Advertisement

އިންޑިއާ އާ ގުޅުވައި ހެދި ދޮގުތަކުން ގައުމަށް ލިބުނު ގެއްލުމަށް ސަރުކާރުގެ ވެރިން ޒިންމާވާން ޖެހޭ: ފައްޔާޒު

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއިލް ވާހަކަދައްކަވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އިންޑިއާ އާ ގުޅުވައި ހެދި ދޮގުތަކުން ގައުމަށް ލިބުނު ގެއްލުމަށް ސަރުކާރުގެ ވެރިން ޒިންމާވާން ޖެހޭ: ފައްޔާޒު

އިންޑިއާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ސޮއި ކުރި އެގްރީމެންޓުތަކުންނާއި ކުރި މަޝްވަރާތަކުން، އެނގި ހާމަވީ ވެރިކަން ހޯދުމަށްޓަކައި ޕީއެންސީގެ ވެރިން ހެދި ދޮގުތައް ކަމަށާއި އެ ދޮގުތަކުގެ ސަބަބުން ދިވެހި ގައުމަށް ލިބުނު ގެއްލުމުގެ ޒިންމާ މި ސަރުކާރުގެ ވެރިން އުފުލަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުން އިންޑިއާ އާއެކު މިހާރު ކުރަމުންދާ މަސައްކަތްތަކުން ސާބިތު ކޮށްދެނީ އިންތިހާބު ދުވަސްވަރު ޕީޕީއެމް/ޕީއެންސީން ދެއްކި ވާހަކަތަކަކީ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ މަގުސަދުގައި ހެދި ދޮގުކަން ކަމަށެވެ.

އެ ދޮގުތަކުގެ ސަބަބުން ދިވެހި ގައުމަށް އިގުތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ވަރަށް ބޮޑެތި ގެއްލުންތައް ލިބުނު ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެގޮތުން މި ގައުމަށް މާލީ ދަތިކަން ކުރިމަތިވެ، އެންމެ ބޮޑަށް އެހީ ބޭނުންވި ދަނޑިވަޅުގައި އެއްވެސް ބައެއްގެ އެހީ ނުލިބުމުގެ އިތުރަށް، ފައިނޭންޝަލް މާކެޓުތަކުގައި މި ގައުމުގެ އިތުބާރު ވެސް ގެއްލުނު ކަމަށެވެ.

"މި ހަގީގަތް ދުރާލާ ދެނެގަތުމުގެ ވިސްނުން ޑރ. މުއިއްޒުގެ ނެތުމާއި މި ސަރުކާރުގެ ވެރިންގެ ޒިންމާދާރުކަން ކުޑަ ސިޔާސަތުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި މި ގައުމުގެ އަގު ވެއްޓުމުގެ ހިތި ނަތީޖާ ތަހައްމަލު ކުރަން ޖެހިފައި މިވަނީ ދިވެހި ރައްޔިތުން، ބާރު ހޯދުމަށް ހަޑި މުޑުދާރު ދޮގުތައް ހެދުމުގެ ސަބަބުން ލިބުނު ގެއްލުމަށް މި ސަރުކާރުގެ ވެރިން ޒިންމާ އުފުލަންޖެހޭ،" ފައްޔާޒް ވިދާޅުވި އެވެ.

މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން، ސީދާ ރައީސް މުއިއްޒު ވެސް މީގެ ކުރިން އެ މަޝްރޫއުތަކާ ދެކޮޅަށް އަޑުހަރުކޮށް އަޑު އުފުއްލެވި މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގެ މަޝްވަރާ ކުރެއްވިކަން މިއަދު ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ދެއްވި ޖޮއިންޓު ޕްރެސް ސްޓޭޓުމެންޓުގައި ވަނީ ވިދާޅުވެފަ އެވެ.

އެކަމަށް ފާޑު ވިދާޅުވެ ފައްޔާޒް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިންޑިއާ އާއެކު އޮންނަ ގުޅުމަކީ ނުރައްކަލެއް ކަމަށް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަން މިއަދު އެނގި ހާމަވެއްޖެ ކަމަށެވެ.

"ހައިޑްރޯގްރަފީ އެއްބަސްވުމާއި ޔޫޓީއެފް، އައްޑޫގެ އުމްރާނީ މަޝްރޫއުތައް، އަދި އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރުމުގެ މަޝްރޫއު، [މިހާރުގެ ސަރުކާރުގެ ލީޑަރުން ކުރީގައި މިއީ ކޮލޮނައިޒް ކުރުމުގެ ޕްލޭނެއް ކަމަށް ސިފަކޮށްފައިވާ މަޝްރޫއުތައް] ކުރިއަށް ގެންދިއުމުން ދައްކުވައިދެނީ އިންޑިއާ އާއެކު އޮންނަ ގުޅުމަކީ ދިވެހިރާއްޖެއަށް ނުރައްކަލެއް ކަމަށް ދެއްކުމަކީ ކިހާ ޒިންމާދާރުކަން ކުޑަ ކަމެއްކަން،" މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒުގެ އިތުރުން ވެސް ގިނަ ބަޔަކު ދަނީ ރައީސް މުއިއްޒުގެ ބަދަލުވި ވާހަކަތަކަށް ފާޑުކިޔަމުންނެވެ. އެގޮތުން ކުރީގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު ވިދާޅުވީ އިންޑިއާ މައްސަލައިގައި ރައީސް މުއިއްޒު ނެންގެވި ޔޫޓާން އަކީ މިހައިތަނަށް ރާއްޖޭގެ ވެރިއަކު ނުކުރައްވާވަރުގެ ކަމެއް ކަމަށާއި އެއީ ގައުމަށް ވީ ހިޔާނާތެއް ކަމަށެވެ.