Advertisement

ރައީސް މުއިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުއާ ބައްދަ ލުކުރައްވައިފި

ރައީސް އަދި ޖައިޝަންކަރު މިއަދު ދިއްލީގައި: ބޮޑުވަޒީރު މޯދީއާ ރައީސް މުއިއްޒު ބައްދަލު ކުރައްވާނީ މާދަމާ -- ފޮޓޯ: ޖައިޝަންކަރު


ރައީސް މުއިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުއާ ބައްދަ ލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އަވައްޓެރި އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުގެ ތެރެއިން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު އާ ބައްދަލު ކުރައްވައިފި އެވެ.

މިއީ، ގިނަ ވަޒީރުން ހިމެނޭހެން 50 މީހުންގެ ބޮޑު ވަފުދަކާއެކު އިންޑިއާއަށް ރައީސް ކުރައްވާ ދަތުރުގެ ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް އޮފީހުން ބުނީ ރާއްޖެ އާއި އިންޑިއާ އާއި ރާއްޖޭގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމަށް އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށެވެ. ނަމަވެސް ތަފުސީލެއް ނުދެއްވަ އެވެ. އެ ބައްދަލުވުމަށްފަހު ޖައިޝަންކަރު ވިދާޅުވީ، ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ބައްދަލު ކުރެއްވުމުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.

މީގެ ކުރިން ވެސް ރައީސް މުއިއްޒު އާއި ޖައިޝަންކަރު ދެ ފަހަރެއްގެ މަތިން ވަނީ ބައްދަލު ކުރައްވާފަ އެވެ. އެއީ ރައީސް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ދަތުރާއި ޖައިޝަންކަރު މި ފަހުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިންނެވެ.

އިންޑިއާއަށް ކުރައްވާ ދަތުރު ނިންމާލެއްވުމަށްފަހު ރައީސް އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހެވެ. އިންޑިއާ އަށް ރައީސް މި ކުރައްވާ ދަތުރަކީ އެ ގައުމުގެ ރައީސް ދްރޫޕާދީ މުރްމުރްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރެކެވެ.

ރައީސް މުއިއްޒުގެ ދަތުރުގައި އިންޑިއާގެ ރައީސް މުރްމުރްއާ ވެސް ބައްދަލު ކުރައްވާނެ އެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވާނީ މާދަމާ އެވެ. މޯދީއާއެކު ބާއްވާ ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި ގުޅުން އިތުރު ކުރަން ރަސްމީ ވާހަކަތައް ކުރިއަށްގެންދާނެ އެވެ. ރައީސްގެ އިންޑިއާ ދަތުރުގައި މުމްބާއީ އަދި ބެންގަލޫރަށް ވެސް ވަޑައިގަންނަވާނެ އެވެ.

ވެރިކަމުގެ ކުރީކޮޅު އެ ގައުމާއެކު ޖެހުނު މައްސަލަތައް ހައްލުވެ، ދިވެހި ބޮޑު ވަފުދަކާއެކު ރައީސް އިންޑިއާއަށް މި ވަޑައިގަންނަވަނީ ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެއްގަ އެވެ. ރައީސްގެ ދަތުރުގައި އިންޑިއާއިން މާލީ ގޮތުން އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ބްލޫމްބާގް ނޫހުން މީގެ ކުރިން ބުނެފައިވެ އެވެ.