Advertisement

ފަޒުލްގެ އަންހެނުން ހިމެނޭހެން ހަ މީހަކަށް ހާއްސަ އުސޫލަކުން ހުޅުމާލޭން ގޯތިތަކެއް ވިއްކައިފި!

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލްގެ އަނބިކަނބަލުންނަށް ގޯތި ވިއްކި ސަރަހައްދު: ނޫ ކުލައިން ފާހަގަކޮށްފައިވަނީ އޭނާއަށް ވިއްކާލި ގޯތި -- ފޮޓޯ: ގޫގުލް އާތު


ފަޒުލްގެ އަންހެނުން ހިމެނޭހެން ހަ މީހަކަށް ހާއްސަ އުސޫލަކުން ހުޅުމާލޭން ގޯތިތަކެއް ވިއްކައިފި!

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ އަންހެނުންނަށް ލުއި ގޮތެއްގައި ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް ހުޅުމާލެއިން ގޯއްޗެއް ވިއްކި މައްސަލަ ފަޅައި އަރާފައި އޮއްވައި، އިތުރު ފަސް ގޯއްޗެއް އެ އުސޫލުން ވިއްކައިފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 2017 ގައި 42 ބިމެއް ވިއްކަން ހުޅުވައިލި ބީލަމަށް އެޗްޑީސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝިދުގެ އަންހެނުން، މ. ސާނިޔާ ޒުލްފީނާ ރަޝީދު ހުށަހެޅި އެވެ. އެ ބީލަމަށް ހުށަހެޅި މީހުންގެ ލިސްޓުގައި އޭނާ އޮތީ 40 ވަނައިގަ އެވެ. ނަމަވެސް, އެ ފަހަރު ބިން ވިއްކީ 36 ފަރާތަކަށް ކަމަށް ވާތީ އޭނާއަށް ބިން ގަންނަން ނުލިބެ އެވެ.

އެހެންވެ، ބިން ވިއްކުމުގެ އަމުރެއް ނެރެ ދިނުމަށް ޒުލްފީނާ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ބިމުގެ މުއާމަލާތުގެ އެ މައްސަލަ ހަތަރު އަހަރު ފަހުން 2021 ގައި ކޯޓަށް ހުށަހެޅި އެ މައްސަލަ ކުރިއަށް ދަނިކޮށް، ހުޅުމާލެއިން އިތުރު ބިންތަކެއް ވިއްކަން ހުޅުވައިލުމުން އެކަން ހުއްޓުވުމަށް ވަގުތީ އަމުރަކަށް ވެސް އެދުނެވެ. ނަމަވެސް, އެކަމަށް ސިވިލް ކޯޓުން ވެސް އަދި ހައި ކޯޓުން ވެސް ވަގުތީ އަމުރެއް ނުދިނެވެ.

ހުށަހެޅި މައްސަލައިގެ ހުކުމް ވެސް އައީ ޒުލްފީނާއާ ދެކޮޅަށެވެ. އެ މައްސަލައިގައި ނިންމީ ޒުލްފީނާއަށް ބިން ވިއްކުމަށް އެޗްޑީސީގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށެވެ. އެ މައްސަލަ އިސްތިއުނާފު ނުކޮށް އޮއްވައި އެމްޑީޕީގެ ވެރިކަން ބަދަލުވެ، އެޗްޑީސީ ހިންގަން ފަޒްލު ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ އިސްކަމެއް ދެއްވި އެއް ކަމެއްގެ ގޮތުގައި ނިންމެވީ އޭނާގެ އަންހެނުންނަށް ބިމެއް ވިއްކުމުގެ މުއާމަލާތް ނިންމުމެވެ.

ހުޅުމާލޭ ފޭސް 2 ގެ ބީޗް ފްރޮންޓުން އެންމެ އަގުބޮޑުކޮށް މީހުން ގޯތި ގަނެފައިވާ ސަރަހައްދުން ޒުލްފީނާއަށް 2،140 އަކަފޫޓުގެ ބިމެއް ވިއްކީ ޖީއެސްޓީއާއެކު 11.7 މިލިއަން ރުފިޔާ އަށެވެ. ޖީއެސްޓީ އުނިކުރުމުން ބިމުގެ އަގަކީ 10.2 މިލިއަން ރުފިޔާ އެވެ. އެ ފައިސާ ދައްކައި ހަލާސްކުރަން ޖެހެނީ 60 މަސް ދުވަހުން (ފަސް އަހަރު) ނެވެ. އެއީ ޖީއެސްޓީއާއެކު މަހަކު 185،366.18ރ. އެވެ.

"މިއީ އެޗްޑީސީގެ ތާރީހުގައި ވެސް ބަޔަކަށް މި ގޮތަށް ގޯތި ވިއްކި އުސޫލެއް ނޫން،" އެ ކުންފުނީގެ ސީނިއާ އޮފިޝަލަކު ވިދާޅުވި އެވެ.

