Advertisement

އިންޑިއާ މައްސަލައިގައި ރައީސް މުއިއްޒު ނެންގެވި "ޔޫ ޓާން" އަކީ ގައުމަށް ވީ ހިޔާނާތެއް: އުމަރު

7 އޮކްޓޯބަރު 2024 - 22:08 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އުމަރު ވިދާޅުވީ ރައީސް މުއިއްޒުގެ ކިބައިގައި ވެރިއެއްގެ ހުންނަންޖެހޭ އެއްވެސް ސިފައެއް ނެތް ކަމަށް


އިންޑިއާ މައްސަލައިގައި ރައީސް މުއިއްޒު ނެންގެވި "ޔޫ ޓާން" އަކީ ގައުމަށް ވީ ހިޔާނާތެއް: އުމަރު

7 އޮކްޓޯބަރު 2024 - 22:08 0

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެން މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއި ކުރެއްވި އެއްބަސްވުންތަކާއި ކުރެއްވި މަޝްވަރާތަކަކީ ކެމްޕޭނު ތެރޭގައި ދެއްކެވި ވާހަކައާ މުޅިން ހިލާފަށް ކުރެއްވި ކަންކަން ކަމަށާއި މި ނެންގެވި "ޔޫ ޓާން" އަކީ ގައުމަށް ވީ ހިޔާނާތެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރާ ގުޅޭގޮތުން "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ ދޮގު ހަދާ މީހާއަކީ އެއްވެސް ގަދަރެއް ނެތް މީހެއް ކަމަށާއި އިސްލާމް ދީނުގައި ވެސް ދޮގު ހެދުން މަނާ ކުރައްވާފައި އޮންނަނީ އެ ސަބަބަށް ޓަކައި ކަމަށެވެ.

"އެހެންވީމާ ސިޔާސީ ވެރިއަކު، ރައީސުލްޖުމްހޫރިއްޔާއަށް އަންނަ ބޭފުޅަކު ކެމްޕޭނު ޕޯޑިއަމެއްގައި ހުންނަވާފައި ވަރަށް ސާފުކޮށް ހުރިހާ ރަށެއްގައި އިންޑިއާގެ އަސްކަރިއްޔާ ދިވެހިރާއްޖެއިން ބާލާނަމޭ ވިދާޅުވެ، މަގުމަތީ ފޮތި ދަމާފައި މޭމަތީ ބޮޑެތި އަކުރު ޖަހައިގެން ހިންގަވާފައި ވެރިކަމަށް ވަޑައިގެން މިވަރުގެ ބޮޑު ޔޫޓާނެއް ނެންގެވުން އެއީ ގައުމަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއް، ހަމަ ހިޔާނާތެއް ގޮތަށް ނޫނީ އެކަން ސިފަ ނުކުރެވޭނެ،" އުމަރު ވިދާޅުވި އެވެ.

"މިއަދު އިންޑިއާއަށް ވަޑައިގަންނަވާ ހަމަ އެ މީހުންގެ އުނގުގައި އިށީންނަވައި އެ މީހުން ދެއްކި ހުރިހާ އެއްޗެއްގައި ސޮއި ކޮށްގެން އައުމަކީ މި ގައުމަށް ވީ ވަރަށް ބޮޑު ހިޔާނާތެއް."

އުމަރު ވިދާޅުވީ މިއަދު ރައީސް މުއިއްޒު ނެންގެވީ މީގެ ކުރިން ރާއްޖޭގެ އެއްވެސް ވެރިއަކު ނުނަންގަވާ ވަރުގެ "ޔޫ ޓާން" އެއް ކަމަށެވެ. އެއާއެކު މިހާރު ރައީސް މުއިއްޒު އެ ހުންނެވީ އިންޑިއާގެ "ގޮނޑި ކޮއްކޮ" އަކަށް ވެފައި ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ރައީސް މުއިއްޒު ޔޫޓާނެއް ނެންގެވި އެއް ސަބަބަކީ ދައުލަތުގެ ހަރަދު ކުޑަކޮށްގެން ރާއްޖޭގެ މާލީ ހާލަތު ހަމައަކަށް އަޅުވަން ރައީސް މުއިއްޒު ބޭނުންވެވަޑައިނުގަންނަވާތީ ކަމަށެވެ.

ރައީސްގެ ވިސްނުންފުޅު ހުރީ އިތުރު ދަރަނި ނަގައިގެން މާލީ ހާލަތު ރަނގަޅު ކުރުމަށް ކަމަށް އުމަރު ވިދާޅުވި އެވެ.

ޔޫޓާނެއް ނެންގެވި ދެވަނަ ސަބަބަކީ ވެރިއެއްގެ ކިބައިގައި ހުންނަޖެހޭ ސިފަތަކުގެ ތެރެއިން އެއްވެސް ސިފައެއް ރައީސް މުއިއްޒުގެ ކިބައިގައި ނެތުން ކަމަށް އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި އަޅަންޖެހޭ ބައިވަރު ފިޔަވަޅުތައް ނާޅައި އެބަހުރި ކަމަށެވެ. އަދި، އިންޑިއާގެ ދަށު ނުވެ އެމީހުންނާ ގާތް ގުޅުމެއް ބޭއްވުމަށްޓަކައި އިންޑިއާގެ ކުރިމަތީގައި ބުނަންޖެހޭ ބަސް ބުނަން ވެރިމީހާއަށް ކެރެންޖެހޭނެ ކަމަށެވެ.

