Advertisement

ކްލަބް މޯލްޑިވްސް ކަޕް: މޯލްޑިވިއަން، އެމްއޭސީއެލް، ސްޓެލްކޯ އަދި ވެމްކޯ ކުއާޓާ އަށް

8 އޮކްޓޯބަރު 2024 - 01:23 0

ވެމްކޯ ޓީމުގެ ޝިޔަޅޭ އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ


ކްލަބް މޯލްޑިވްސް ކަޕް: މޯލްޑިވިއަން، އެމްއޭސީއެލް، ސްޓެލްކޯ އަދި ވެމްކޯ ކުއާޓާ އަށް

8 އޮކްޓޯބަރު 2024 - 01:23 0

ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯގެ އިތުރުން، އެމްއޭސީއެލް، ސްޓެލްކޯ އަދި މޯލްޑިވިއަނުން ހޯދައިފި އެވެ.

ގަދަ 16 ޓީމުގެ ބުރުގެ ފުރަތަމަ ހަތަރު މެޗު މިރޭ ކުޅުނުއިރު، ވެމްކޯ އިން ވަނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯ އަތުން ޕެނަލްޓީ ޖަހައިގެން 7-4 އިން މޮޅުވެފަ އެވެ. ކުރީގެ ޗެމްޕިއަނެއް ކަމަށްވާ، އެމްއޭސީއެލް އިން ވަނީ ޕެނަލްޓީ ޖަހައިގެން ކްލަބް އެޗްޑީސީ އަތުން 5-3 އިން މޮޅުވެފަ އެވެ. ކްލަބް އިމިގްރޭޝަން އަތުން 6-0 އިން ސްޓެލްކޯ މޮޅުވިއިރު، މޯލްޑިވިއަނުން ވަނީ 2-0 އިން އެފްއެސްއެމް ބަލިކޮށްފަ އެވެ.

އެސްޓީއޯ އާއި ވެމްކޯ ބައްދަލުކުރި މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ 3-3 އިން އެއްވަރުވެފަ އެވެ. އެސްޓީއޯގެ ހުޒައިފަތު ރަޝީދު (ހުޒޭ) ހެޓްރިކެއް ހެދި މި މެޗުގައި، ވެމްކޯގެ ލަނޑުތައް ޖެހީ، އަލީ ޝިޔާހު (ޝިޔަޅޭ)، އިސްމާއިލް ވަޖީހު (ވައްޖެ) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. ޕެނަލްޓީގައި، އެސްޓީއޯގެ އިނާން އާއި ހުޒޭގެ ޕެނަލްޓީތައް ވެމްކޯގެ ކީޕަރު، އަބްދުﷲ ޒިމާމް މަތަކޮށް އެ ޓީމު މޮޅުކޮށްދިނީ އެވެ.

ސްޓެލްކޯ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ


އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ޖާގައިގައި، ނޮކައުޓަށް ހޮވުނު، އެމްއޭސީއެލް އިން ވަނީ 1-1 އިން އެޗްޑީސީއާ އެއްވަރުކޮށްފަ އެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗުން މޮޅުވެގެން، ނޮކައުޓަށް އައި، އެޗްޑީސީން ލީޑުނެގީ އަބްދުﷲ ޝާފިއު (ޝާއްޕެ) ޖެހި ގޯލުންނެވެ. އެމްއޭސީއެލުން އެއްވަރުކުރީ، އަޒްޔާން އިބްރާހިމް ޖެހި ގޯލުންނެވެ. ޕެނަލްޓީގައި، އެޗްޑީސީގެ އަބްދުﷲ ޝައްފާން (ޝާކާ) ޖެހި ޕެނަލްޓީ ދަނޑިއަށް އަމާޒުވިއިރު، ހުސެއިން ސުހައިލް ޖެހި ޕެނަލްޓީ އެމްއޭސީއެލްގެ ކީޕަރު، ހަނާދު މުހައްމަދު ވަނީ މަތަކޮށްފަ އެވެ. މެޗުގައި ވެސް ހަނާދު ވަނީ ރަނގަޅު ގިނަ ބޯޅަތަކެއް ހުއްޓުވައިފަ އެވެ.

ގްރޫޕް ސްޓޭޖުގައި، އިމިގްރޭޝަން އަތުން 2-0 އިން މޮޅުވި، ސްޓެލްކޯ އިން ވަނީ މިރޭ 6-0 އިން އިމިގްރޭޝަން ބަލިކޮށްފަ އެވެ. މި މެޗުގައި، ސްޓެލްކޯގެ އަހުނަފު ރަޝީދު (އަހުއްކޮ) އާއި ޖުމައިލް ޖަމީލް (ޖުމްބެ) ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ، އިސްމާއިލް މަފާޒް އިބްރާހިމް އާއި އަލީ ފާރިޝް އެވެ.

މޯލްޑިވިއަންގެ އަހުމަދު އަފްލާޒް ދެ ގޯލު ޖަހައި، އެފްއެސްއެމް ބަލިކުރިއިރު، މި މެޗުގައި މޯލްޑިވިއަނުން ވަނީ އެފްއެސްއެމް ކައިރީގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.