Advertisement

އަބްދުއްރަހީމް ފްލެޓު ގަތް މައްސަލަ އޭސީސީން ޕީޖީއަށް އަދިވެސް ނުފޮނުވާ!

9 އޮކްޓޯބަރު 2024 - 11:37 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރެހެންދި ފްލެޓު. -- ފޮޓޯ: އަދަދު


އަބްދުއްރަހީމް ފްލެޓު ގަތް މައްސަލަ އޭސީސީން ޕީޖީއަށް އަދިވެސް ނުފޮނުވާ!

9 އޮކްޓޯބަރު 2024 - 11:37 3

ރައްޔިތުންގެ މަޖިލިސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރެހެންދި-6 އިން ދެ ފްލެޓް ގަތް މައްސަލައިގެ ތަހުގީގު ނިމިފައި އޮތަސް، ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ނުފޮނުވަ އެވެ.

ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "އަދަދު" އަށް ވިދާޅުވީ އަބްދުއްރަހީމްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ އޮފީހަށް ލިބިފައި ނުވާ ކަމަށެވެ.

"އަދަދު" އަށް އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ތަހުގީގު އޭސީސީން ނިންމާފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް ދައުވާ ކުރުމާ މެދު އެ ކޮމިޝަނުން ގޮތެއް ނިންމި ކަމެއް، އަދި އެ ނިންމި ގޮތަކަކީ ކޮބައިކަން މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ސުވާލު ކުރުމުން ޖަވާބެއް ވެސް އޭސީސީން ނުދެ އެވެ.

"މައްސަލައިގެ ތަހުގީގު އޮތީ ނިމިފައި. ދުވަސްކޮޅެއް ވެއްޖެ ތަހުގީގު ނިމުނުތާ. ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމާ ހިސާބުގައި އޮތީ ތާށިވެފައި،" އެކަން އެނގޭ މީހާ ބުންޏެވެ.

ނުވަ މިލިއަނެއްހާ ރުފިޔާއަށް އެ ދެ ފްލެޓް އަބްދުރަހީމް ބައްލަވައިގަތްކަން ހާމަވީ ފްލެޓުގެ ރަޖިސްޓްރޭޝަން ނިންމުމަށް ފްލެޓްތަކުގެ ވެރި ފަރާތުން ފޮނުވި ސިޓީއެއް އާންމުވުމުންނެވެ. އޭނާ ކޮންމެ ފްލެޓެއް ބައްލަވައިގަތީ 4.5 މިލިއަން ރުފިޔާއަށެވެ.

އަބްދުއްރަހީމް ފްލެޓް ބައްލަވައިގަތް މައްސަލައިގައި ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ކުރިން ނިންމި އެވެ. ނަމަވެސް އެ މައްސަލަ އަލުން ބަލަން 2020 ގައި ނިންމީ ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން ކަމަށް އޭސީސީއިން އޭރު ބުންޏެވެ.