".... މުއިއްޒުގެ އަސްލު އިޝޫއަކީ އިނގޭތޯ؟ ލީޑާޝިޕް ނެތީ، އެއީ ލީޑަޝިޕްގެ ތެރޭގައި ހިމެނޭ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ގަޓު ހުރުމާ މީހާ ގައިގައި، މީގެތެރެއިން އެއްވެސް ސިފައެއް އެ ބޭފުޅާ ގައިގައި ނެތީ އިނގޭތޯ؟"

އުމަރު ވިދާޅުވީ އިންޑިއާއިން މިއަދު އެއްބަސްވި އެއްބަސްވުންތަކަކީ އެއްގޮތަކަށް ވެސް ހިލޭ ދެއްވި އެއްޗެއް ނޫން ކަމަށެވެ.

އެގޮތުން ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓް އޮފް މޯލްޑިވްސް އާއި އިންޑިއާގެ ރާޝްތިރިޔާ ރަކްޝާ ޔުނިވާސިޓީ އާ މިއަދު ވި އެއްބަސްވުމުގެ އެއް ބޭނުމަކީ އިންޑިއާގެ ފުލުހުން އެ ކޮލެޖުގައި ތަމްރީނު ކުރުން ކަމަށް އުމަރު ވިދާޅުވި އެވެ.

އެކަމަށް ރާއްޖެއިން ހުއްދަ ދީފި ނަމަ، އަބަދުވެސް އިންޑިއާގެ 200 ނުވަތަ 300 ފުލުހުން އެތަނުން ތަމްރީނުވުމަށް އައިސް އަދި، ތަމްރީނު ދިނުމަށް އަބަދުވެސް 50 އެއްހައި އިންޑިއާގެ އިންސްޓްރަކްޓަރުން އެތަނުގައި ތިބޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.

"ދިވެހިރާއްޖެއިން މީގެ ކުރިން ދޫނުދީ ހުރި އެތައް ކަމަކަށް ދޫ ދީފައި މިއަދު މުއިއްޒު އެ ވަޑައިގަންނަވަނީ، އެހެންވީމަ ވަރަށް ބޮޑަށް އަޅުގަނޑުމެންގެ ގައުމިއްޔަތަށާއި އަޅުގަނޑުމެންގެ މިނިވަންކަން ކޮމްޕްރޮމައިޒް ވެގެންދާ ވަރުގެ ކަންތައްތައް މިފަހަރު މުއިއްޒު ވަނީ ކުރައްވައިފަ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމަށް އެ ގައުމުން ބޭނުންވަނީ އައިސްދާނެ ނުރައްކަލެއްގެ އިންޒާރު ދުރާލާ ދޭނެ ސްޓޭޝަނެއް އެތަނުގައި ބެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ. އޭނާ ވިދާޅުވީ އެތަނުގައި އެފަދަ ސްޓޭޝަނެއް ގާއިމު ކުރަން އިންޑިއާއިން ބޭނުންވަނީ އައްޑޫއަކީ އިންޑިއާ ކަނޑުގެ މުހިންމު ސަރަހައްދަކަށް ވާތީ ކަމަށެވެ.

"އިންޑިއާ ވެސް އެމެރިކާ ވެސް ހުރިހާ އެންމެން ވެސް އައްޑޫ އަތޮޅު ބޭނުންވެގެން އެ އުޅެނީ އެ ބޭނުމުގައި، އެހެންވީމަ މިހާރު އެހެނިހެން ދޮރުތަކުން ވަދެ، އެހެނިހެން ނަން ފިލާގަނޑުތައް އަޅުވައިގެން މި ކުރާ މަސައްކަތަކީ އެ މަސައްކަތް އިނގޭތޯ؟ އެހެންވީމާ ކޮންސިއުލޭޓެއްގެ ބޭނުމަކީ ވެސް އެއީ އަދި އެމީހުންގެ ހެލިކަޕްޓަރުގެ ބޭނުމަކީ ވެސް އެއީ އަދި ޕޮލިސް ކޮލެޖު ވެސް އެއުޅެނީ އެ ބޭނުމަށް ބޭނުން ކުރުމަށްޓަކައި،" އުމަރު ވިދާޅުވި އެވެ.

އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސް މުއިއްޒު ގެންދަވަނީ އެ ގައުމުގެ އިސްވެރިންނާ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރަން މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް އެމަނިކުފާނަކީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އަދި، ވެރިކަން ލިބިވަޑައިގަތުމަށް ފަހު ވެސް އިންޑިއާ އާ ދެކޮޅު ސިޔާސަތެއް ގެންގުޅުއްވި ބޭފުޅެކެވެ.