6 ޖަނަވަރީ 2026 - 13:37 0
އަމަން ހަލީމް
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް: އޭނާ އަންނަނީ މިހާރު ވެސް އެހެން މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒުކުރަމުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
6 ޖަނަވަރީ 2026 - 13:37 0
އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމިން އެވެނިއުގެ އެޕާޓްމަންޓެއް ގަތް މައްސަލައިގައި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވިކަން ސާބިތުވެ، އޭނާ 23 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ބައްސާމްގެ މައްޗަށް މި މައްސަލައިގައި ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިން ދައުވާކުރީ، އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ބޭނުންކޮށްގެން، އަމީން އެވެނިއުއިން ޕެންޓްހައުސް އެޕާޓްމަންޓަކަށް ފައިސާ ދެއްކުމުންނެވެ. މި މައްސަލައިގައި އޭނާ 44 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެފްއޭއެމްގެ އެހެން މައްސަލައެއްގައި މިހާރު ވެސް ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ބައްސާމްގެ މައްޗަށް މިއަދު އިއްވި ހުކުމާއެކީ، އޭނާ ޖަލުގައި ހޭދަކުރަން ޖެހޭ މުއްދަތު 32 އަހަރަށް އަރަ އެވެ.
ބައްސާމްގެ މައްޗަށް ދައުވާ ސާބިތުވީ، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނި ގޮތުގައި، މި ޗެކުތައް ބޭނުންކުރީ ބައްސާމްގެ ނަން މަތީގައި ހުރި އެޕާޓްމަންޓު ގަންނަން ކަން ސާބިތުވާތީ އާއި ޑޮލަރު މާރުކުރުމުގެ ނަމުގައި އެފްއޭއެމްއިން ނެގި ފައިސާ އަނބުރާ އެ އެސޯސިއޭޝަނަށް ވައްދާފައި ނުވާތީ އެވެ.
ހަމައެހެންމަ، ނަގުދު ފައިސާއިން ހަ މިލިއަން ރުފިޔާއާ ގާތްކުރާ ވަރުގެ އަދަދެއް ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައި އަމީންއަށް ބައްސާމް ދެއްކިއިރު، އޭނާއަށް އެ ވަރުގެ ފައިސާއެއް ދެއްކޭނެ ވަސީލަތެއް ނެތް ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
މައްސަލައިގައި ބުނާ ނަގުދު ފައިސާ ބައްސާމް އަމީންގެ އެކައުންޓަކަށް ޖަމާކުރީ ހަތަރު ދުވަހެއްގެ މަތިންނެވެ. އެންމެ ފުރަތަމަ 1.36 މިލިއަން ރުފިޔާ ޑިޕޮސިޓުކުރީ ޖެނުއަރީ 28، 2021 ގަ އެވެ. ޖެހިގެން އައި ދުވަހު އޭނާ ވަނީ 182،000ރ. ޑިޕޮސިޓުކޮށްފަ އެވެ.
އޭގެ ފަސް ދުވަސް ފަހުން، ފެބްރުއަރީ 2، 2021 ގައި އޭނާ ވަނީ ދެ ފަހަރެއްގެ މަތިން، އެއް ފަހަރު 474،00ރ. އަދި އަނެއް ފަހަރު 1.06 މިލިއަން ރުފިޔާ، 1.5 މިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ. އެންމެ ފަހުން ފައިސާ ޖަމާކުރި ފަހަރު، އެއީ މާޗު 28، 2021 ގައި، އޭނާ ވަނީ 2.7 މިލިއަން ރުފިޔާ ޑިޕޮސިޓުކޮށްފަ އެވެ.
ބޮޑު މާސިންގާ ޖޫރިމަނާއާ އެކީ ކޯޓުން ވަނީ، ބައްސާމްގެ ޕެންޓްހައުސްއަކީ މަނީ ލޯންޑާކޮށްފައިވާ ފައިސާކަމަށް ކަނޑައަޅައި، އެ ފައިސާ ހުރި ތަނެއް ސާފުކޮށްފައި، އެ ފަައިސާ ދައުލަތަށް ނަގަން ހުށަހަޅަން ޕީޖީ އޮފީހަށް އަންގާފަ އެވެ.
Comment