މައްސަލައިގެ ޓައިމްލައިން

  • ހުޅުމާލޭ ފޭސް 2 އިން ދިރިއުޅުމަށް ބިން ވިއްކަން ހުޅުވައިލީ، ޖެނުއަރީ 4، 2017 ގައި
  • އެ ބީލަމަށް ހުށަހެޅި މީހުންގެ ލިސްޓު އާންމުކުރީ، ފެބްރުއަރީ 6، 2017 ގައި
  • ބިން އިހުތިޔާރުކުރެވުނު ގޮތް ޒުލްފީނާ އަށް އެންގީ، ފެބްރުއަރީ 9، 2017 ގައި
  • ބިން ނުލިބުނު މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ، މެއި 20، 2021 ގައި
  • އިތުރު ބިން ވިއްކުން ހުއްޓުވަން ވަގުތީ އަމުރެއް ނެރުދިނުމަށް ހުށަހެޅީ، ޖެނުއަރީ 24، 2022 ގައި
  • ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ގޮތެއް ނިންމީ، ފެބްރުއަރީ 2، 2022 ގައި
  • ވަގުތީ އަމުރު ނުދޭން ސިވިލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމީ، ފެބްރުއަރީ 22، 2022 ގައި

ޒުލްފީނާ 2017 ގައި ގަންނަން ހުށަހެޅީ 2000 އަކަފޫޓުގެ ބިމެކެވެ. އެ ބީލަމަށް އޭނާ ހުށަހެޅި އަގަކީ އަކަފޫޓަކަށް 5050ރ. އެވެ. އެޗްޑީސީ ވެބްސައިޓުގައި ހުރި އޭރުގެ ލިޔުންތަކަށް މިހާރު ނުވަދެވޭތީ، އެ ގޯތިތައް ދޫކުރަން ނިންމާފައި އޮތް ސަރަހައްދު ކަށަވަރު ނުވިޔަސް، ކަށަވަރު ކުރެވެން އޮތީ، ބީޗް ފްރަންޓުން ޒުލްފީނާ ގަތް ގޯތީ އަގަކީ ޓެކްސް ނުލައި އަކަފޫޓަކަށް 4،811ރ ކަމެވެ.

އެ ބިމުގެ އަގު ފަސް އަހަރުން ދައްކާ ގޮތަށް ހަމަޖެއްސީ ހުކުމެއް އޮތުމުން ކަމަށް އެޗްޑީސީގެ ޕަބްލިކް ރިލޭޝަން އެސިސްޓަންޓް މެނޭޖަރު މުހައްމަދު ސިރާޖު "އަދަދު" ނޫހަށް ވިދާޅުވި އެވެ.

"ހުޅުމާލެއިން [ޒުލްފީނާ ރަޝީދަށް] އަށް އަދި އިތުރު ފަސް މީހަކަށް ވެސް ގޯތި ދޫކުރީ ކޯޓުގެ ހުކުމަކާ އެއްގޮތަށް،" އޭނާ ވިދާޅުވި އެވެ.

އެޗްޑީސީން މިހެން ބުނި ނަމަވެސް، ސިވިލް ކޯޓުން ނިންމި މައްސަލައިގައި ޒުލްފީނާއަށް ނުވަތަ އެހެން މީހަކަށް ވެސް ބިން ވިއްކުން ލާޒިމުކޮށް އެޗްޑީސީއަށް އަމުރުކޮށްފައެއް ނުވެ އެވެ.

ކަނޑައެޅި ލުއި އުސޫލުން ބިން ވިއްކާފައިވާ ފަސް މީހުންނަކީ ކޮބައިކަން އެޗްޑީސީން ހާމައެއް ނުކުރެ އެވެ. ޒުލްފީނާ އާއެކު 42 ބިމުގެ ބީލަމަށް 2017 ގައި ހުށަހެޅި މީހުންގެ ލިސްޓުގެ ފުރަތަމަ 42 މީހުންގެ ލިސްޓުން ޒުލްފީނާގެ އިތުރުން އެހެން ފަސް މީހަކަށް ވެސް ގޯތި ނުލިބެ އެވެ.

އެފަހަރުގެ އުސޫލުގައިވާ ގޮތުން ގޯތި ދޫކުރަން ކަނޑައަޅާފައި އޮތް ބިމުން، ދޫކުރެވުނީ 36 ބިމެކެވެ. ގޯތި ނުލިބުނު އެހެން މީހުން ކޯޓަށް މައްސަލަ ހުށަހަޅާފައިވާކަން ކޯޓުގެ ވެބްސައިޓުން ފެންނާކަށް ނެތެވެ.

ޒުލްފީނާއަށް ބިން ވިއްކި މައްސަލައިގައި ފަޒުލްގެ ބަހެއް ހޯދަން ފޯނުން ގުޅައިގެން ވެސް، އަދި ވަޓްސްއެޕުން ކުރި މެސެޖުތަކަށް ވެސް އޭނާ ޖަވާބެއް ނުދެއްވި އެވެ.

އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު


ބިން ވިއްކަން ހުކުމެއް ނެތް!

ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ ނިންމުންތައް ވެބްސައިޓުގައި އާންމުކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. ޒުލްފީނާއަށް ބިން ވިއްކީ އެކަމަށް ކޯޓު ހުކުމެއް އޮތުމުން ކަމަށް އެޗްޑީސީން ބުނި ނަމަވެސް، އެފަދަ އެއްވެސް ހުކުމެއް، ސިވިލް ކޯޓުގައި އަދި ހައިކޯޓާއި ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ވެސް ނެތެވެ.

ބިން ގަންނަން ނުލިބުނު މައްސަލައިގެ ހުކުމުގައި ޒުލްފީނާއަށް ބިމެއް ވިއްކަން އަމުރުކޮށްފައެއް ނެތެވެ. އަދި ބީލަމަށް ހުށަހެޅި ބިޑް ސެކިއުރިޓީ އަނބުރާ ނަގާފައި އޮތުމަކީ ކޯޓަށް އެ މައްސަލަ ހުށަހެޅި ނަމަވެސް، ބީލަމުގެ މުއާމަލާތް ނިމިފައިވާކަން ޒުލްފީނާ އަމިއްލަ ގަބޫލުކުރުން ވެސް އޮތް ކަމަށް ދަލީލުކޮށްދޭ ކަމެކެވެ.

ހިޔާނާތެއް؟

ޒުލްފީނާއަށް ބިން ވިއްކާފައި ވަނީ އެޗްޑީސީން އަމަލުކުރާ އުސޫލުތަކާ ހިލާފަށެވެ.

މި ވަގުތު ވިއްކަން ހުޅުވާލާފައިވާ ބިންތަކުގެ މައުލޫމާތު ކަރުދާހުގައި ބުނެފައިވާ ގޮތުން ބިމުގެ އަގު އެއް ފަހަރާ ދައްކާ ފަރާތްތަކަށް ދީފައިވަނީ 30 ދުވަހެވެ. ބޭންކު ލޯނެއް ނަގައިގެން ބިން ގަންނަ ފަރާތްތަކަށް، އަގުގެ 25 ޕަސެންޓު، 14 ދުވަސް ތެރޭގައި ދެއްކުމަށް ފަހު، ލޯނު ހަމަޖެހުނު ކަމުގެ ލިޔުން ހުށަހަޅަން 90 ދުވަސް ލިބެ އެވެ.

ބިމަށް ފައިސާ ދައްކައި ހަލާސްކުރަން އެއްވެސް މީހަކަށް ފަސް އަހަރު ދީފައެއް ނެތެވެ.

އެހެންވެ، ހާއްސަ އުސޫލެއްގެ ދަށުން ފަޒުލްގެ އަންހެނުންނަށް ބިން ވިއްކުމަކީ، އަދި އިތުރު ފަސް މީހަކަށް އެ ހާއްސަ އުސޫލުން ބިން ވިއްކުމަކީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާ މަގާމުގެ ނުފޫޒު ބޭނުންކުރުން ކަމަށް ބެލެވޭނެ ޖާގަ ލިބެ އެވެ.

ގާނޫނުގެ 12 ވަނަ މާއްދާ - ދައުލަތުގެ މުވައްޒަފުން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށް


(ހ) ދައުލަތުގެ ނުވަތަ ދައުލަތް ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު، އޭނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާކަމަކުން ނުވަތަ ކުރާކަމަކާ ގުޅިގެން ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން ނުވަތަ އެ މުވައްޒަފެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި، ހޯދައިދިނުމަކީ، ކުށެކެވެ. (ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

ހާއްސަ އުސޫލެއްގެ ދަށުން ޖުމުލަ ހަ ގޯއްޗެއް ވިއްކުމަކީ، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ކުރުމެވެ. އެއީ ވެސް، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުން ކުށެކެވެ. އެފަދަ ކުށެއްގެ އަދަބަކީ ގިނަވެގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

އެޗްޑީސީން އަމަލުކުރާ އާންމު އުސޫލާ އެއްގޮތަށް މި ގޯތިތައް ވިއްކި ނަމަ މިހާރު ހުންނާނީ އެޗްޑީސީ އަށް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަދެފަ އެވެ.

13 ވަނަ މާއްދާ - ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށް


(ހ) ދައުލަތުގެ އެއްވެސް މުވައްޒަފަކު، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް އެއްވެސް ކަމެއްގެ ފައިދާއެއް ލިބެންއޮތް އެއްވެސް ކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭގޮތަކަށް، ނުވަތަ ލިބެންއޮތް ފައިދާއަށް އެއްވެސް އުނިކަމެއް ލިބޭގޮތަކަށް، ނުވަތަ އެކަމެއްގެ ފައިދާ ނުވަތަ ފައިދާއިން ބައެއް، އެ މުވައްޒަފަކަށް ނުވަތަ އެ މުވައްޒަފެއްގެ އަންބަކަށް ނުވަތަ ފިރިއަކަށް ލިބޭގޮތަށް ކުރުމަކީ، ކުށެކެވެ. (ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

މިފަދަ ބޮޑެތި ތުހުމަތުތައް ހުރިއިރު، މިއިން މައްސަލައެއް ބަލަމުންދާކަން ކަމާބެހޭ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ.