Advertisement

ޔުނައިޓެޑާއި ޗެލްސީ އަށް މޮޅެއް ނުވެވުނު، ޓޮޓެންހަމް ވީ ބަލި

6 އޮކްޓޯބަރު 2024 - 23:22 0

ޗެލްސީގެ ޕާމާ އަތުން ބޯޅަ ހޯދަން ފޮރެސްޓްގެ ވޯޑް-ޕްރައުސް މަސައްކަތްކުރަނީ.


ޔުނައިޓެޑާއި ޗެލްސީ އަށް މޮޅެއް ނުވެވުނު، ޓޮޓެންހަމް ވީ ބަލި

6 އޮކްޓޯބަރު 2024 - 23:22 0

ލަންޑަން (އޮކްޓޫބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ކުޅުނު މެޗުތަކުން އެއްވަރުވިއިރު، ޓޮޓެންހަމް ހޮޓްސްޕާސް އިން ދެ ގޯލުގެ ލީޑެއްނަގާފައިވަނިކޮށް، ފަހަތުން އަރައި، ބްރައިޓަން 3-2 އިން މޮޅުވެއްޖެ އެވެ.

އެސްޓަން ވިލާ ދަނޑުގައި ޔުނައިޓެޑް ވަނީ 0-0 އިން އެއްވަރުވެފަ އެވެ. އަދި ޗެލްސީ ދަނޑުގައި ފޮރެސްޓުން ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ.

ވިލާ ދަނޑުގައި ރޭ ކުޅުނު މެޗުގައި، ޔުނައިޓެޑުން ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. ހިލޭޖެހުމަކުން ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ޖެހި ބޯޅައެއް ހުރަސްދަނޑިއަށް އަމާޒުވިއިރު، މާކަސް ރަޝްފޯޑް ޖެހި ބޯޅައެއް ވިލާގެ ކީޕަރު، އެމިލިއާނޯ މާޓިނޭޒް އަތުގައި ޖެހިފައި ބޭރުވީ ހުރަސްދަނޑީގައި ވެސް ޖެހިފަ އެވެ.

މި މެޗުގައި ވިލާ އަށް ލަނޑެއް ޖަހައިދޭން މޯގަން ރޮޖާސް ޖެހި ބޯޅަތައް ގޯލާ ސީދާނުވެދިޔައިރު، ޔޫރީ ޓީލަމަންސް ޖެހި ޝޮޓް ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ ވަނީ މަތަކޮށްފަ އެވެ.

ވިލާގެ ރޮޖާސް (ކ) ޔުނައިޓެޑްގެ ފެނާންޑޭސް އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.


ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ މޮޅުނުވެވުނަސް ޕޮޒިޓިވް ގިނަ ކަންތައްތަކެއް މި މެޗުން ފެނުނު ކަމަށެވެ.

ޗެލްސީ ދަނޑުގައި ފޮރެސްޓުން ލީޑުނެގީ، ކްރިސް ވުޑް ޖެހި ގޯލުންނެވެ. ޗެލްސީ އަށް އެއްވަރުކޮށްދިނީ ނޯނީ މަޑުއޭކޭ އެވެ.

މެޗުގެ 78 ވަަނަ މިނިޓްގައި، ފޮރެސްޓްގެ ޖޭމްސް ވޯޑް-ޕްރައުސް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކި ނަމަވެސް، ޗެލްސީ މޮޅުވިޔަނުދީ ހިފެހެއްޓުމުގައި ފޮރެސްޓުން ރަނގަޅު ޑިފެންސިވް ކުޅުމެއް ދެއްކި އެވެ.

ބްރައިޓަން ދަނޑުގައި ފުރަތަމަ ހާފުގައި، ބްރެނަން ޖޯންސަން އާއި ޖޭމްސް މެޑިސަން ޖެހި ގޯލުތަކުން ޓޮޓެންހަމް އިން ލީޑުނެގި އެވެ. މި މެޗުގައި، ބްރައިޓަން މޮޅުވީ ދެ ވަނަ ހާފުގައި ތިން ގޯލު ޖަހައިގެންނެވެ.

މި މެޗުގައި ބްރައިޓަންގެ ފަރާތުން ރަނގަޅު އެޓޭކިން ގޭމެއް ދެ ވަނަ ހާފުގައި ފެނިގެންދިޔައިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ، ޔަންކޫބާ މިންޓޭ އާއި ޖިއޮޖީނިއޯ ރޫޓޭއާ އަދި ޑެނީ ވެލްބެކް އެވެ.

ބްރައިޓަން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


މިއީ، މިދިޔަ ނުވަ ވަރަކަށް އަހަރު ތެރޭ، ބްރައިޓަން އިން ފުރަތަމަ ހާފުގައި ދެ ގޯލު ފަހަތުގައި އޮވެގެން ނުކުމެ މެޗެއްގެ ނަތީޖާ އަނބުރާލި ފުރަތަމަ ފަހަރެެވެ. ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ބުނީ، މިއީ އޭނާ ހަވާލުވި ފަހުން އެ ޓީމުގެ އެންމެ ދަށް ކުޅުން ފެނުނު މެޗު ކަމަށެވެ.

ހަތް މެޗުން 14 ޕޮއިންޓާ އެކު، ޗެލްސީ ހަތަރު ވަނައިގައި އޮތްއިރު، ފަސް ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް ވަނި އެ ވަރަށް ޕޮއިންޓް ލިބިފަ އެވެ. ހަތް މެޗުން 10 ޕޮއިންޓާ އެކު، ޓޮޓެންހަމް ލީގުގެ ނުވަ ވަަނައިގައި އޮތްއިރު، ހަތް މެޗުން އަށް ޕޮއިންޓާ އެކު، ޔުނައިޓެޑް އޮތީ، ލީގުގެ 14 ވަނައިގަ އެވެ.