Advertisement

ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލު ކުރަން އިންޑިއާއިން އެހީވަނީ

ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރަން މިދިޔަ ސަރުކާރުން ހަމަޖެއްސި ފައިސާ، މި ސަރުކާރުން ނިންމީ އެހެން ޕްރޮޖެކްޓުތަކަށް ބަހައިލަން -- ފޮޓޯ: އިންޑިއަން ހައިކޮމިޝަން


ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލު ކުރަން އިންޑިއާއިން އެހީވަނީ

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށީގައި ގާއިމު ކުުރުމުގެ މަޝްރޫއުއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެބޭފުޅުން ދެއްވި ގުޅިފައިވާ ބަޔާނުގައި މޯދީ ވިދާޅުވީ ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ވެސް މިހާރަށްވުރެ އަވަހަށް ނިންމުމަށް ބާރު އަޅުއްވާނެ ކަމަށާއި ތިލަފުށީގައި ގާއިމު ކުރާ ވިޔަފާރި ބަނދަރަށް އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ނަމަވެސް އެހީގެ ތަފުސީލެއް މޯދީ ނުދެއްވަ އެވެ.

މިދިޔަ ސަރުކާރުން އޮތީ މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމުގެ މަޝްރޫއުއަށް ބޭނުންވާ 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) އިންޑިއާ އެގްޒިމް ބޭންކުގެ އެހީގައި ހަމަޖައްސައިފަ އެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ނިންމީ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކޮށް އެގްޒިމް ބޭންކުން ހަމަޖެއްސި ފައިސާ އެހެނިހެން ޕްރޮޖެކްޓުތަކުގައި ބޭނުންކުރާށެވެ.

އެކަމާ ގުޅޭގޮތުން އޭރުގެ ފިނޭންސް މިނިސްޓަރު، ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ "އެއްވެސް ފަންޑިން އެއް ނުގެއްލޭނެ" ކަމަށާއި އެ ފައިސާ "ބަހާލާނީ ދިވެހި ރައްޔިތުންނާއި އިގުތިސޯދަށް އެންމެ ބޭނުންތެރި ޕްރޮޖެކްޓުތައް ހިންގުމަށް" ކަމަށެވެ.

ވިޔަފާރި ބަނދަރުގެ މަސައްކަތް ކުރަން ރައީސް މުއިއްޒު ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކޮމްޕެނީގެ ނަމުގައި، ސަރުކާރު ހިއްސާވާ ބޮޑު ފަސް ކުންފުންޏަކުން ހިއްސާވާ، ކުންފުންޏެއް އުފައްދަވައިފަ އެވެ.

އެ ކުންފުނީގެ ހިއްސާދާރުންނަކީ އެސްޓީއޯ އާއި އެޗްޑީސީ އާއި އެމްޕީއެލް އާއި އެމްޓީސީސީ އަދި އެމްއޭސީއެލް އެވެ. ސަރުކާރުން ވަނީ މި ކުންފުނީގެ މަސައްކަތްތަކަށް ފަހިކޮށްދިނުމުގެ ބޭނުމުގައި މާލެ ސަރަހައްދުން 100 ހެކްޓަރުގެ ބިމެއް ދޭން ނިންމައިފަ އެވެ.