Advertisement

މިއަދުގެ ހަބަރުތައް ކުރުކޮށް

6 އޮކްޓޯބަރު 2024 - 12:33 0

އެޑިއުކޭޝަން މިނިސްޓަރު ޝަފީއު: ވިދާޅުވީ ތައުލީމީ ދާއިރާއަށް އޮތް އެންމެ ބޮޑު މައްސަލައަކީ ޕްރައިމަރީ ގްރޭޑުތަކަށް ކިޔަވައިދޭނެ ޓީޗަރުން ނެތުން ކަމަށް -- ފޮޓޯ: ރައީސް އޮފީސް


މިއަދުގެ ހަބަރުތައް ކުރުކޮށް

6 އޮކްޓޯބަރު 2024 - 12:33 0

ޕްރައިމަރީ ޓީޗަރުން ނެތުމަކީ އެންމެ ބޮޑު މައްސަލަ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެ

ތައުލީމީ ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޕްރައިމަރީ ގްރޭޑުތަކަށް ކިޔަވައިދޭނެ ޓީޗަރުން ނުލިބުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޝަފީއު ވިދާޅުވީ އެ މައްސަލަ ހައްލު ކުރަން މިހާރު ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ޓީޗިން ދާއިރާއިން ކިޔަވާ ދަރިވަރުންގެ ތެރެއިން ވަކި އަދަދެއް ޕްރައިމަރީ ގްރޭޑުތަކަށް ކިޔަވައިދޭ ޓީޗަރުންނަށް ހަދަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މައިގަނޑު މައްސަލައެއްގެ ގޮތުގައި ހަމަ އެންމެ ބޮޑު މައްސަލައަކީ އަޅުގަނޑު ފާހަގަ ކުރާނީ ޕްރައިމަރީ ޓީޗަރުން މަދުވުން. އަޅުގަނޑުމެން މިހާރު ފައްޓާފައިވާ ޕްރޮގްރާމަށް ބަލާއިރު އަޅުގަނޑުމެންނަށް [ޓީޗިން ކޯހަށް] މި ލިބިފައިވާ ދަރިވަރުންގެ ތެރެއިން އެކަށީގެންވާ އަދަދެއް ޕްރައިމަރީ ޓީޗަރުންނަށް ހާއްސަ ކުރެވިއްޖެ ނަމަ އަޅުގަނޑުމެން ގަބޫލު ކުރަނީ ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ލިބިގެންދާނެއޭ،" ޝަފީއު ވިދާޅުވި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން 2020 ވަނަ އަހަރު އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި 10،424 ޓީޗަރުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން ދިވެހި ޓީޗަރުންގެ އަދަދަކީ 8،184 އެވެ.

ކުޅުދުއްފުށީ މަގުތަކުގައި އިސްތިހާރު ހަރު ކުރުމަ ބެހޭ އުސޫލެއް ހަދައިފި

ހދ. ކުޅުދުއްފުށީ މަގުތަކުގައި އިސްތިހާރު ހަރުކުރުމާ ބެހޭ ގަވާއިދެއް ހަދައި އެ ސިޓީގެ ކައުންސިލުން މިއަދު ގެޒެޓުކޮށްފި އެވެ.

ކުޅުދުއްފުށި ކައުންސިލުން ބުނީ އެ އުސޫލު ހެދުމުގެ ބޭނުމަކީ، ރަށު ތެރޭގައި އިސްތިހާރު ބެހެއްޓުމުގެ ކަންކަން ހަރުދަނާ އުސޫލެއްގެ ތެރެއިން ރެގިއުލޭޓް ކުރުން ކަމަށެވެ.

އިސްތިހާރު ބެހެއްޓުމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ ހަތް ޒޯނެއް ކަނޑައަޅައިފަ އެވެ. އެއީ އުތުރު ބަނދަރު ގްރީން ޒޯނާއި ބޮޑު މުހައްމަދު ކަލޭފާނު ބަނދަރު ގްރީން ޒޯނާއި ބަންޑާރަ މަގު ބައޮސްވޭލް ސަރަހައްދާއި ސްޓޭޑިއަމް ކުރިމަތިން އަމީނީ މަގުގެ ހުޅަނގު ފަޅި އާއި ކޮމިއުނިޓީ ޕާކު ސަރަހައްދާއި ރިންގު ރޯޑުގެ ހުޅަނގު ފަޅި އާއި އެއާޕޯޓު ސަރަހައްދެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ރީނދޫ އެލާޓް ނެރެފި

ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ބާރުވުމާ އެކު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ރީނދޫ އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖީސާވިސް އިން މީގެ ކުޑައިރުކޮޅެއް ކުރިން ނެރުނު ރީނދޫ އެލާޓްގައިވާ ގޮތުން ހއ.އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެ އެވެ.