Advertisement

ގަދަ 16 ގައި އެސްޓީއޯ އާއި ވެމްކޯގެ ކުރިމަތިލުމެއް

6 އޮކްޓޯބަރު 2024 - 08:08 0

އެސްޓީއޯ ޓީމުގެ އިސްމާއިލް އީސާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ގަދަ 16 ގައި އެސްޓީއޯ އާއި ވެމްކޯގެ ކުރިމަތިލުމެއް

6 އޮކްޓޯބަރު 2024 - 08:08 0

ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ގައި އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އާއި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، އެސްޓީއޯ ރެކްރިއޭޝަން ކްލަބް ކުރިމަތިލާން ޖެހިއްޖެ އެވެ.

ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އެސްޓީއޯ އަކީ މި ފަހަރުގެ މުބާރާތުގައި ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން، ނޮކައުޓަށް އައި ފަސް ޓީމުގެ ތެރެއިން އެއް ޓީމެވެެ.

ވެމްކޯ އިން މި ފަހަރުގެ މުބާރާތުގައި ގްރޫޕް ސްޓޭޖުގައި ޕޯޓްސް ރެކްރިއޭޝަން ކްލަބް (އެމްޕީއެލް) އަތުން ބަލިވުމުން، ގްރޫޕް ނިންމާލަން ޖެހުނީ ދެ ވަނައިގަ އެވެ. އެސްޓީއޯއާ ދެކޮޅަށް ވެމްކޯ ކުޅެން ޖެހުނީ ވެސް ދަށް ޕޮޓަކަށް ދިއުމުންނެވެ.

ގަދަ 16 ބުރުގެ މެޗުތައް


މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި 28 ޓީމު ވާދަކުރާތީ، ގަދަ 16 ހޮވުމުގައި ބެލީ ހަތް ގްރޫޕްގެ އެއް ވަނަ އާއި ދެ ވަނަ އަށް ގަދަ 16 ޖާގަ ލިބޭއިރު، ހަތް ގްރޫޕްގެ ތިން ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ޓީމަކަށް ނޮކައުޓުން ފުރުސަތު ލިބޭ ގޮތަށެވެ. ތިން ވަނަ ޓީމުތަކުގެ ތެރެއިން ގަދަ 16 އަށް ދަތުރުކުރީ އެމްއޭސީއެލް އާއި ކްލަބް އިމިގްރޭޝަން އެވެ.

އެމްއޭސީއެލް އިން އެޗްޑީސީއާ ދެކޮޅަށް ގަދަ 16 ގައި ކުޅޭއިރު، އިމިގްރޭޝަން އިން ނުކުންނަން ޖެހޭނީ ސްޓެލްކޯ ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ. ސްޓެލްކޯ އާއި އިމިގްރޭޝަން މި ފަހަރު ވާދަކުރީ އެއް ގްރޫޕެއްގަ އެވެ. އެ މެޗުން, ސްޓެލްކޯ އިން ވަނީ 2-0 އިން އިމިގްރޭޝަން ބަލިކޮށްފަ އެވެ.

ގަދަ 16 ބުރުގެ މެޗުތައް ކުޅޭނީ ހޯމަ ދުވަހުގެރެޔާއި އަންގާރަ ދުވަހުގެ ރޭގަ އެވެ.

އެ ގޮތުން، ހޯމަ ދުވަހުގެރޭ، 20:30 ގައި ފަށާނީ، އެފްއެސްއެމް އާއި މޯލްޑިވިއަންގެ މެޗާއި ވެމްކޯ އާއި އެސްޓީއޯ ބައްދަލުކުރާ މެޗެވެ. އަދި އެރޭ 22:15 ގައި، އެޗްޑީސީ އާއި އެމްއޭސީއެލް އަދި ސްޓެލްކޯ އާއި އިމިގްރޭޝަން ކުޅޭ މެޗު އޮންނާނެ އެވެ. އަންގާރަ ދުވަހުގެރޭ، 20:30 ގައި، ބީއެމްއެލް އާއި ދިރާގުގެ މެޗާއި އާރްއާރްސީ އާއި ކްލަބް ޓީޓީއެސް ކުޅޭ މެޗު އޮންނާނެ އެވެ. އަދި އެރޭ 22:15 ގައި، އެމްޕީއެލް އާއި ކްލަބް ފެން ބައްދަލުުކުރާއިރު، ދިވެހި ސިފައިންގެ ކްލަބުން ކުޅޭނީ ޕްރިޒަން ކްލަބާ އެވެ.