Advertisement

ކްލަބް މޯލްޑިވްސް ކަޕް: ފެން ބަލިކޮށް ކުއާޓާގެ ފަހު ޖާގަ އެމްޕީއެލް އަށް

9 އޮކްޓޯބަރު 2024 - 19:25 0

ޕެނަލްޓީ ޖަހައިގެން އެމްޕީއެލް މޮޅުވުމުން ކީޕަރު ޒައިދާން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ކްލަބް މޯލްޑިވްސް ކަޕް: ފެން ބަލިކޮށް ކުއާޓާގެ ފަހު ޖާގަ އެމްޕީއެލް އަށް

9 އޮކްޓޯބަރު 2024 - 19:25 0

ގަދަ 16 ބުރުގެ ފަހު މެޗުގައި ޕެނަލްޓީ ޖަހައިގެން، 3-1 އިން ކްލަބް ފެން ބަލިކުރުމަށް ފަހު، ޕޯޓްސް ރެކްރިއޭޝަން ކްލަބް (އެމްޕީއެލް) އިން ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

މި މެޗަކީ ރޭ ކުޅެން އެންމެ ފުރަތަމަ ތާވަލުކުރި މެޗެއް ނަމަވެސް، ދިމާވި ކަމަކާ ހެދި ޖެހުނީ މިއަދު ހަވީރަށް ފަސްކުރާށެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭގޮތެއްނުވި އެވެ. ޕެނަލްޓީގައި، އެމްޕީއެލް އިން ވަނީ ކީޕަރު ބަދަލުކޮށްފަ އެވެ. އިސްމާއިލް ފާތިހު (ތާޑޭ)ގެ ބަދަލުގައި، ޒައިދާން އަހުމަދު ވަނީ ކުޅެން އަރައިފަ އެވެ.

ޕެނަލްޓީގައި، ކްލަބް ފެން އަތުން ވަނީ ތިން ޕެނަލްޓީ ނާކާމިޔާބުވެފަ އެވެ. އެ ގޮތުން، އަލީ ހުމޭޒު ޖެހި ޕެނަލްޓީ ބޭރަށް ދިޔައިރު، ހުސެއިން ސަވީލް އާއި މުހައްމަދު ޝާއިން ޖެހި ޕެނަލްޓީތައް ކީޕަރު ޒައިދާން ވަނީ މަތަކޮށްފަ އެވެ. ފެން ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ، އަހުމަދު މަހުދީ އެވެ.

އެމްޕީއެލް ޓީމުގެ ޝަންމު (ކ) އަތުން ބޯޅަ ހޯދަން ކަލްބް ފެން ޓީމުގެ ސޮލާ މަސައްކަތްކުރަނީ.-- ފޮޓޯ: އިމޭޖަސް،އެމްވީ


އެމްޕީއެލްގެ ފުރަތަމަ ޕެނަލްޓީ އިބްރާހިމް އަތީގް ހަސަން (އިއްބެ) ފޮނުވާލިއިރު، ފެން ޓީމުގެ ކީޕަރު، ސަނާއު ރަޝީދު ވަނީ މަތަކޮށްފަ އެވެ. އެކަމަކު، އެމްޕީއެލް އިން ދެން ފޮނުވާލި ތިން ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ، މުހައްމަދު ދާނިޝް އިބްރާހިމް އާއި އަލީ ފާސިރު (ސެންޓޭ) އަދި އަހުމަދު ނިޒާމް (ނިޒާމްބެ) އެެވެ.

ތިން ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އެމްޕީއެލް އިން ކުއާޓާ ފައިނަލުގައި ހުކުރު ދުވަހުގެރޭ 22:15 ގައި ކުޅޭނީ ދިވެހި ސިފައިންގެ ކްލަބާ އެވެ. އެ ރޭ ކުޅޭ ފުރަަތަމަ ކުއާޓާ ފައިނަލް މެޗުގައި، 20:30 ގައި، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ކުޅޭނީ ދިރާގުއާ އެވެ.

ކުއާޓާ ފައިނަލް މެޗުތައް ފަށާނީ މިރޭ 20:30 ގައި އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އާއި މޯލްޑިވިއަން ބައްދަލުކުރާ މެޗުންނެވެ. މިރޭ ފަހު މެޗުގައި، 22:15 ގައި، ސްޓެލްކޯ ކްލަބުން ނުކުންނާނީ އެމްއޭސީއެލްއާ ދެކޮޅަށެވެ.