5 އޮކްޓޯބަރު 2024 - 22:09 0
ލީވާން އަލީ ނާސިރު
ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް: ޗާގޯސް މައްސަލައިގައި ސަރުކާރުން ވައުދާ އެއްގޮތަށް އަމަލު ނުކުރާތީ ޑިމޮކްރެޓްސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: އަދަދު ފައިލް
5 އޮކްޓޯބަރު 2024 - 22:09 0
ޗާގޯސް ރަށްތަކުގެ ސިޔާދަތާ ގުޅޭ ގޮތުން ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުންދިޔަ ސިޔާސަތު ކުރީ ސަރުކާރުން ބަދަލު ކުރުމުން، އެކަން ބައްލަވާނެ ކަމަށް މި ސަރުކާރުން ވައުދުވި ނަމަވެސް މިހާތަނަށް އެ ވައުދާ އެއްގޮތަށް އަމަލު ކޮށްފައި ނުވާތީ ދަ ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޑިމޮކްރެޓްސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކުރީ ސަރުކާރުން ސިޔާސަތު ބަދަލު ކުރުމުން ރާއްޖެއަށާއި ދިވެހިންނަށް ލިބުނު ގެއްލުމާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް މިހާތަނަށް ފިޔަވަޅު އަޅާފައި ނުވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
"ޗާގޯސް ރަށްތަކުގެ ސިޔާދަތާ ގުޅޭގޮތުން އުފެދިފައިވާ ދެބަސްވުމުގައި، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ގަބޫލު ކުރައްވައި، ދިވެހިރާއްޖޭގެ ފަރާތުން ދައުވާ ކުރުމުގެ ހައްގު ނިމިދިޔަ ސަރުކާރުން ސިއްރު ސިޓީއަކުން ދޫކޮށްލައްވައި އަދި އދ. ގައި އެގޮތަށް ވޯޓު ދެއްވުމަކީ ދަ ޑިމޮކްރެޓްސްއިން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށް، ކުށްވެރި ކުރި ކަމެއް،" އެ ޕާޓީން ނެރުނު ބަޔާނުގައި ބުންޏެވެ.
ޑިމޮކްރެޓްސްއިން ބުނީ ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އެ ނިންމުން އަލުން މުރާޖާ ކުރާނެ ބުނެފައިވާއިރު ޗާގޯސް ރަށްތަކުގެ ސިޔާދަތުގެ މައްޗަށް ދައުވާ ކުރުމުގެ ހައްގު އަލުން ހޯދުމަކީ އެމަނިކުފާނގެ ރިޔާސީ ވައުދެއް ކަމަށެވެ.
މި ސަރުކާރުން އެކަމާ މެދު އެއްވެސް ފިޔަވަޅެއް ނާޅަނީސް އިނގިރޭސިވިލާތުގެ ސަރުކާރުން ޗާގޯސް، މޮރިޝަސްއާ ހަވާލު ކުރަން ނިންމާފައިވާކަން ޑިމޮކްރެޓްސްއިން ފާހަގަ ކުރި އެވެ.
ޑިމޮކްރެޓްސްއިން ބުނީ އެކަމަށް ދައުވާ ކުރުމުގެ ހައްގު ރާއްޖެއިން ދޫކޮށްލުމުގެ ސަބަބުން ނުވަތަ އެ ހައްގު އަލުން ހޯދައި ދިނުމަށް މަސައްކަތް ނުކުރުމުގެ ކުރުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތައް ގެއްލުން ލިބިފައިވާ ކަމަށެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފަ އެވެ. އަދި, ރާއްޖެއާ ޗާގޯސް ޖަޒީރާއާ އާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން ބައިކޮށްފައިވެސްވެ އެވެ.
މި ސަރުކާރުން ވެރިކަމަށް އައީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރާނެ ކަމަށް ވައުދުވަމުންނެވެ. މިއަދާ ހަމައަށް ވެރިކަމަށް 320 އަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ސަރުކާރުން އަދިވެސް އެކަމުގައި ގޮތެއް ނުނިންމަ އެވެ.
Comment