Advertisement

މައްސަަލަ އަކަށް ފަހު މައްސަލައެއް؛ ބައްސާމަށް ފީފާ އިން ދޭނީ ކޮން އަދަބެއް؟

8 އޮކްޓޯބަރު 2024 - 09:53 2

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


މައްސަަލަ އަކަށް ފަހު މައްސަލައެއް؛ ބައްސާމަށް ފީފާ އިން ދޭނީ ކޮން އަދަބެއް؟

8 އޮކްޓޯބަރު 2024 - 09:53 2

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްގެ މަގާމު ދެ ދައުުރު ހަމަކުރި، ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ ވަނީ އުފުލައިފަ އެވެ. އެފްއޭއެމްގައި ކުރިން އޮތް ބައްސާމްގެ ލީޑަޝިޕާ ގުޅޭ އެއްބަސްވުމާ ހިލާފުވުމާއި ކޮރަޕްޝަންގެ މައްސަލަތަކާއި އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ އާއި ދަރަނި އަދާކުރަން ޖެހިފައިވާ އެތައް މައްސަލައެއްގައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ގައުމެއްގެ ނިސްބަތުން ރާއްޖެ ކިތަންމެ ކުޑަޔަސް، ރާއްޖޭގެ ފުޓްބޯޅަ ސޮއްސާލާފައިވާ ހިސާބުގެ ފުންމިނާ މެދު ވިސްނާލާއިރު، މިއީ، މުޅި ދުނިޔޭގެ ސަމާލުކަން މި ކުޑަކުޑަ ގައުމަށް ހުއްޓޭނެ ފަދަ ކަމެކެވެ. ކުޅިވަރުގެ ބޮޑު "ސްކޭމް" އެކެވެ.

މީގެ ހަތަރު މަސް ކުރިން، ޖޫން، 20 ވަނަ ދުވަހު، ފީފާ އިން ނިންމީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ބައްސާމް ނުވަ މަސް ދުވަހަށް ސަސްޕެންޑް ކުރުމަށެެވެ.

ފީފާގެ އިންވެސްޓިގޭޓަރީ ޗެމްބަރުން ހޯދި ހޯދުމުން، ބައްސާމް ވަނީ އެފްއޭއެމްގެ އެންމެ އިސްވެރިއެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ހަދިޔާ ހޯދުމާއި ރާއްޖެ އަށް ލިބޭ ފަންޑް/ފައިސާ ނަަހަަމަ ގޮތުގައި ބޭނުންކުރުމުގެ ގިނަ ކަންތައްތަކެއް ކޮށްފަ އެވެ. އަދި މި ކަންކަމުގެ ތަހުގީގު އިތުރަށް ކުރިއަށްގެންދަން ފީފާ އިން ވަނީ ނިންމައިފަ އެވެ.

އެ ގޮތުން، މީގެ ކުރިން، ފީފާ އިން މި ފަދަ ހިޔާނާތާ ގުޅޭ މައްސަލަތަކުގައި އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ފުރަތަމަ ސަސްޕެންޝަނަކީ، އެ މައްސަލަ ތަހުގީގު ކުރަން ފީފާ އިން ނަގާ ވަގުތެވެ. މާނަ އަކީ، މި ނުވަ މަހުގެ ސަސްޕެންޝަނަކީ ބައްސާމަށް ފީފާ އިން ދޭނެ ފައިނަލް "އަދަބެއް" ނޫނެވެ.

ފީފާ އިން މީގެ ކުރިން އަޅާފައިވާ ބައެއް ފިޔަވަޅުތައް

ހިޔާނާތާ ގުޅޭ މައްސަލަތަކުގައި، ފީފާ އިން މީގެ ކުރިން ފިޔަވަޅު އަޅާފައިވަނީ އެންމެ ހަރުކަށި އަދަބު ދޭ ގޮތަށެެވެ.

އެ ގޮތުން، މީގެ ހަަ އަހަރު ކުރިން، 2018 ވަނަ އަހަރު ފީފާ އިން ވަނީ ގާނާގެ ފުޓްބޯޅަ ރައީސް، ކްވޭސީ ނަޔަންޓާކީ އުމުރު ދުވަހަށް ފުޓްބޯޅައިން ސަސްޕެންޑްކޮށްފަ އެވެ. އޭނާގެ މައްޗަށް ސާބިތުވި މައްސަލަ އަކީ، ގާނާގެ ވިޔަފާރިވެރިއަކު އަތުން، އެ ގައުމުގެ ފުޓްބޯޅަ ލީގު ސްޕޮންސަކުރުމަށް ކަމަށް ބުނެ، 65000 ޑޮލަރުގެ ރިޝްވަތެއް ނެގި މައްސަލަ އެވެ. މިއީ، ފީފާ އިން، ރާއްޖެ އަށް ދިން 1.9 މިލިއަން ޑޮލަރުގެ ލޯނެއް ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އޭގެއިން އެއް މިލިއަން ޑޮލަރަށް، ބައްސާމް، ދެ ލަގްޒަރީ އެޕާޓްމަންޓް ގަތުމާ އަޅާކިޔާނަމަ ވަރަށް އާދައިގެ މިންވަރެކެވެ.

ހިޔާނާތާއި މުވައްޒަފުންގެ ހައްގަށް އަރައިގަތުމާއި ޖިންސީ ފުރައްސާރައިގެ މައްސަލައިގައި، ފީފާ އިން ހައިޓީގެ ފުޓްބޯޅަ ރައީސް، ޔްވެސް ޖީން-ބާޓް، އުމުރު ދުވަހަށް ސަސްޕެންޑްކޮށްފައިވަނީ، މީގެ ތިން އަހަރު ކުރިންނެވެ. ބައްސާމް ވަނީ، ފީފާ އިން ރާއްޖެ އަށް ދީފައިވާ ފައިސާ އަށް އިހުމާލުވުމުގެ އިތުރުން، އެތައް މުވައްޒަފުންނާއި ކުޅުންތެރިންގެ ހައްގު ނިގުޅައިގަނެފަ އެވެ. އެހެންކަމުން، ހައްގަށް އަރައިގަތުމުގެ ކަންކަމަށް ބަލާއިރު ވެސް ފީފާ އިން ބައްސާމަށް އަދަބު ދިނުމުގައި ރިއާޔަތްކުރެވޭނެ ކަންތައްތަކެއް އެބަހުއްޓެވެ.

ފީފާ އިން ހިޔާނާތުގެ މައްސަލައިގައި އެ ފެޑެރޭޝަނުގެ ކުރީގެ ރައީސް ސެޕް ބްލެޓާ އާއި ޔުއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލަޓީނީ އަށް އަދަބުދީފައިވަނީ، ވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދިޔަ ވަރަކަށް ފެންނަމުން އަންނަ ކަންކަމަށް ބަހާލައިގެންނެވެ.

ޕްލެޓިނީ އާއި ބްލެޓާގެ މައްޗަށް ވެސް އަދި މިހާތަނަށް ސާބިތުނުވާ ޒާތުގެ މައްސަލަތައް ބައްސާމާ ދެކޮޅަށް، ރާއްޖޭގެ ތަހުގީގީ އިދާރާތަކުގައި އެބަހިނގަ އެވެ. ބްލެޓާ އާއި ޕްލެޓިނީ އަށް އަދަބު ދިނީ، 2011 ވަނަ އަހަރު އެ ދެ ފަރާތް ދެމެދުގައި ހިނގާފައިވާ ގޮތްނޭނގޭ ދެ މިލިއަން ޑޮލަރުގެ ޕޭމަންޓެއް މައްސަލައިގަ އެވެ.

ބައިނަލްއަގުވާމީ މަސްދަރުތަކުން ފެންނަން ހުުރި މައުލޫމާތުތަކަށް ބަލާއިރު، ފީފާ އިން ކުރިއަށްގެންދާ ބައްސާމްގެ ތަހުގީގު މައްސަލައިގައި، ރާއްޖޭން އޭނާއާ މެދު އަޅާ ފިޔަވަޅުތަކަށް ވެސް ބަލާނެ އެވެ.

އެހެންކަމަށް ވުމާ އެކު، ޕީޖީ އޮފީހާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ ބައްސާމާއި އެފްއޭއެމްގެ ކުރީގެ ލީޑަޝިޕްގެ ހިޔާނާތުގެ މައްސަލަތަކާ ގުޅޭ ގޮތުން، ރާއްޖޭން ނިންމާ ނިންމުންތައް ފީފާގެ ތަހުގީގަށް ވެސް މަގުކޮށައިދޭނެ އެވެ.

