Advertisement

މަނާ ޖަނަވާރުތައް ނައްތައިލުމާއި އަނބުރާ ފޮނުވައިލުމުގެ ހަރަދު، ގެންނަ މީހުން އަތުން ނަގަނީ

7 އޮކްޓޯބަރު 2024 - 11:45 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މަނާ ޖަނަވާރުތައް ނައްތައިލުމާއި އަނބުރާ ފޮނުވައިލުމުގެ ހަރަދު، ގެންނަ މީހުން އަތުން ނަގަނީ

7 އޮކްޓޯބަރު 2024 - 11:45 0

ރާއްޖެއަށް ގަވާއިދާ ހިލާފަށް ގެންނަ ޖަނަވާރުތައް ނައްތައިލުމާއި، އެފަދަ ތަކެތި ގެނައި ތަނަކަށް އަނބުރައި ފޮނުވައިލުމުގެ ހަރަދު އެފަދަ ތަކެތި ގެންނަ މީހުންގެ އަތުން ނެގޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ.

ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފަށް ވިއްކާ ތަކެއްޗާއި ގެންގުޅޭ ތަކެތި ފޮނުވައިލުމާއި ނައްތައިލުމާ ބެހޭ ގަވައިދު އެގޮތަށް ބަަދަލުކޮށް އެންވަޔަރްމެންޓް މިނިސްޓްރީން ގެޒެޓްކުރީ އިއްޔެ އެވެ.

ދިރޭ އެއްޗެއް ގެނައި ގައުމަކަށް ނުވަތަ ރެސްކިއު ސެންޓަރަކަށް ނުވަތަ އެކަށީގެންވާ ފެސިލިޓީއަކަށް ފޮނުވައިލާ ނަމަ އެކަމާ ބެހޭ ހުރިހާ އިންތިޒާމުތައް ހަމަޖައްސަން ޖެހޭނީ އާ އުސޫލުގައިވާ ގޮތުން، އެތަކެތި ރާއްޖެއަށް ގެންނަ މީހުންނެވެ. އެގޮތުން އެކަމަށް ބޭނުންވާ ލިޔެކިޔުމާއި، ހަރަދާއި، އެހެނިހެން އިންތިޒާމުތައް ހަމަޖައްސަން ދައުލަތުން އަންގާތާ ހަތް ދުވަހުގެ ތެރޭގައި ހަމަޖައްސަން ޖެހޭނެ ކަމަށް، ގަވައިދަށް ގެނައި އެ ބަދަލުގައި ވެ އެވެ.

ގަވާއިދާ ހިލާފަށް ގެންނަ ޖަނަވާރެއް މަރާލަން ނިންމައިފިނަމަ، އެ ޖަނަވާރެއް މެރުމުގެ ހަރަދަށް ވެސް ޒިންމާވާން ޖެހޭނީ އެ އެއްޗެއް ރާއްޖެއަށް ގެނައި މީހާ އެވެ.

ގަވައިދަށް ގެނައި ބަދަލަށް އިއްޔެއިން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ޖަނަވާރުތައް ގެންގުޅެ އެވެ. އަދި ގަވާއިދާ ހިލާފަށް ޖަނަވާރުތައް އެތެރެ ވެސް ކުރެ އެވެ. އެކަމާ ގުޅިގެން ބެލުމުގެ ދަށަށް ގެންދާ ޖަނަވާރުތައް ނައްތާލާތީ އެކަމާ ގުޅިގެން އާންމުންގެ މެދުގައި ކުރިން ހިޔާލު ތަފާތުވުންތައް ވެސް އޮތީ އުފެދިފަ އެވެ.