Advertisement

އިންޑިއާގެ ސޯލާ ޕްރޮގްރާމް "ވަން ސަން, ވަން ވޯލްޑް, ވަން ގްރިޑް" އާ ރާއްޖެ ގުޅެން ފީސިބިލިޓީ ސްޓަޑީއެއް ހަދަނީ

9 އޮކްޓޯބަރު 2024 - 13:48 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސް މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް


އިންޑިއާގެ ސޯލާ ޕްރޮގްރާމް "ވަން ސަން, ވަން ވޯލްޑް, ވަން ގްރިޑް" އާ ރާއްޖެ ގުޅެން ފީސިބިލިޓީ ސްޓަޑީއެއް ހަދަނީ

9 އޮކްޓޯބަރު 2024 - 13:48 0

އެކި ގައުމުތަކުގައި ގާއިމު ކުރާ އިއާދަކުރަނިވި ހަކަތައިގެ ގުރިޑުތައް ގުޅައިލުމަށް އިންޑިއާއިން ގެންގުޅޭ "ވަން ސަން, ވަން ވޯލްޑް, ވަން ގްރިޑް" އާ ގުޅެން ފީސިބިލިޓީ ސްޓަޑީއެއް ހަދަން ރާއްޖެއިން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ އެކު ބޭއްވެވި މަޝްވަރާތަކަށް ފަހު ރައީސް އޮފީހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ މަޝްރޫއުގައި ރާއްޖެއިން ބައިވެރިވާން ނިންމީ އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރު ކޮށްގެން ކަރަންޓު އުފެއްދުމަށް ކުރާ ހަރަދު މަދު ކުރުމަށެވެ.

"ވަން ސަން, ވަން ވޯލްޑް, ވަން ގްރިޑް" މަޝްރޫއުގެ މަސައްކަތް ފުރަތަމަ ފެށްޓެވީ 2018، ގައި އޮތް އިންޓަނޭޝަނަލް ސޯލާ އެލަޔަންސްގެ ފުރަަތަމަ ބައްދަލުވުމުގައި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ހުށަހެޅުއްވި ކަރުދާހަކާ އެކު އެވެ.

އެއަށްފަހު އިނގިރޭސިވިލާތުގެ ގްރީން ގްރިޑްސް އިނީޝިއޭޓިވް އާއި އިންޑިއާގެ "ވަން ސަން, ވަން ވޯލްޑް, ވަން ގްރިޑް" އެއްކޮށްލައިގެން މަސައްކަތް ކުރަން 2021، ގައި އިނގިރޭސިވިލާތާއި އިންޑިއާ އިން ކުރިއަށް ގެންދިޔަ ވާޗުއަލް ސަމިޓުގެ ތެރެއިން އެ ދެގައުމުގެ ވެރިން އެއްބަސްވި އެވެ.

ހަމަ އެ އަހަރު އޮތް ކޮޕް-26 ގެ ހަވާސާގައި އެ ދެ އިނީޝިއޭޓިވް އެއްކޮށްލައިގެން އިންޑިއާ އާއި އިނގިރޭސިވިލާތުން އިފުތިތާހު ކުރި އެވެ. އިންޓަނޭޝަނަލް ސޯލާ އެލަޔަންސްގެ 83 ގައުމަކުން އެ އިނީޝިއޭޓިވް އަށް އެންޑޯޒް ކުރި އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ޖުމުލަ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން މެދު އިރުމައްޗާއި ދެކުނު އޭޝިއާގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގެ ގްރިޑުތައް ގުޅައިލާނެ އެވެ. ދެވަނަ ފިޔަވަހީގެ ދަށުން ގުޅައިލާނީ އޭޝިއާގެ ގްރިޑާއި އެފްރިކާގެ ގްރިޑެވެ. ބައިނަލްއަގުވާމީ ގްރިޑެއް އެކުލަވައިލާނީ ތިންވަނަ ފިޔަވަހީގެ ދަށުންނެވެ.