ޔަގީނުން ވެސް، ބައްސާމްގެ ހިޔާނާތްތަކުގެ މައްސަލަތައް މި ވަގުތަށް ފެންނަން ހުރި، މިންވަރަށް ބަލާއިރު ވެސް، އޭނާ އަށް އުމުރު ދުވަހަށް ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޝަނެއް އަންނާނެ މިންވަރަށް ކަންކަން އެ ހުރީ ސާފުކޮށް ފެެންނާށެވެ.

ދިވެހި ފުޓްބޯޅައިގެ ފައިސާ އިން ލަގްޒަރީ އެޕާޓްމަންޓް ގަތް މައްސަލަ ބޮޑު

ބައްސާމް ގަނެފައިވާ އެ ލަގްޒަރީ ފުލެޓުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ނިންމީ، އެ ފުލެޓުތައް ބައްސާމް ގަނެފައިވަނީ އެފްއޭއެމްއަށް ފީފާއިން ދިން ފައިސާ އިން ކަމަށް ބުނެ އެ މައްސަލާގައި ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް ފަހު އެވެ.

އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވަނީ، އަމީން އެވެނިއުގެ ވެރިފަރާތް، ކަމަށްވާ އަމީން ކޮންސްޓްރަކްޝަންގެ އިތުރުން، އެފްއޭއެމްގެ އޭރުގެ ފައިނޭންޝަލް ޑިޕާޓްމަންޓްގެ ހެޑް، މުހައްމަދު އަގީލް އާއި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު އަދި ފަހުން ކްލަބް ވެލެންސިއާގެ ޗެއާމަން ކަމަށް ނުފޫޒު ފޯރުވައިގެން އައި، ހަސަން ވަހީދު (ދޮނާ) ގެ މައްޗަށެވެ.

ފުލުހުންގެ ތަހުގީގަށް ހޯދުނު ގޮތުގައި، ބައްސާމް ވަނީ، ފީފާ އިން ކޮވިޑް ލޯނުގެ ގޮތުގައި ދިން ފައިސާގެ ތެރެއިން، އެއް މިލިއަން ޑޮލަރު އަމީން އެެވެނިއު އިން އެޕާޓްމަންޓް ގަންނަން ބޭނުންކޮށްފަ އެވެ.

ފުލުހުން ތުހުމަތު ކުރަނީ ފީފާ އިން އެފްއޭއެމް އަށް ދިން، ކޮވިޑް ލޯނުގެ 1.9 މިލިއަން ޑޮލަރުގެ ތެރެއިން، އެއް މިލިއަން ޑޮލަރު ހޭދަކޮށް، ތިން ޕޭމަންޓެއް ގޮތަށް ބަހާލައިގެން، އަމީން އެވެނިއު އިން އެޕާޓްމަންޓް ގަންނަން ބައްސާމް ހަރަދު ކުރި ކަމަށެވެ.

އެފްއޭއެމާއި ދިވެހި ފުޓްބޯޅައިގެ ފައިސާ އިން ބައްސާމް ގަނެފައިވާ ދެ ލަގްޒަރީ އެޕާޓްމަންޓުން، މިރޭ 12 ޖެހުމުގެ ކުރިން ނުކުންނަން، ފުލުހުން ވަނީ ބައްސާމަށް އަންގައިފަ އެވެ.

އަނބިދަރިން ގޮވައިގެން، ވަގުތުން ވަގުތަށް ދާނެ ތަނެއް ނެތް ކަމަށް ބުނެ، މި މަހުގެ ނިޔަލަށް އެޕާޓްމަންޓްގައި މަޑުކުރެވޭތޯ ބައްސާމް އެދުނު ގޮތަށް ފުލުހުން ފުރަތަަމަ އެއްބަސްވި އެވެ. އެކަމަކު، ފަހުން، އެ ނިންމުން ފުލުހުން ބަދަލުކޮށް، މިރޭ 12 އާ ހަމައަށް މުހުލަތު ބަދަލުކުރީ އެވެ. އެނގިފައިވާ ގޮތުގައި، ބައްސާމާ ގުޅޭ، ކަރަންޓު ބިލްތަކަށް ފައިސާ ނުދައްކާ މައްސަލަ އާއި އަމީން އެވެެނިއުގެ އެޕާޓްމަންޓްތަކުގެ މެއިންޓަނަންސް ފީ ނުދައްކައި، ހުރި މައްސަލަތަކެއް ވެސް އެބަހުއްޓެވެ.

