9 އޮކްޓޯބަރު 2024 - 08:34 0
އާރްއާރްސީ ޓީމުގެ އަލީ ހާފިޒް (ހާއްޕެ) ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
9 އޮކްޓޯބަރު 2024 - 08:34 0
ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)، ދިވެހި ސިފައިންގެ ކްލަބް އަދި ދިރާގުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
އާރްއާރްސީން ވަނީ ކްލަބް ޓީޓީއެސް އަތުން 8-1 އިން މޮޅުވެފަ އެވެ. ޔުނައިޓެޑް ބީއެމްއެލް އަތުން ޕެނަލްޓީ ޖަހައިގެން 6-5 އިން ދިރާގު މޮޅުވިއިރު، ސިފައިން ވަނީ 3-1 އިން ޕްރިޒަން ކްލަބް ބަލިކޮށްފަ އެވެ.
އާރްއާރްސީ އަށް ރޭގެ މެޗުގައި އަލީ ހާފިޒް (ހާއްޕެ) ހެޓްރިކެއް ހަދައި، ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. އެ ޓީމުގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ދެ ގޯލު ޖެހިއިރު، އަލީ ޝާމިސް (ތޮއްޕޭ)، އަހުމަދު ރިޒުވާން (ރިޒޭ) އަދި ހުސެއިން ގައްސާން ލަބީބް (ހުސީ)، ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލު ޖަހައިފަ އެވެ. ޓީޓީއެސްގެ ހަމައެކަނި ލަނޑު ޖެހީ، މުހައްމަދު އިޔާދު އެވެ.
ކުއާޓާ ފައިނަލުގައި އާރްއާރްސީއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ދިރާގުން ހޯދީ ދެ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ބީއެމްއެލް ކަޓުވާލުމަށް ފަހު އެވެ. އަހުމަދު އައިހަމްގެ ގޯލުން ދިރާގުން ލީޑުނެގި މި މެޗުގައި، ބީއެމްއެލް އަށް އެއްވަރުކޮށްދިނީ ޒައިން ޒަފަރު އެވެ.
ދިރާގުގެ ކީޕަރު އައިމަން ރޭގެ މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ
ޕެނަލްޓީގައި، ބީއެމްއެލްގެ އަހުމަދު މަހުދޫމް ޖެހި ޕެނަލްޓީ ދިރާގުގެ ކީޕަރު، މުހައްމަދު އައިމަން ވަނީ މަތަކޮށްފަ އެވެ. ދިރާގު މޮޅުވީ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްގެންނެވެ.
ޕްރިޒަން ކޮޅަށް ސިފައިންގެ ލަނޑުތައް ޖެހީ، މުހައްމަދު އަލާއު ދެ ގޯލާއި މުހައްމަދު މުއާދު އެވެ. ޕްރިޒަންގެ ހަމައެކަނި ލަނޑު ޖެހީ، މޫސާ ހަސަން ފުޅު އެވެ.
ސިފައިންނާ ދެކޮޅަށް ކުއާޓާ ފައިނަލުގައި ކުޅޭނެ ޓީމެއް ކަނޑައެޅޭނީ ގަދަ 16 ބުރުގައި ޕޯޓް ރެކްރިއޭޝަން ކްލަބް (އެމްޕީއެލް) އާއި ކްލަބް ފެން ބައްދަލުކުރާ މެޗުންނެވެ. ރޭ ކުޅެން ޝެޑިއުލްކޮށްފައި އޮތް އެ މެޗު މިއަދު ހަވީރު 17:00 އަށް ބަދަލުކުރީ، ދެ ޓީމުގެ ޖޯޒީ އެއްގޮތް ވުމުގެ ސަބަބުން، ވަގުތުން ބަދަލުތަކެއް ކޮށްގެން އެ ވަގުުތު މެޗު ކުޅެވެން ނެތުމުންނެވެ.
ކުއާޓާ ފައިނަލްގެ ފުރަތަމަ ދެ މެޗު މިރޭ ކުޅޭނެ އެވެ. މޯލްޑިވިއަން ބައްދަލުކުރާނީ ވެމްކޯއާ އެވެ. އަދި ސްޓެލްކޯ ކްލަބުން އެމްއޭސީއެލްއާ ކުޅޭނެ އެވެ.
Comment