Advertisement

ކަރާޗީ އެއާޕޯޓް ކައިރީ އެއްޗެއް ގޮއްވާލައި، އެކަކު މަރާލައިފި

7 އޮކްޓޯބަރު 2024 - 22:42 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކަރާޗީ އެއާޕޯޓް ކައިރީ އެއްޗެއް ގޮއްވާލުން: ހަމަލާގައި އެކަކު ވަނީ މަރުވެފައި -- ފޮޓޯ: ރޮއިޓާސް


ކަރާޗީ އެއާޕޯޓް ކައިރީ އެއްޗެއް ގޮއްވާލައި، އެކަކު މަރާލައިފި

7 އޮކްޓޯބަރު 2024 - 22:42 0

ޕާކިސްތާނުގެ ޕޯޓް ސިޓީގައި ހުންނަ ކަރާޗީ އެއާޕޯޓް ކައިރީ އެއްޗެއް ގޮއްވާލައި، އެކަކު މަރާލައިފި އެވެ.

ޕާކިސްތާނުގެ ޖިއޯ ނިއުސްއިން ބުނީ ހަމަލާދިން ގޮތް މިހާތަނަށް ވެސް ހާމަ ކޮށްފައި ނުވާ ކަމަށާއި ހަމަލާގައި 10 މީހުން ޒަހަމްވި ކަމަށެވެ.

ޕާކިސްތާނު ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ "އަލްޖަޒީރާ" އިން ބުނީ އެ ހަމަލާ ދިނީ އައިއީޑީއެއް ގޮއްވާލައިގެން ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން ގޮވީ ޓޭންކަރެކެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގޮވުމުގެ ސަބަބުން ބައެއް ވެހިކަލްތަކުގައި ރޯވި އެވެ. ނަމަވެސް އެ ސަރަހައްދުގައި ހުރި އެއްވެސް އިމާރާތަކަށް ގެއްލުމެއް ވެފައި ނުވެ އެވެ.

އެ ހަމަލާ ދީފައި ވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ރީޖަނަލް ސަމިޓެއް ބާއްވަން ދެ ހަފްތާއަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ.

ހަމަލާގެ ޒިންމާ ބޮލަޗިސްޓާން ލިބެރޭޝަން އާމީ (ބީއެލްއޭ) އިން ވަނީ ނަގާފަ އެވެ. އަދި އެ ހަމަލާދިނީ ވެހިކަލެއް ގޮއްވާލައިގެން ޗައިނާގެ ރައްޔިތުންނަށް އަމާޒުކޮށް ކަމަށް އެ ޖަމާއަތުން ބުންޏެވެ.

މިދިޔަ އޯގަސްޓް މަހު ބޮލޮޗިސްޓާނުން ވަނީ ޕާކިސްތާނުގައި ހަމަލާއެއް ދީ 70 އަށްވުރެ ގިނަ މީހުން މަރާލާފަ އެވެ. އޭގެއިތުރުން މި އަހަރު ޕާކިސްތާނަށް އެކި ފަހަރު މަތިން އެ ޖަމާއަތުން ވަނީ ހަމަލާތައް ދީފަ އެވެ.