ބައްސާމްގެ މި ހިޔާނާތްތަކާއި ގުޅޭ މައްސަލަތަކުގައި، އޭނާ އަށް އަޅާނެ ފިޔަވަޅުތަކާ ބެހޭގޮތުން، ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު (ރާއްޕެ) އާއި ފީފާ އިން އެފްއޭއެމް ހިންގުން ހަވާލުކޮށްފައިވާ ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން، އަހުމަދު ޒުހޫރު އަށް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަނީ ސުވާލު އަމާޒުވެފަ އެވެ.

އެކަމަކު، އެ އަށް ސީދާ ޖަވާބެއް ދެވޭނީ، ތަހުގީގީ އިދާރާތަކުން ބަލަމުންދާ މައްސަަލަތަކުގެ ކަންކަން ނިމުމުން ކަމަށް ވަނީ ރާފިއު އާއި ޒުހޫރު ވެސް ވިދާޅުވެފަ އެވެ.

އެފްއޭއެމް ހިންގުން ހަވާލުކޮށްފައިވާ ނޯމަލައިޒިން ކޮމިޓީ އަށް އޮތް އެއް ޒިންމާ އަކީ، އެފްއޭއެމްގެ އިސްވެރިންނާއި އެހެނިހެން ފަރާތްތައް ގުޅިގެން ފީފާ އާއި އޭއެފްސީ ދީފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާނަމަ، އެ ފައިސާ ހޯދުމަށް ރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުމެވެ. އެހެންކަމުން، އެފްއޭއެމުން އަމިއްލަ މަންފާ އަށް ބޭނުންކޮށްފައި ހުރި މި ފައިސާ ހޯދަން، ނޯމަލައިޒިން ކޮމިޓީ އަށް އޮތް ޒިންމާ ވެސް ބޮޑެވެ.

ބައްސާމާ ގުޅޭ މި މައްސަލަތަކުގެ ކަންކަން ނިންމުމުގައި، ކުރިއަށްދާނެ ގޮތެއް، ނޫނީ އަޅާނެފިޔަވަޅުތަކެއް ކަނޑައަޅާއިރު، ފީފާ އިން ބައިނަލްއަގުވާމީ އުސޫލުތަކަށް ބަލާނެ އެވެ. އަދި ރާއްޖޭގެ ޝަރުއީ މަރުހަލާގައި ގާނޫނީ ގޮތުން ބައްސާމަށް ދޭން ޖެހޭ އަދަބުތައް ވެސް ދޭން ޖެހޭނެ އެވެ.

ޔަގީނުން ވެސް، ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައި މި އޮތް އަނދަވަޅަކީ، އަހަރުތަކެއް ވަންދެން ދެމި އޮތް މައްސަލަތަކެއްގެ ސަބަބުން ފުރޮޅިގެން ގޮސް އައިސްފައި އޮތް ހިސާބެކެވެ. އެެހެންކަމުން، މި ހުރި މައްސަލަތައް ހައްލުކޮށް، ރާއްޖޭގެ ފުޓްބޯޅަ އޭގެ އަސްލު ދުވެލީގައި ހިނގައިގަންނާނެ ދުވަހެއް ހިތައް ގެންނަން ވެސް އަދި ނޭނގެ އެވެ. ފުރަތަމަ އޮތީ، ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައި އޮތް ހާލަތު ފުރިހަމަ އަށް ދެނެގަތުމެވެ. އެކަން ކުރުމުގައި ވެސް އެކަށީގެންވާ މިންވަރަކަށް އަދި، އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގެ މަސައްކަތްތައް ހިނގާތަން ނުފެނެ އެެވެ. އެއީ ބޮއްސުންލާފައި އޮތްތަނެއް ހައްލުކުރުމުގައި ކުރަން ހުރި ކަންކަން ގިނަ ކަމުންނެވެ.