް މަސައްކަތްތަކެއް ފެށި، މަގު ހުޅުވެގެން ދިޔައީމަ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ރާގު ބަދަލުވެ، ކުރިން ގެންގުޅުއްވި ހަރުކަށި ބަސްމަގުގެ ބަދަލުގައި އިންޑިއާގެ ފަސްގަނޑުގައި ހުންނަވައިގެން ވިދާޅުވީ "އިންޑިއާއަކީ ވަރަށް ގާތް ގުޅުމެއް އޮތް ގައުމެއް" ކަމަށެވެ.

ރާއްޖެ-އިންޑިއާ "ވިޝަން ޑޮކިއުމަންޓު" ގައި ދިފާއީ ދާއިރާއިން އެއްބަސްވި ކަންކަން


އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާ އާއި ރާއްޖެއަށް ވެސް ގޮންޖެހުންތަކެއް ހުރިއިރު މިކަމުގެ ސަބަބުން ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އެކި ގޮތްގޮތުން ދަނީ އަސަރު ކުރަމުންނެވެ. ގުދުރަތީ ބައިވެރިންގެ ހައިސިއްޔަތުން، އިންޑިޔާ އާއި ރާއްޖޭގެ ރައްޔިތުންގެ ލާބަޔާއި، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި މެރިޓައިމް އަދި ސެކިއުރިޓީ ގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެކުގައި މަސައްކަތްކުރެއްވުމަށް ދެ ބޭފުޅުން އެއްބަސްވި އެވެ. ރާއްޖޭގެ މާސިންގާ ހާއްސަ އިގުތިސޯދީ ސަރަހައްދުގެ ސަބަބުން ކަނޑުފޭރުމާއި، އައިޔޫޔޫގެ މަސްވެރިކަމާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، ޓެރަރިޒަމް ފަދަ މެރިޓައިމް ޗެލެންޖުތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. ދެ ގައުމުން ވެސް އެއްބަސްވީ، އިތުބާރު ކުރެވޭ ބައިވެރިއެއްގެ ހައިސިއްޔަތުން އިންޑިޔާއިން ދިވެހިރާއްޖެއާ ގުޅިގެން އެ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށާއި، އެ ކަންކަމުގެ ތަޖުރިބާ ހިއްސާކުރުމާއި، ގާބިލުކަން އިތުރު ކުރުމާއި، ރާއްޖެއިން ބޭނުންވާ މިންވަރަށް ގުޅިގެން އެއްބާރުލުން ދިނުމުގެ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރުމަށެވެ. އިންޑިއާގެ އެހީގައި، އުތުރުތިލަފަޅު (ޔޫޓީއެފް) ގައި ކުރިއަށްދާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ "އެކަތަ" ބަނދަރުން އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކޮށްދޭ ބާރަކަށް ވާނެ ކަމަށާއި، އެ މަޝްރޫއު ކަނޑައެޅިފައިވާ ތާވަލަށް ނިންމަން ފުރިހަމަ އެއްބާރުލުން ދިނުމަށް އެއްބަސްވި އެވެ. 1. ރާއްޖޭން އިސްކަންދެއްވާ ގޮތުގެ މަތިން، ކަނޑުމަތީގެ އަދި ސަލާމަތީ ކަންކަން ކުރިއެރުވުމުގައި، ސިފައިންނާއި، ދިވެހި ސަރުކާރުގެ ގާބިލުކަން އިތުރުކުރުމަށް، އިންޑިއާގެ ދިފާއީ ޕްލެޓްފޯމްތައް (އަސްކަރީ އުޅަނދުތައް) އަދި އެސެޓްތައް ރާއްޖެއަށް ފޯރުކޮށްދިނުމަށް. 2. ރާޑަރު ސިސްޓަމްތަކާއި އެހެނިހެން އާލާތްތައް ފޯރުކޮށްދީ އެމްއެންޑީއެފްގެ ސަވައިލަންސް އަދި މޮނިޓަރިންގެ ގާބިލުކަން އިތުރުކުރުން. 3. ހައިޑްރޯގްރެފިކް ކަންކަމުގައި، ދިވެހި ސަރުކާރުން ބޭނުންވާ ގޮތުގެމަތިން، ކެޕޭސިޓީ ބިލްޑިން އާއި ތަމްރީނުގެ ޒަރިއްޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުން. 4. ކާރިސާތަކުން އަރައިގަތުމާއި، ނުރައްކާ ކުޑަކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިންޓަރއޮޕަރަބިލިޓީ އިތުރުކުރުމަށް ޓަކައި އެސްއޯޕީތަކާއި އެކްސަސައިޒްތައް ހިންގުން. 5. އިންޑިއާގެ އެހީގައި މާލޭގައި އިމާރާތްކޮށްފައިވާ އެންމެ ޒަމާނީ ރާއްޖޭގެ ޑިފެންސް މިނިސްޓްރީ އިމާރާތް ވީ އެންމެ އަވަހަކަށް ހުޅުވުން. 6. އިންޑިއާގައި ހިންގާ އައިޓެކް ޕްރޮގްރާމްތަކާއި އެހެނިހެން ކަސްޓަމައިޒްޑް ތަމްރީނު ޕްރޮގްރާމްތަކުގެ ދަށުން އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސަސް އަދި ރާއްޖޭގެ އެހެނިހެން ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ ކެޕޭސިޓީ ބިލްޑިން އެންޑް ޓްރެއިނިން ސްލޮޓްތައް އިތުރުކުރުން

ރާއްޖެއަށް އެހީތެރިކަން ބޭނުންވި ކޮންމެ ވަގުތެއްގައި، އެންމެ ފުރަތަމަ އިސްކަން ދިން ގައުމަކީ އިންޑިއާ ކަމަށާއި "މިއީ ހަގީގަތް" ކަމަށް ވިދާޅުވި އެވެ. އަދި އެއީ އެންމެ "އަޅުގަނޑުމެންނާ އެންމެ ކައިރި އަވައްޓެރިޔާ" ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ރާއްޖެ އަށް، އަޅުގަނޑުމެންގެ ގައުމަށް، އަޅުގަނޑުމެންގެ ރައްޔިތުންނަށް އެކިކަންކަމުގައި އެންމެ ފަހިވާނެ ގޮތަށް ކަންކަން ބައްޓަން ކުރުމުގައި ދެ ގައުމުގެ ގުޅުން ވަރުގަދަ ވެގެން ދިޔުމަކީ، އަދި އަބަދު އެގޮތަށް އޮތުމަކީ، ރައްޔިތުންގެ ހައްގުގައި އަޅުގަނޑު އެ ދުވަހު އިއުލާނުކުރި ސިޔާސަތުގެ ދަށުން ކުރިއަށްދާނަމަ އެކަން މިކަން އޮންނަންވާނެ ގޮތް،" ރައީސް ވިދާޅުވި އެވެ.

މި ސަރަހައްދުގެ ހަމަޖެހުމާއި ރައްކާތެރިކަން ވެސް ގާއިމުވެގެންދާ ގޮތަށް ކުރާ ކަންކަމުން ވެސް، ފައިދާ ވާނެ ކަމަށް ރައީސް މިހާރު ގަބޫލު ކުރައްވަ އެވެ.

އިރާދަކުރެއްވިއްޔާ މި ދަތުރުން އެ ކަމަށްޓަކައި ވަރަށް ގިނަ މަގުތައް މިދިޔައީ ވަހިވެގެން ދިޔަކަން ފާހަގަ ކުރެއްވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް އެންމެ މުހިންމީ މިނިވަންކަމާއި ގައުމިއްޔަތު ކަމަށެވެ.

ރާއްޖޭގައި އިންޑިއާގެ އަސްކަރީ އުޅަނދު އޮޕަރޭޓް ކުރުން ހުއްޓާލައި، އެގައުމުގެ ސިފައިން ފޮނުވައިލަން ވީ ވައުދާ ހިލާފަށް، އެގައުމުގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ އެވެ.

މިގޮތަށް އެއްބަސްވިޔަސް، އެ މަނިކުފާނު ދެއްވި ކަށަވަރުކަމަކީ އެހެން ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމު ނުވާނެ ކަމެވެ. އަދި މި ސަރުކާރުން އިންޑިއާއާއެކު އަސްކަރީ ގޮތުން އެއްބަސްވި ކަންކަމަކީ އެމްއެންޑީއެފްއިން ބައްލަވައި ޑިފެންސް މިނިސްޓްރީން ނިންމާފައިވާ ކަންތައްތައް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަތުރުގައި އިއުލާނުކުރި ދެ ގައުމުގެ ގުޅުމުގެ ތެރެއިން ނިންމައިގެން އިއުލާނުކުރި ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީއަކީ ލިޔެވިފައި އޮތް އެއްޗެއް. އޭގައި ދިފާއީ ގޮތުން ޑިފެންސްގެ ދާއިރާއިން ލިޔެފައި ހުރި ކޮންމެ ޖުމުލައަކީ އެމްއެންޑީއެފްއިން ބައްލަވައި ޑިފެންސް މިނިސްޓްރީން އެޕްރޫވްކޮށްފައި ހުރި އެއްޗެހި. އޭގައި އޮންނާނީ އަޅުގަނޑުމެންގެ ސިޔާސަތާ އެއް ގޮތަށް ހުރިހާ ކަމެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ކުރީގައި ވީހެނެއް ކަންކަމެއް ނޯންނާނެ އެޔަކު، އަޅުގަނޑުމެންގެ ކަންކަން އެހެން ބަޔަކު ކަންކުރާ ގޮތަށް ދޫކޮށްލާ ގޮތަށް. އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީ ބިލްޑުކުރާ ވާހަކަ އޮންނާނީ. އެހެން ބަޔެއްގެ އަތްމައްޗަށް ކަންކަން ދޫކޮށްލައިގެން އަޅުގަނޑުމެން ކަންކުރާ ވާހަކައެއް ނޯންނާނެ."

ގައުމިއްޔަތަށް ބުރޫ އަރާ އެއްވެސް ކަމެއް ވެސް އެއްބަސްވެފައި ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި އިންޑިއާގެ ސަގާފަތް އުނގަންނައި ދޭން އިންޑިއާއާ އެކު މަސައްކަތް ކުރަން ސަރުކާރުން ވަނީ އެއްބަސްވަފަ އެވެ.