Advertisement

އުންމީދަކީ ރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުވުން: ރައީސް މުއިއްޒު

މީގެ ކުރިން އޮތް ޖަލްސާއެއްގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް


އުންމީދަކީ ރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުވުން: ރައީސް މުއިއްޒު

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ އިންޑިއާ ކަމަށާއި އުއްމީދު ކުރަނީ އެ ގައުމުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އިންޑިއާގެ ގިނަ ފަތުރުވެރިންތަކަކަށް މަރުހަބާ ކިޔުމުގެ ފުރުސަތު ތަނަވަސްވެގެންދިޔުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޑިއާއަށް މިހާރު ކުރައްވަމުން ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއާއެކު ރައީސް މުއިއްޒު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓުމަންޓުގައި އެމަނިކުފާނު ވިދާޅުވީ އުއްމީދު ކުރައްވަނީ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުވެ ދެ ގައުމުގެ ރައްޔިތުންގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދިޔުން ކަމަށެވެ.

"އިންޑިއާ އަކީ އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުއެއް ހިއްސާދާރު، އަޅުގަނޑު އުއްމީދު ކުރަނީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އިންޑިއާގެ ގިނަ ފަތުރުވެރިންތަކަކަށް މަރުހަބާ ކިޔުމުގެ ފުރުސަތު ފަހިވެގެންދިޔުން،" ރައީސް ވިދާޅުވި އެވެ.

އިންޑިއާއަކީ މިދިޔަ ދެ އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ގައުމެވެ. ނަމަވެސް މިއަހަރު އެގައުމުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވާން ފެށީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ފުރައްސާރަ ކުރި މައްސަލައިގަ އެވެ. އެކަމާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް ބުރޫ އަރައި އިންޑިއާގެ ބައެއް ޓްރެވެލް އޭޖެންސީތަކުން ރާއްޖެ ބްލެކްލިސްޓު ވެސް ކުރި އެވެ.

އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް އެމްއެމްޕީއާރުސީން ވަނީ މިއަހަރުގެ މެދުތެރޭގައި "ވެލްކަމް އިންޑިއާ" ގެ ނަމުގައި ރޯޑްޝޯތަކެއް ވެސް އިންޑިއާގައި ކުރިއަށް ގެންގޮސްފަ އެވެ.