Advertisement

ފެހުރިހި ބަލަން މޫދަށް އެރި އުޅެން ޖެހޭ ގޮތުގެ މިންގަނޑުތަކެއް ކަނޑައަޅައި ތަފުސީލީ ގަވާއިދެއް ނެރެފި

8 އޮކްޓޯބަރު 2024 - 16:13 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ފެހުރިއްސަކީ ރާއްޖޭގެ ކަނޑުތަކުން އާންމުކޮށް ފެންނަ އެންމެ ބޮޑު ދިރުން -- އާޓްވޯކް: އިސްމާއިލް އިމްދާދު


ފެހުރިހި ބަލަން މޫދަށް އެރި އުޅެން ޖެހޭ ގޮތުގެ މިންގަނޑުތަކެއް ކަނޑައަޅައި ތަފުސީލީ ގަވާއިދެއް ނެރެފި

8 އޮކްޓޯބަރު 2024 - 16:13 0

ފެހުރިހި ބަލަން މޫދަށް އެރި އުޅޭއިރު އަމަލު ކުރަންޖެހޭ ގޮތުގެ މިންގަނޑުތަކެއް ކަނޑައަޅައި ތަފުސީލީ ގަވާއިދެއް ސަރުކާރުން މިއަދު ގެޒެޓުކޮށްފި އެވެ.

މިއަދު ގެޒެޓު ކުރީ 2021 ވަނަ އަހަރު އެކުލަވާލި، ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރި ކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ޖަދުވަލު ހައެއްގެ ފަހަތަށް ބ. ގެ ގޮތުގައި އިތުރު ކުރި އަކުރެވެ. އެ ގަވާއިދަށް އަމަލު ކުރަން ފަށާނީ މި އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.

މިއަދު ގެޒެޓުކުރި އިއުލާނުގައި ވާގޮތުން:

  • ފެހިރިއްސާ ތިން މީޓަރަށް ކައިރި ނުވެވޭނެ
  • ފެހުރިހީގައި އަތްލައި، އުރަހައިފައި ހިފަހައްޓައިގެން ފީނުން މަނާ
  • ފެހުރިހީގެ މަތިން ފީނާ ނަމަ، މަދުވެގެން 20 މީޓަރުގެ ދުރުމިން ބެހެއްޓުން
  • ފެހުރިއްސަށް ކާންދިނުން މަނާ
  • ފްލޭޝް ބޭނުން ކޮށްގެން ފެހުރިހީގެ ފޮޓޯ ނެގުން މަނާ
  • ރޭގަނޑު ދިއްލައިގެން ފެހުރިހި ތިލަކޮށްގެން ބެލުން މަނާ
  • ފެހުރިހި އުޅޭ ސަރަހައްދުގައި ވޯޓާ ސްޕޯޓްސް މީހުންނާއި ފީނާ މީހުންނަށް އުޅުން މަނާ
  • ފެހުރިހީގެ ޑްރޯން ފޮޓޯ ނުވަތަ ވީޑިއޯ ނަގާއިރު، މޫދު ލޮނުގަނޑުން ފެށިގެން 30 މީޓަރަށް (98 ފޫޓު) ވުރެ ތިރިން ޑްރޯން އުދުއްސުން މަނާ
  • ފެހުރިއްސަށް ކާންދިނުން މަނާ

އޭގެ އިތުރުން ފެހުރިހި އުޅޭ ސަރަހައްދުތަކުގައި، އެސޮރުމެންނަށް ގެއްލުމެއް ވެދާނެ ފަދަ ގޮތަކަށް އުޅަނދުފަހަރު ދުއްވުން ވެސް އެ ގަވާއިދުގެ ދަށުން މަނާ ކޮށްފައިވެ އެވެ.

އެގޮތުން ފެހުރިހީގެ ވަށައިގެންވާ 250 މީޓަރުގެ ކޮންޓެކްޓް ޒޯނު ތެރޭގައި ފަހަރަކު ހަރަކާތްތެރި ވެވޭނީ ތިން އުޅަނދަކަށް ކަމަށް އެ ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ. އަދި، އެ ޒޯނުގެ ތެރޭގައި ފަސް ނޮޓަށްވުރެ ބާރަށް އުޅަނދު ދުއްވުން އެ ގަވާއިދުގެ ދަށުން މަނާ ކޮށްފައިވެ އެވެ. ނަމަވެސް ފެހުރިއްސާ 50 މީޓަރު ކައިރިން އުޅަނދުފަހަރު ދުއްވަންޖެހޭނީ ދެ ނޮޓު އަށްވުރެ މަޑުން ކަމަށް ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.

ގަވާއިދުގައި ބުނެފައި ވާގޮތުން ފެހުރިހި ބަލަން ކޮންޓެކްޓު ޒޯނަށް ކޮންމެ އުޅަނދަކުން ވެސް ފޭބޭނީ 12 މީހުންނަށް ކަމަށެވެ. އަދި، ފައިބާ ކޮންމެ މީހަކަށް ވެސް މޫދުގައި ހަރަކާތްތެރިވެވޭނީ 15 މިނެޓު ވަންދެން ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެެވެ.

މި ކަންތައްތަކުގެ އިތުރުން ބަލިވެފައި އޮންނަ ފެހުރިއްސަކާ މެދު އަމަލު ކުރަންޖެހޭ ގޮތާއި ފެހުރިއްސާއި އެ ސޮރުމެންގެ މާހައުލުތަކުގައި އަމަލު ކުރަންޖެހޭ ބެސްޓު ޕްރެކްޓިސް އެ ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.