Advertisement

ރައީސް މުއިއްޒު އިންޑިއާގެ ރައީސާއި ނައިބު ރައީސްއާ ބައްދަލު ކުރައްވައިފި

ރައީސް މުއިއްޒު (ވ)، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ (ކ) އާ ބައްދަލު ކުރެއްވުން -- ފޮޓޯ: އެކްސް


ރައީސް މުއިއްޒު އިންޑިއާގެ ރައީސާއި ނައިބު ރައީސްއާ ބައްދަލު ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އަދި ނައިބު ރައީސް ޖަގްދީޕް ދަންކާރްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސްއާ ބައްދަލު ކުރެއްވީ ރާޝްތުރަޕަތީ ބަވަންގަ އެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

އެ ބައްދަލު ކުރެއްވުމުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ވިދާޅުވީ ރާއްޖެއަކީ ނެއިބާހުޑް ފަސްޓް ޕޮލިސީގެ ދަށުން މުހިންމު ގައުމެއް ކަމަށެވެ.

އިންޑިއާގެ ނައިބުރައީސް ޖަގްދީޕް ދަންކާރް ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައި މަޝްވަރާތަކެއް ވަނީ ކުރައްވާފަ އެވެ.

ރައީސް މުއިއްޒު (ވ)، އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންކާރް (ކ) އާ ބައްދަލު ކުރެއްވުން -- ފޮޓޯ: އެކްސް


އިންޑިއާގެ ނައިބު ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ގާއިމުވެފައިވާ ތާރީހީ ގުޅުން އަދާ ހަމައަށްވެސް ދެމިއޮތް ކަމީ، ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާ ގިނަ ދާއިރާތަކެއްގައި ދޭދޭ ފަރުދުން އެއްބައިވަންތަ ކުރުވާ ކަމެއް ކަމަށެވެ.

އެ ބައްދަލު ކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ އަންނަ އަހަރަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވައި، ދެ ގައުމު ދެމެދު ވިޔަފާރި އާއި ރަހުމަތްތެރިކަމުގެ ގުޅުމުގެ އެތައް ގަރުނެއްވީ ތާރީހެއް އޮތްކަން ފާހަގަކުރައްވާފަ އެވެ.

ރާއްޖެއަށް މެދުވެރިވާ ހައްސާސް ހާލަތްތަކުގައި އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން އިސްކަންދޭ ދިނުމުން އަންގައިދެނީ، ދެ ގައުމުގެ ދެމެދުގައި އިތުބާރު ގާއިމުކުރެވިފައިވާ މިންވަރުކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އޮކްޓޯބަރު 10، ގެ ނިޔަލަށް ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ސަރުކާރުގެ ވަޒީރުން ވެސް ހިމެނޭ ގޮތަށް ބޮޑު ވަފްދެއް އެ ގައުމަށް ވަޑައިގަތެވެ.